ސްރީ ލަންކާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ގެއްލިފައިވާ މީހުންގެ ފޮޓޯތަކެއް ހަރުކޮށްފައިވާ ތަނެއްގައި، ތަމަޅައިންގެ މީހަކު އޭނާގެ އާއިލާގެ މެންބަރެއްގެ ފޮޓޯ ހިފައިގެން: ލަންކާގެ ހަނގުރާމައިގެ ޖަރީމާ ތަހުގީގުކުރަން ބައިނަލްއަގުވާމީ ޓީމެއް ކަނޑައެޅުމާ ލަންކާ ދެކޮޅު. -- ފޮޓޯ: އޭއެފްޕީ
09 ސެޕްޓެމްބަރ 2025 - 04:50
ސްރީ ލަންކާގައި ލައްކައަކަށްވުރެ ގިނަ މީހުން މަރުވި ދާހިލީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަ ބައިނަލްއަގުވާމީ ޓީމެއްގެ ބެލުމުގެ ދަށުން ތަހުގީގުކުރުމަށް ގޮވާލާފައި ވާތީ ލަންކާއިން އެކަމާ ދެކޮޅުހަދައިފި އެވެ.
ފޮރިން މިނިސްޓަރު ވިޖިތާ ހެރަތު، ޖެނީވާގައި ހުންނަ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވިދާޅުވީ، އދ.ގެ "އެކައުންޓަބިލިޓީ ޕްރޮޖެކްޓް" އާ ދެކޮޅު ކަމަށެވެ. އެއީ ލަންކާގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކޮށް، ދައުވާކުރުމަށް ބޭނުންވާ ހެކި އެއްކޮށް، ރައްކާކުރުމާ ބެހޭ ގޮތުން ކުރުމަށް ހަމަޖައްސާފައިވާ މަސައްކަތެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަގެ ސަރުކާރުން ނަސްލީ ދެކޮޅުވެރިކަން ނައްތާލައި މައްސަލަތައް ހައްލުކުރުމަށާއި ޖުޑީޝަރީގެ މިނިވަންކަމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ލަންކާގެ ދާހިލީ ހަނގުރާމަ މެއި 2009 ގައި ނިމުނު އިރު، ހަނގުރާމައިގެ ފަހުކޮޅު ސަރުކާރު ސިފައިން ތަމަޅައިންގެ 40،000 މީހަކު މެރި ކަމަށް ތުހުމަތުކުރެވެ އެވެ. މި މައްސަލަ ބެލުމަށް އދ. އާއި އެކި ޖަމާއަތްތަކުން ގޮވާލަމުން ދިޔަ ނަމަވެސް ލަންކާގެ ކޮންމެ ސަރުކާރަކުން ވެސް ވަނީ އެކަމަށް ދެކޮޅުހަދައިފަ އެވެ.
"ބޭރުގެ އެއްވެސް ބަޔަކު ލަންކާއަށް މިފަދަ ކަމެއް މަޖުބޫރުކޮށްގެން ކުރިއަށް ގެންދާ، އެކައުންޓެބިލިޓީ ޕްރޮޖެކްޓް ފަދަ ހުރިހާ ކަމަކަށް ސަރުކާރުން ދެކޮޅުހަދަން. މި ކަންކަމުގެ ސަބަބުން، މައްސަލަތައް ހައްލުކުރުމަށް މިހާރު ކުރިއަށް ގެންދާ ކަންކަމަށް ހުރަސްއެޅި، އިތުރު ފިތުނަ އުފެދި ހާލަތު އިތުރަށް އުނދަގޫވާނެ،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ވެރިޔާ ވޮލްކާ ޓާކް ވަނީ ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވައިފަ އެވެ. އަދި އޭނާ ވަނީ ލަންކާއިން ދެކޮޅުހެދި ކަމުގައި ވިޔަސް، ކައުންސިލްގެ މެންބަރުން އެކައުންޓެބިލިޓީ ޕްރޮޖެކްޓަށް ތާއީދުކުރުމަށް އެދިވަޑައިގެންފަ އެވެ.
ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފެއްދުމަށް ހަނގުރާމަކުރަމުން ދިޔަ ޓެމިލް ޓައިގާސް މީގެ 16 އަހަރު ކުރިން ބަލިކޮށް، 37 އަހަރަށް ފަހު ލަންކާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނަ އެވެ. މި ހަނގުރާމާގައި 100،000 މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހު
09 September 2025
އދ އަކީ ފިތުނަ ފަސާދަ އުފައްދާ ތަނެކެވެ. އެއީ ދުނިޔޭ ގެ ހަލާކެވެ. ނިޒާމުތަށް ފުނޑުފުނޑު ކުރާ ތަނެކެވެ. ދެފުއްކެހެރި ތަނެކެވެ. އެންމެ މޮޅުގޮތަކީ ތިޔަތަން އުވާލުމެވެ.
ވަކަރުގެ
09 September 2025
މާބޮޑަށް އެދުރުވެފަ ތިހުރީ
ޖުހާގެ ބުއްދި
09 September 2025
މިމީހުން ނޫޅޭދޯ ޓެރަރިސްޓް އިޒްރޭލް ކުރާކަންކަން ހަލުވިކޮށް ބަލާ އެބައި މީހުންނަށް ފިޔަވަޅުއަޅަން
ނޭވާރސީ
09 September 2025
ޚަބަރުތައް ކިޔާބަލަ ރަގަޅަށް. އެމީހުން އިސްރޭލްކުއްވެރިކޮށް އެތަށް ރިޕޯޓެއްނެރެފި. ބައިނަލްއަގްވާމީ ކޯޓްތަކަށް ހުށަހަޅައިފަ އެބަހުރި.