ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ. އޭނާ އަދިވެސް ދިރިއުޅުއްވަނީ ދައުލަތުގެ އިމާރާތެއްގައި. ފައިލް ފޮޓޯ
10 ސެޕްޓެމްބަރ 2025 - 21:59
ސްރީ ލަންކާގެ ކުރީގެ ރައީސުންގެ އިމްތިޔާޒްތަކުގެ ގާނޫނު އުވާލަން ހުށަހެޅި " ޕްރެޒިޑެންޓްސް އެންޓައިޓުލްމެންޓް ރިޕީލް ބިލް" ފާސްކުރުމާ އެކު ކުރީގެ ރައީސުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ ލީޑަރު މަހިންދަ ރާޖަޕަކްސަގެ ރަސްމީ ގެކޮޅު ހުސްކުރަން ނިންމަވައިފި އެވެ.
ސްރީ ލަންކާގެ ނޫސްތަކުން ބުނީ ރަސްމީ ގެކޮޅު ހުސްކުރަން މަހިންދަ ތައްޔާރުވެވަޑައިގެންފައިވާކަން މައުލޫމާތު އެނގޭ މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ކުރީގެ ރައީސުންގެ އިނާޔަތްތައް އުވާލާ ބިލު ލަންކާގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ފާސްކުރީ 151 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
ލަންކާގެ މަޖިލިސް ރައީސް ސޮއިކުރެއްވުމާ އެކު އެ ބިލް ގާނޫނަކަށް ވުމުން ކުރީގެ ހުރިހާ ރައީސުން ވެސް އެ ބޭފުޅުން މިހާރު ދިރިއުޅުއްވާ ދައުލަތުގެ އިމާރާތްތަކުން ނުކުމެވަޑައިގަންނަވަން ޖެހޭނެ އެވެ.
އެ ބިލަށް ބަހުސްކުރި އިރު ގާތްގަނޑަކަށް މުޅި ބަހުސްގެ ވެސް އަމާޒަކަށް ވެފައި އޮތީ މަހިންދަ ދިރިއުޅުއްވާ ގެކޮޅަށެވެ. ލަންކާގެ މިހާރުގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ ވިދާޅުވަމުން ގެންދަވާ ގޮތުގައި އެ ގެކޮޅުގެ ކަންތައްތައް ބަލަހައްޓަން ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. ހަމަ އެކަނި އެ ގެކޮޅުގެ ރެންޓަލް ވެލިއު (ކުއްޔަށް ދީފި ނަމަ ލިބޭނެ އާމްދަނީގެ އަގު) މަހަކު 4.6 މިލިޔަން ރުޕީސް އަށް އަރާ ކަމަށް ޑިސަނަޔަކަ ވިދާޅުވި އެވެ.
އެ ގެކޮޅުން ނުކުންނަވަން ރަސްމީކޮށް އަންގައިފި ނަމަ ނުކުންނަވާނެ ކަމަށް މަހިންދަ ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސުންގެ އިމްތިޔާޒުތަކުގެ ގާނޫނު އުވާލަން ހުށަހެޅީ ސިޔާސީ ގޮތުން ބަދަލުހިފުމުގެ ގޮތުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
ބިލު ގާނޫނަކަށް ވުމުން ކުރީގެ ދެ ރައީސުން ކަމަށްވާ މައިތިރިޕާލާ ސިރިސޭނާ އާއި ޗަންދުރިކާ ބަންޑާރަނައިކަ ކުމާރަތުންގަ ވެސް އެ ބޭފުޅުން މިހާރު ދިރިއުޅުއްވާ ގެކޮޅުތަކުން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮނުއަނގަ
13 September 2025
މިޤައުމުގައި ވެރިކަން ކުރާ މީހުމް ކުރާ ވައްކަންތަކާ ޚިޔާނާތް ބެލޭނެ އަދި ބަލާނެ ޤާނޫނެއް ނެތް. މާނަޔަނީ ވެރިކަން ކުރާ މީހުން ކުރަނެ ކަމެއް ކޮށްފައި ދޭށޭ. މިއުޞޫލު ބަދަލުކުރާނެ އެކަކުވެސް މިޤައުމުގައި ނެތް. ވެރިކަމުގެ ބާރެއް ލިބުމަކީ ވައްކަން ކިރުމަށް ދެއްވާ ޤާނޫނު ހަދާ މަޖިލީހުން ދޭޗާންސެއް.
ޖައިސާމް
12 September 2025
ރާއްޖޭގެ ސިފައިން، ފުލުހުން، މަޖިލިސް މެމްބަރުން، ބޭފުޅު އާއިލާތައް، ކުރީގެ ރައީސުން، މީ ހައްތަހާވެސް ރައްޔިތުންގެ ފައިސާއަށް ބަލަދު އަރާފަ ތިބޭ މީހުން. ދައުލަތް އިނދެ ޖެހޭއިރުވެސް މިމީހުނަށް ބޯކޮށް ބައިއަޅަން ޖެހޭ.
މިންސް
11 September 2025
މި ގައުމުގަ ސިފައިންނާއި ފުލުހުންގެ އާއިލާތަކަކީ ސަރުކާރާ ނުބައްދަލު ބަލަދެއް އަރާފައި ތިބޭބައެއް.
ފޫހި
11 September 2025
މިއީ ވަރަށް މުހިންމުކަމެއް. މިބިލުގެ ސަބަބުން ވެރިކަމުގައި ހުންނައިރު އަނިޔާވެރިވުމާއި ޚިޔާނާތް ހިންގުން ހުއްޓޭނެ. އެއީ އޭރުން ރައީސްކަން ކުރާއިރު ނުވަތަ މެމްބަރުކަންކުރާއިރު ވިސްނޭނެ ތިމަންނާ މި މަޤާމުގެއްލުނީމާ ދެން އުޅެންޖެހޭނީ ހަމަ އާދައިގެ މީހުންނާ އެއްގޮތަށްކަން
ކޮރަލް
11 September 2025
ރާއްޖޭގެ އާބާދީ އަށް ބަލާއިރު ރައީސުންނާއި ނާއިބް ރައީސުން ގިނަ ވެއްޖެ އެވެ.
ފެންސު
11 September 2025
ތީގެ ކޮޕީއެއް މިތާކުދިންނަށްވެސް ފޮނުވާލަދީބަލަ. މިތާގަ ރައީސުން، ނާއިބުރައީސުން އަދި މަޖިލިސްމެންބަރުންނަކީ ރައްޔިތުންނަށް ބަލަދުއަރާފަތިބޭ ބައެއް.
އަލިހުރަސް ކަނޑު ތެރެއިން
11 September 2025
"ނަމަވެސް ރައީސުންގެ އިމްތިޔާޒުތަކުގެ ގާނޫނު އުވާލަން ހުށަހެޅީ ސިޔާސީ ގޮތުން ބަދަލުހިފުމުގެ ގޮތުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ."... މިއޭ މިވެރިންގެ މައްސަލައަކީ. ހަތަރު ފަސް އަހަރު ވެރިކަމުގަ ހޭދަކުރެވުނީމަ މިވެރިންނަށް ހީވަނީ މުޅި އުމުރުދުވަހު އުޅެންޖެހެނީ ރައްޔިތުން އިނދަޖައްސާލާފަ ރައްޔިތުންގެ ފައިސާގަ އަރާމާ އުފަލުގަ ކަމަށް. މިއިރު ލަންކާ މިހާލަތަށް ގެންދިޔައީވެސް ހަމަ މިވެރިންނޭ.