އެމެރިކާގެ ކަނާތުފިޔައިގެ ސިޔާސީ އެކްޓިވިސްޓު ޗާލީ ކާކް މަރުވި ހަމަލާގެ އިރުކޮޅެއް ކުރިން ޔޫޓާ ޔުނިވަސިޓީގައި މީހުންގެ ސުވާލުތަކަށް ޖަވާބު ދެނީ. -- ފޮޓޯ: ރޮއިޓާސް
11 ސެޕްޓެމްބަރ 2025 - 09:00
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކުވެރިއެއް ކަމަށްވާ ނުފޫޒު ގަދަ އެކްޓިވިސްޓް ޗާލީ ކާކް ޔޫޓާ ޔުނިވަސިޓީގެ އިވެންޓެއްގައި ވާހަކަ ދައްކަން އިންދާ ބަޑިން ހަމަލާދީ މަރާލައިފި އެވެ.
އުމުރުން 31 އަހަރުގެ ކާކް އަކީ ޒުވާނުންގެ ގްރޫޕެއް ކަމަށްވާ "ޓާނިން ޕޮއިންޓް ޔޫއެސްއޭ" ގެ އެއް ފައުންޑަރެވެ. ސިޔާސީ މަރެއްގެ ގޮތުގައި މިކަން ބެލެވިފައި ވާއިރު ޓްރަމްޕު ވަނީ ކާކްގެ މަރަކީ ގައުމީ ހިތާމައެއް ކަމަށް ކަނޑައަޅުއްވައި ބައި ދަނޑިއަށް ދިދަ ވެސް ތިރިކުރަން އަންގަވައިފަ އެވެ.
"އެމެރިކާގެ ޒުވާނުންގެ ހިތް ޗާލީއަށްވުރެ ރަނގަޅަށް އެނގޭ މީހަކު ނުހުންނާނެ. އޭނާ ވަނީ އެންމެންގެ ލޯބި ހޯދާފައި. ހާއްސަކޮށް އަޅުގަނޑުގެ. އޭނާ އަހަރެމެންނާ އެ ވަކިވީ،" ޗާލީގެ މަރު އިއުލާނުކޮށް ޓްރަމްޕު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައިވެ އެވެ.
ޔޫޓާގެ އިދާރާތަކުން ބުނީ ކަނާތުފިޔައިގެ ފިކުރަށް ތާއީދުކުރާ ކާކް މަރުވީ ސީދާ އޭނާއަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ކަމަށް ބެލެވޭ ކަމަށާއި ޖަހާފައިވަނީ އެންމެ އުންޑައެއް ކަމަށެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކާކް އިންނަނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އައުޓް ޑޯ އިވެންޓެއްގައި، މީހުންގެ ސުވާލުތަކަސް ޖަވާބު ދިނުމަށް ގޮނޑިއެއްގައި އިށީނދެގެންނެވެ. އެހެން އިންދާ ބަޑީގެ އަޑާއެކު ފެންނަނީ ވައަތްފަރާތުން ކަނދުރާއަށް އުންޑަ އަރައި ލޭތައް އޮހޮރިގަންނަ މަންޒަރެވެ. އެއާ އެކު އޭނާ ގޮނޑިން ވެއްޓެ އެވެ.
މި މަރާ އެކު އެމެރިކާގައި ނުތަނަވަސްކަން އިތުރުވެފައި ވާއިރު ޓްރަމްޕު ވަނީ "ވާތުފިޔައިގެ ހަރުކަށި" މީހުންނާ މި މަރާ ގުޅުވައި ވާހަކަ ދައްކަވައިފަ އެވެ.
ޗާލީ ކާކްގެ ކަނދުރާއަށް ބަޑީގެ ވަޒަން އެރުމާ އެކު ވެއްޓެނީ
އިދިކޮޅު ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ ކުރީގެ ރައީސުން ކަމަށްވާ ޖޯ ބައިޑެން އާއި ބަރަކް އޮބާމާ ވަނީ މި މަރާ މެދު ހިތާމަ ފާޅުކުރައްވައި އެ އަމަލު ކުށްވެރިކުރައްވައިފަ އެވެ.
ޔޫޓާގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ސޭފްޓީގެ ކޮމިޝަނަރު ބީއު މޭސަން ވިދާޅުވީ ކާކް މަރާލި ހަމަލާ ދީފައިވަނީ ޔުނިވަސިޓީގެ އިމާރާތެއްގެ ފުރާޅުމަތީގައި އޮވެގެން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ "އަނދިރި ކުލަޔަކުން ހެދުން އަޅައިގެން ހުރި މީހަކަށް ޝައްކުވާތީ" އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ހަމަލާ ދިން ކަމަށް ބެލެވޭ މީހާއާ ގުޅޭ ގޮތުން މިވަގުތު ލިބިފައިވާ ހަމައެކަނި މައުލޫމާތަކީ ކެމްޕަހުގެ ސީސީޓީވީ ފުޓޭޖެއް. އެ ފުޓޭޖް ވަނީ ލިބިފައި. އެ ވީޑިއޯ މި ގެންދަނީ ދިރާސާކުރަމުން ...،" އޭނާ ވިދާޅުވި އެވެ.
އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް ވިދާޅުވީ ހަމަލާ ދިން ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކުރި ނަމަވެސް އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ކާކް މަރާލީ އޭނާގެ އިވެންޓުގެ ކުރިން ވެސް އެ އިވެންޓުގެ މައުލޫއާ މެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައި ވަނިކޮށެވެ. "އެމެރިކަން ކަމްބެކް ޓުއާ" ގެ ނަމުގައި ބޭއްވި އިވެންޓު ހުއްޓުވަން ގޮވާލައި އޮންލައިން ޕެޓިޝަނެއް ވެސް ހަދާފައި އޮތެވެ. އެ ޕެޓިޝަންގައި ބުނެފައިވަނީ ކާކް ގެންދަނީ އެތައް ބަޔަކު ބަލައިގަންނަ ހަމަތަކާއި ގަބޫލުކުރުންތަކާއި ކުރިއެރުންތަކާ ފާޅުގައި ދެކޮޅުހަދަމުން ކަމަށެވެ.
މިދިޔަ ހަފްތާގައި ޔޫޓާ ޔުނިވަސިޓީން މި މައްސަލައިގައި ބުނެފައިވަނީ ދަރިވަރުންގެ ކްލަބްތަކުން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓުތަކަށް އެކި ފިކުރުގެ މީހުން ގެނެސް ވާހަކަ ދެއްކުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެ ޔުނިވަސިޓީން ބަލައިގަންނަ ކަންތައްތައް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަރާބަރު
11 September 2025
ތިޔަކަހަލަ ސައިތާނުން ނަށް ފެންނާނީ އެއްފަޅި ތިޔަވީގޮތް ރަނގަޅު
ފަލަސްތީން
11 September 2025
ފަލަސްތީނުގަ ހިންގާ ޖެނޮސައިޑްގެ ބޮޑު ސަޕޯޓަރެއް.
ކިންގް ޖޫލިއަން
11 September 2025
ފީލްސް ސަރިޔަލް..... މިއީ ދިރި ތިބީންނަށް ހުރި ބޮޑު މިސާލެއް. ބޮޑާކަމާއިއެކު އޭނާގެ ގޮތުގައި އެނިމިގެން ދިޔައީ. އާއިލާއަށް ކެއްތެރިކަން ދެއްވާށި.
ބާރޯމް
11 September 2025
މީނަ މަރާލާގެން ހިތާމަ ކުރުމެއް ނެތް. ފާޅުގަ އިޒްރޭލުން ހިންގާ ޖަރީމާތައް ފޮރުވަދޭ މީހެއް.
މަ ބުނީ
11 September 2025
އަލް ޙަމްދު ލިއްލާހި ، ﷲ އަކްބަރް.
ޖަލީލީ
11 September 2025
މީނާ އަކީ ފާޅުގައި ޔަހޫދީން ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ގަތުލު އާންމަށް ތާއީދުކޮށް ވާހަކަ ދައްކާ މީހެއް. ޔަހޫދީންގެ ދިފާއުގައި ޔަހޫދީންގެ ޖަރީމާތަށް ފޮރުވާދޭން އަދި ޓްރަމްގެ ހަރުކަށި ސިޔާސަތުތަކަށް ތާއީދުކޮށް ވާހަކަ ދައްކާ މީހެއް.