ފަލަސްތީނުގެ ހަމާސް ޖަމާއަތުން މީގެ ކުރިން އިޒްރޭލާ އެކު ވީ އެއްބަސްވުމެއްގެ ދަށުން އިޒްރޭލުގެ އަސީރުންގެ ބަޔަކު މިނިވަންކުރުމަށް ބޭއްވި ރަސްމިއްޔާތެއް: ހަމާސް އިން ވަނީ ބާކީ ތިބި ހުރިހާ ރަހީނުން މިނިވަންކުރަން އެއްބަސްވެފައި. -- ފޮޓޯ: އޭއެފްޕީ
04 އޮކްޓޯބަރ 2025 - 01:20
ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކުރުމާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުމުގައިވާ ކަންކަމަށް މަޝްވަރާކުރަން ހަމާސް އިން އެއްބަސްވެއްޖެ އެވެ.
ޣައްޒާގެ ހަމަލާތައް ދާއިމީ ގޮތެއްގައި ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން ޓްރަމްޕު ހުށަހެޅުއްވި ޕްލޭނަށް ޖަވާބު ދިނުމަށް ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުގެ އަސީރުންގެ ތެރެއިން ދުނިޔޭގައި ތިބި މީހުންގެ އިތުރުން މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ހަވާލުކުރާނެ ކަމަށެވެ.
"މި އެއްބަސްވުމުގެ ތަފްސީލަށް ގޮސް މީޑިއޭޓަރުން މެދުވެރިކޮށް މަޝްވަރާތައް ވަގުތުން ފަށަން ތައްޔާރަށް އޮތްކަން މި ހަރަކާތުން ޔަގީންކޮށްދެން،" ހަމާސް އިން ޓެލެގްރާމްގައި އާންމުކުރި ބަޔާނުގައިވެ އެވެ.
ޣައްޒާގެ ވެރިކަމުން ހަމާސް ދުރުވެ ފަލަސްތީނުގެ ސަރުކާރާ ހަވާލުކުރުމަށް ޓްރަމްޕުގެ ހުށަހެޅުމުގައި ހިމެނޭއިރު ހަމާސް އިން ބުނީ އަދި ފަލަސްތީނު ރައްޔިތުން ބޭނުންވާ ގޮތަކަށް، އަރަބި އިސްލާމީ ޖަމާއަތްތަކުގެ އެއްބާރުލުމާ އެކު ފަލަސްތީނުގެ ތަޖުރިބާކާރުންގެ ބަޔަކާ ޣައްޒާގެ ވެރިކަން ހަވާލުކުރަން ވެސް އެއްބަސްވާ ކަމަށެވެ.
ހަމާސް އިން ބުނީ ޣައްޒާގެ މުސްތަގުބަލާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ގުޅޭ ގޮތުން ރައީސް ޓްރަމްޕުގެ ހުށަހެޅުއްވުމުގައި ހުރި އެހެން ކަންކަން ގުޅިފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަރާރުތަކާ ކަމަށެވެ.
އެ ކަންކަމާ މެދު އަމަލުކުރާނީ ގައުމީ ފެންވަރެއްގައި ކަމަށާއި އެ އޮނިގަނޑު އެކުލަވައިލުމުގައި ހަމާސް އިން ޒިންމާދާރުކަމާ އެކު ބައިވެރިވާނެ ކަމަށް ވެސް ބުންޏެވެ.
ހަމާސް އިން ޓްރަމްޕުގެ ހުށަހެޅުމަށް ޖަވާބު ދީފައި ވާއިރު ޓްރަމްޕު ހުކުރު ދުވަހު ވަނީ ހަމާސްއަށް ވަގުތު ލިބޭނީ އާދީއްތަ ދުވަހުގެ ރޭ ޖީއެމްޓީން 10:00 (ރާއްޖޭ ގަޑިން އެ ރޭ މެންދަމުން އަލިވެ 3:00) އާ ހަމައަށް ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. "މި ފަހުގެ ފުރުސަތު" ގައި އެއްބަސް ނުވެއްޖެ ނަމަ "ދުވަހަކު ފެނިފައިނުވާ ވަރުގެ އަނިޔާވެރިކަން ހަމާސްއާ ދެކޮޅަށް ފެންނާނެ" ކަމަށް ޓްރަމްޕުގެ އިންޒާރުގައިވެ އެވެ.
ޓްރަމްޕު ހުށަހެޅުއްވި ކަންކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވާ ކަމަށް އޭނާ ވަނީ އިއުލާނުކޮށްފަ އެވެ.
ހުށަހެޅުން ގަބޫލުކުރާ ކަމަށް އާންމުކޮށް އިއުލާނުކުރާތާ 72 ގަޑިއިރު ތެރޭ އިޒްރޭލުގެ ހުރިހާ އަސީރުން ދޫކޮށްލުމާ އެކު ދެ ފަރާތުން ހަމަލާތައް ވަގުތުން ހުއްޓާލުން ޓްރަމްޕުގެ ހުށަހެޅުމުގައިވެ އެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ ވަކި ހިސާބަކަށް އިޒްރޭލު ސިފައިން ފަހަތަށް ޖެހި އިޒްރޭލުގެ އަސީރުން މިނިވަންކުރުމަށް ވަގުތު ދިނުމާއި އުމުރަށް ޖަލަށް ލާފައިވާ ފަލަސްތީނުގެ 250 ގައިދީއަކު އިޒްރޭލުން މިނިވަންކުރުމާއި ޣައްޒާގައި ހަމަލާތައް ދޭން ފެށި ފަހުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،700 މީހަކު މިނިވަންކުރުން ވެސް ހިމެނެ އެވެ.
ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި ފަލަސްތީނުގެ ސަރުކާރެއްގައި ހަމާސްގެ ބައިވެރިވުމެއް ނުބޭއްވުމަށް ޝަރުތުކޮށްފައި ވާއިރު ސުލްހަވެރިކަމާ އެކު އުޅެން ބޭނުންވާ ހަމާސްގެ މެންބަރުންނަށް އެ ފުރުސަތު ލިބޭނެ ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެނލާ
05 October 2025
ހެޔޮނުވާނެ!! ހަމާސްގެ މި ނިންމުން އެއްގޮތަކަށްވެސް ބަލައިނުގަނެވުނު. ތި "އިޒުރޭލު ކިޔާ ޓެރަރިސްޓުން" ގައްޒާ މިނިވަނެއްނުކުރާނެ. ފަލަސްތީނު އެއްކޮށް ހިފަން ވިސްނުމުގައި ތިބިބައެއް ތިމީހުންނަކީ. އަބަދުވެސް ފެނިގެން މިދަނީ އެމީނުން ބޭނުންވާ ގޮތަށް ކަންތަށް ވެގެންދާ ތަން. ތިއީ ސުލްހައިގެ އެއްބަސްވުމެއްނޫން. ތިއީ މުޅި ފަލަސްތީނުގެ ބިން ފޭރިގަންނަން ޓެރަރިސްޓު ޒަޔަނިސްޓުން އިތުރުކުރި ބޮޅެއް.
ހަސަންބޭ..
04 October 2025
މިހާރު ދެން ވާނެ ހައެއްޗެއްވެ ނިމުނީމަ ކޮން އެއްބަސްވުމެއް. މަގޭ ހިތަށް އަރަނީ ބަޔަކު އަދިވެސް ފޮރުވާފަ އެބަ ތިބިބާއޭ? ނޫނީ އިސްރާއީލް އާއި ގުޅިގެން ބަޔަކު ތިބިކަމަށް ދައްކައިގެން އަމިއްލަ ޤައުމު ފުނޑާލީ ނޫންބާ..
މިހާރު
04 October 2025
މިހާރު ދެން ކީއްކުރަން ތި ދޫކުރަންތިއުޅެނީ ވާވަރު ވީތަ ؟ ތިވެސް ޔަހޫދީންހަމަ ކަލޭމެނަށްވެސް ހަލާކުހުރި. ތި ނިންމުން މިއަދު ނިންމުން މިއަދު ކަމުދަންޔާ ގައްޒާގެ ފުނޑާނުލަނީހެން ތިކަން ކުރަންޖެހޭ. ވީރާނާ ކުރީމަކާ އެއް ނޫން ތިކަން ކުރަންޖެހޭނީ.
1828
04 October 2025
ޣައްޒާގެ ދިިރިތިބި ރައްޔިތުންގެ ފުރާނަ ނޫން އެހެން ހުރިހާއެއްޗެއް ގެއްލި ނިމިއްޖެ. ތި އެއްބަސްވުމަކަށް ޔާހޫދީ ސަރުކާރުން އެއްބަސްވިޔަސް، ތިޔަ އެއްބަސްވުމުގައި ހުރިކަންކަން ތަންފީޒެއް ނުކުރާނެ. އަސީރުން މިނިވަންކުރާތަނުން ތިޔަ އެއްބަސްވުން އަނެއްފުށައް ޖަހާނެ.
އެމީހުންނައް ވަރިހަމަ
04 October 2025
އެނަތަންޔާހޫ އާ އޭނާގެ ޓީމައް ވަރިހަމަ އަސީރުންނައް ކޮންމެ ގޮތެއްވިޔަސް. އަސީރުންނައް ގެއްލުމެއް ވެދާނެތީ އެއްވެސް ކަމެއް ނުކޮއްއެމީހުން ތިބިތަ. އެމީހުން އަސީރުންގެ ވާހަކަ ދައްކަނީ އެމީހުންގެފައިދާއައް އެމީހުންބޭނުންގޮތަކައް ކަންތައްކުރަންއޮތް ޓިކެޓެއްގެގޮތައް. އެން،މެންނައްވެސް އެނގޭ އެމީހުންގެ އަސްލުމަގުސަދަކީ އަސީރުން މިނިވަންކުރުމެއްނޫންކަން.