ދުނިޔެ / އދ ސަލާމަތީ މަޖިލިސް

ޓްރަމްޕްގެ ޣައްޒާގެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްވުމުން އިޒްރޭލު އުފަލުން، ހަމާސް ދެކޮޅަށް

ޣައްޒާގެ ޕްލޭނާ ބެހޭ ގަރާރު ފާސްކުރުމަށް އިއްޔެ އދ.ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބައްދަލުވުން ކުރިއަށްދަނީ. -- ފޮޓޯ: އޭއެފްޕީ

19 ނޮވެމްބަރ 2025 - 05:48

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ދިޔަ ހަމަލާތައް ހުއްޓުމަކަށް ގެންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހަޅުއްވައި ތަންފީޒުކުރަން ފެށި ޕްލޭނަށް ރަސްމީ ހައިސިއްޔަތެއް ދިނުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވުމުން އެކަމަށް އިޒްރޭލުން މަރުހަބާ ކިޔައިފި އެވެ.

މިއީ އިޒްރޭލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމާއި އޭގެ ފަހުން އެތަނުގައި ވަގުތީ ގޮތުން ބައިނަލްއަގުވާމީ ފައުޖެއް ހަރަކާތްތެރިވުމާއި ކުރިމަގުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ބެހޭ ވާހަކަތައް ވެސް ހިމެނޭ ގަރާރެކެވެ.

ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުންގެ ވޯޓާ އެކު ގަރާރު ފާސްކުރި އިރު ވީޓޯގެ ބާރު ލިބިފައިވާ ޗައިނާ އާއި ރަޝިޔާއިން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. އެ ގައުމުތަކުން ވޯޓު ނުދިން ނަމަވެސް ވީޓީގެ ބާރު ބޭނުމެއް ނުކުރެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޓްރަމްޕްގެ މި ޕްލޭންގެ ދަށުން ހަމާސް ޖަމާއަތުން ހަތިޔާރު ބަހައްޓައި، ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެހުން ގާއިމުކުރުމުގެ މަގު ކޮށިގެންދާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި އަރަބި ގައުމުތަކާ އެކު އަލުން ގުޅުން ގާއިމުކޮށް، ސަރަހައްދީ ގުޅުންތައް ހަރުދަނާވުމުގެ މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ނަމަވެސް، މިއީ ފަލަސްތީނު ރައްޔިތުންގެ ސިޔާސީ އަދި އިންސާނީ ހައްގުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ރިއާޔަތްކޮށްފައި ނެތް ގަރާރެއް ކަމަށް ބުނެ، އެ ޕްލޭން ބަލައިގަންނަން ހަމާސުން ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި ޣައްޒާގައި އަމަން ބަލަހައްޓަން ބައިނަލްއަގުވާމީ ފައުޖެއް ހަރަކާތްތެރިވުން ހިމަނާފައިވާތީ، އެކަމާ ވެސް ހަމާސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ޓްރަމްޕުގެ ސުލްހައިގެ ޕްލޭންގެ ދަށުން އިޒްރޭލާއި މިސްރާއި ފަލަސްތީނުން އަލަށް ތަމްރީންކުރާ ފުލުހުންނާ ގުޅިގެން ޣައްޒާގެ ބޯޑަރު ސަރަހައްދުތައް ބަލަހައްޓާނެ އެވެ. އަދި އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) ގެ ނަމުގައި ޣައްޒާއަށް ފައުޖެއް ފޮނުވުމުގެ ހުއްދަ ލިބޭނެ އެވެ.

އައިއެސްއެފް އަކީ ސަރުކާރުގެ ބެލުމުގެ ދަށުގައި ނެތް ހަތިޔާރު އެޅި ޖަމާއަތްތަކުގެ ހަތިޔާރު ނައްތާލުމާއި، އާންމުން ހިމާޔަތްކުރުމާއި އިންސާނީ އެހީ ފޯރުކޯށްދޭ މަގުތައް އަމާންކުރުމުގެ ޒިންމާ އޮންނަ ފައުޖެކެވެ.

މީގެ އިތުރުން 2027 ވަނަ އަހަރުގެ ނިޔަލަށް، ޣައްޒާގެ އިންތިގާލީ ގަވަނިން ބޮޑީއެއްގެ ގޮތުގައި "ބޯޑް އޮފް ޕީސް" މި ގަރާރުގެ ދަށުން އުފައްދާނެ އެވެ. މި ގަރާރުގައި ފަލަސްތީނުގައި ދައުލަތެއް ގާއިމު ކުރެވިދާނެ ކަމުގެ ވާހަކަ ބަޔާންކޮށްފައިވެ އެވެ.

ފަލަސްތީނު އޮތޯރިޓީން އިސްލާހުތައް ތަންފީޒުކޮށް، ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމުން "ފަލަސްތީނު އަމިއްލަ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އެކަށީގެންވާ މާހައުލެއް އުފެދުނީ ކަމަށް ބެލެވޭނެ" ކަމަށް ގަރާރުގައިވެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454