28 ނޮވެމްބަރ 2025 - 09:57
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއާ ކައިރި ހިސާބެއްގައި ނެޝަނަލް ގާޑްގެ ދެމީހަކަށް ހަމަލާދީ ޒަހަމްކޮށްލި މީހާ އަކީ އެމެރިކާއިން އަފްޣާނިސްތާން ހިފާފައި އޮތް އިރު އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އަށް މަސައްކަތްކުރި މީހެއް ކަމަށް އެމެރިކާގެ އިދާރާތަކުން ބުނެފި އެވެ.
ވައިޓް ހައުސްގެ ކައިރީގައި ބަޑިން ހަމަލާދީ އެގައުމުގެ ނެޝަނަލް ގާޑްގެ ދެމީހުން ކަމަށްވާ ސާރާ ބެކްސްޓްރޮމް، 20، އާއި އެންޑްރޫ ވޮލްފް، 24، އަށް ހަމަލާދިނީ އަފްޣާނިސްތާނުން އެމެރިކާއަށް ވަަރަށް ފަހުން ހިޖުރަކުރި، ރަހްމާނުﷲ ލަކަންވާލް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ހަމަލާގައި ޒަހަމްވި ދެމީހުންގެ ތެރެއިން ސާރާ ބެކްސްޓްރޮމް މިހާރު ވަނީ ޒަހަމްތަކުގެ ސަބަބުން މަރުވެފަ އެވެ.
އެމެރިކާގެ އިދާރާތަކުން މިހާރު އާއްމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ލަކަންވާލް އެމެރިކާއަށް ހިޖުރަކުރީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށް ތާލިބާނުން ވަނުމުން، އެމެރިކާ ސިފައިން ފައިބައިގެން ދިޔަ އިރު ހާއްސަ ހުއްދައެއްގެ ދަށުން ގެންދިޔަ މީހުންގެ ތެރޭގައި ހިމެނިގެން 2021 ވަނަ އަހަރު އެވެ.
އޭނާއަކީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން އަވަސް އަރުވާލައިގެން އުޅުނު އިރު ވެސް ކާބުލް އެއާޕޯޓްގައި އެ މީހުންގެ ދިފާއުގައި މަސައްކަތްކުރި މީހެކެވެ.
އަފްޣާނިސްތާނުގެ ކަންދަހާރުގައި ތާލިބާނުންނާ ދެކޮޅަށް މަސައްކަތްކުރަން "ކަންދަހާރު ސްޓްރައިކް ފޯސް" ގެ ނަމުގައި އެމެރިކާ ސިފައިން އުފެއްދި ފައުޖުގެ ޔުނިޓް-3 އަށް އޭނާ ވެއްދީ އޭގެ ނުވަ އަހަރު ކުރިންނެވެ. "ސްކޯޕިއަން ފޯސް" ގެ ނަމުގައި އަފްޣާން މީހުންނަށް އެނގޭ އެ ފައުޖު ފުރަތަމަ މަސައްކަތްކުރީ ސީދާ ސީއައިއޭގެ ދަށުންނެވެ. އޭގެ ފަހުން އެމެރިކާއިން އަފްޣާނިސްތާނުގައި އޭރު ގާއިމްކޮށްފައި އޮތް ގޮނޑިކޮއްކޮ ސަރުކާރުގެ ދަށުންނެވެ.
އޭނާއާ ބެހޭ ތަފްސީލުތައް އެކި ގޮތް ގޮތުން ހާމަވި ފަހުން އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި އިން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޖކޖ
29 November 2025
މިއީ އިސްލާމީ ނަމެއް ކިޔަސް މުސްލިމުންގެ އަދާވާތްތެރިންނަށް ނަސްރުހޯދަން އުޅޭ މީހެއް
ސަރުބަތުގުލާ
28 November 2025
ޒެލެންސްކީގެ ބައްޕަ އަފްޤާނިސްތާނައްދިޔަބާ؟
އާނ!
30 November 2025
ވައްތަރުދޯ؟
ސޮބީހާ
28 November 2025
އިސްލާމުދީނައް ނަސްރު ނުލިބު މީހުންގެ ނަފްރަތު ލިބެނީ މިކަހަަލަ މީހުންގެ ސަބަބުން , ރާއްޖޭގައިވެސް މީގެ ބައިގަނޑެއް އުޅުނު,
ހުތރެ
28 November 2025
ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް...