27 ޑިސެމްބަރ 2025 - 10:13
ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ދެ ގައުމު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފި އެވެ.
ދެ ގައުމުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށް، އެތައް ބަޔަކު މަރުވި ފަހުން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގައި މިދިޔަ ޖުލައި މަހު ވެސް ސޮއިކުރި އެވެ.
ނަމަވެސް، އެ އެއްބަސްވުން މުގުރާލައި، މިދިޔަ ހަފުތާތަކުގައި ދެ ފަރާތުން ވަނީ އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.
އެ ކުރިމަތިލުންތަކުގައި 47 މީހަކު މަރުވެ، މިލިއަނެއްހާ މީހުންނަށް ވަނީ ގެދޮރު ދޫކުރަން މަޖުބޫރުވެފަ އެވެ.
މަސްރަހު އަލުން ފިނިކުރުމުގެ މަޝްވަރާތައް ސަރަހައްދުގެ ގައުމުތަކުގެ އިއްތިހާދު، އާސިއާންގެ ފޮރިން މިނިސްޓަރުން ބައްދަލުވުމެއް މީގެ ތިން ދުވަސް ކުރިން ވަނީ ބާއްވައިފަ އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލިކަން އިއުލާނުކޮށް، ތައިލެންޑާއި ކެމްބޯޑިއާ އިން ނެރުނު ގުޅިފައިވާ ބަޔނުގައި ބުނީ، މިއަދު މެންދުރު 12:00 އިން ފެށިގެން، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން އަސްކަރީ މަރުކަޒުތައް ހިމެނޭ ގޮތަށް، ދެ ފަރާތުން ވެސް ހަމަލާދިނުން ނިމުމަކަށް ގެނައުމަށް އެއްބަސްވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ސަރަހައްދީ ރޮނގު ކައިރިއަށް ސިފައިން ޖަމާކުރުން ހުއްޓާލައި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން އެނބުރި އަންނަން ފުރުސަތު ދިނުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލިޔާ
27 December 2025
ކުރިންވެސް ތިބާވަތުގެ އެއްބަސްވުމެއް ވީ. އެކަމަކު.....
ވަނީމޯސްދި
27 December 2025
ޝުކުރިއްޔާ ރ.ޑޯނޯލްޑް، ތިޔަ ހުއްޓީ 10 ވަނަ ހަނގުރާމަ ވެރިކަމަށް އަޔިފަހުން.