ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ހަމަލާ ބަދަލުކުރުން ހުއްޓާލަން އަލުން ސޮއިކޮށްފައިވާ އެއްބަސްވުމާ ކެމްބޯޑިއާއިން ހިލާފުވެ، ވައިގެ ހަމަލާއެއް ދީފައިވާ ކަމަށް ތައިލެންޑުން ބުނެފި އެވެ.
ދެ ގައުމުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށް، އެތައް ބަޔަކު މަރުވި ފަހުން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގައި މިދިޔަ ޖުލައި މަހު ވެސް ސޮއިކުރި އެވެ.
ނަމަވެސް، އެ އެއްބަސްވުން މުގުރާލައި، ދެ ފަރާތުން ވަނީ އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. އެ ކުރިމަތިލުންތަކުގައި 47 މީހަކު މަރުވެ، މިލިއަނެއްހާ މީހުންނަށް ވަނީ ގެދޮރު ދޫކުރަން މަޖުބޫރުވެފަ އެވެ.
މަސްރަހު ފިނިކުރަން ކުރި ދިގު މަޝްވަރާތަކަށް ފަހު، ހަމަލާތައް ހުއްޓާލަން ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ނަމަވެސް، ތައިލެންޑުގެ އަސްކަރިއްޔާ އިން ބުނީ، އާ އެއްބަސްވުމާ ވެސް ކެމްބޯޑިއާ އިން ހިލާފުވެ، ސަރަހައްދީ ރޮނގު ކައިރީގައި ދިން ހަމަލާތަކެއްގައި ސިފައިންގެ މީހަކު ޒަހަމް ވެފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ކެމްބޯޑިއާ އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލިކަން އިއުލާނުކޮށް، ތައިލެންޑާއި ކެމްބޯޑިއާ އިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން އަސްކަރީ މަރުކަޒުތައް ހިމެނޭ ގޮތަށް، ދެ ފަރާތުން ވެސް ހަމަލާދިނުން ނިމުމަކަށް ގެނައުމަށް އެއްބަސްވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ސަރަހައްދީ ރޮނގު ކައިރިއަށް ސިފައިން ޖަމާކުރުން ހުއްޓާލައި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން އެނބުރި އަންނަން ފުރުސަތު ދިނުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.