އީރާން ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަދަވެ،  އިންޓަނެޓުގެ ހިދުމަތް ކަނޑާލައިފި އެވެ. 

އީރާންގައި މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މުޒާހަރާ ފެށީ އެ ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވަމުންދާ މައްސަލާގައި ވިޔަފާރިވެރިންނެވެ. ވެރިރަށް ތެހެރާނާއި އެހެން ސިޓީތަކުގައި ފެށި މުޒާހަރާތަކުގައި މިހާރު ވަނީ ދަރިވަރުން ވެސް ބައިވެރިވެފަ އެވެ.

އީރާންގެ ފައިސާގެ އަގު އެމެރިކާ ޑޮލަރާއި އެހެން ފައިސާތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެ އިމްޕޯޓް މުދަލުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ.

އީރާނުގެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސަރުކާރުން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާއިރު، އާންމުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި 45 މީހަކު މަރުވެފައިވާ ކަމަށް މަދަނީ ބައެއް ޖަމާއަތްތަކުން ބުނެ އެވެ. 

މިގޮތުން، މުޒާހަރާގެ ތެރެއަށް ސިފައިން ބަޑިޖަހާ ކަމުގެ ތުހުމަތުތައް ވެސް ވަނީ ކޮށްފަ އެވެ.

ނަމަވެސް، އީރާންގެ މީޑިއާ އާއި ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މުޒަހާރާތަކުގައި މަރުވި މީހުންގެ އަދަދު ހުރީ 21 ގަ އެވެ. 

އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ވެސް ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމެރިކާގެ ޖަމިއްޔާއަކުން ބުނާ ގޮތުގައި، އީރާންގެ 30 އަށް ވުރެ ގިނަ ސަރަހައްދަކަށް އެ މުޒާހާރާތައް މިހާރު ވަނީ ފުޅާވެފަ އެވެ. 

މުޒާހަރާ ހުއްޓުވަން މީހުން މަރާ ނަމަ އެމެރިކާގެ "ހަތިޔާރު ހުރީ ތައްޔާރަށް" ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާންގެ ސަރުކާރަށް އިންޒާރު ދެއްވައިފަ އެވެ.