އިޒްރޭލުން ހިސާރުކޮށް ހަމަލާދީ ބިކަކޮށްފައިވާ، ފަލަސްތީނުގެ ޣައްޒާއަށް އެއްގަމު މަގުން މުދާ އެތެރެކުރެވެން އޮންނަ ހަމައެކަނި މަގު ކަމަށްވާ ރަފަހް ބޯޑަރު ހުޅުވާލުމާ ގުޅޭ ގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ މަންދޫބު ސްޓީވް ވިކްޓޮކް މަޝްވަރާކޮށްފި ކަމަށް އިޒްރޭލުގެ މީޑިއާއިން ބުނެފި އެވެ. 

އިޒްރޭލުގެ ތެރެއިން ނޫން ގޮަތަަކަށް އެއްގަމު މަގުން ޣައްޒާ އާއި ދުނިޔެ ގުޅުވައިދޭ ހަމައެކަނި މަގަމީ މިސްރާ އިންވެގެން އޮންނަ ރަފަހް ބޯޑަރު ކަމަށް ވާއިރު އިޒްރޭލުން ޣައްޒާއަށް 2023 ގައި ހަމަލާ ދޭން ފެށީންސުރެ އެ މަގު އޮންނަނީ ބަންދުކޮށްފަ އެވެ. އެހެންވެ ޣައްޒާއިން ކާބޯތަކެއްޗާއި އަސާސީ އެހެނިހެން ސާމާނު ހުސްވެ ތަދުމަޑުކަމާ ކުރިމަތިވި އެވެ. 

ހަމަލާތައް ހުއްޓާލަން ހަމާސް އާއި އިޒްރޭލުން ވީ އެއްބަސްވުމުގެ ދަށުން މި ބޯޑަރު ހުޅުވާލައި އެހީގެ ސާމާނު ވައްދަން ފުރުސަތު ދޭން ޖެހެ އެވެ. އެކަމަކު އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ތަންފީޒުކުރަން ފެށި އިރު ވެސް އިޒްރޭލުން ބޯޑަރެއް ނުހުޅުވަ އެވެ. 

މި މަގު ހުޅުވާލުމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިޔަކަން އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކޮށްފައި މި ވަނީ ބޯޑަރު ހުޅުވާލައި މިސްރާއި ޣައްޒާއާ ދެމެދު ދަތުރު ކުރެވޭނެ ގޮތް އަންނަ ހަފްތާގައި ހަމަޖެހޭނެ ކަމަށް، އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ، ޣައްޒާގެ ހިންގާ ބޯޑުން ބުނެފައި ވަނިކޮށެވެ. 

އިޒްރޭލުގެ އޮފިޝަލަކާ ހަވާލާދީ އިޒްރޭލުގެ "ވައިނެޓް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނަތަންޔާހޫ އާއި ވިޓްކޯފް އަދި ޖެރަޑް ކުޝްނާއާ ދެމެދު ބޭއްވި ބައްދަލުވުމުން "ޕޮޒިޓިވް" އެވެ. އިޒްރޭލުގެ ރަހީނުންގެ ތެރެއިން މަރުވި އެކެއްގެ ހަށިގަނޑު އަދިވެސް ހަމާސް އިން ހަވާލުކޮށްފައި ނުވާތީ ބޯޑަރު ހުޅުވަން އިޒްރޭލުން އިންކާރުކުރަމުން ދިޔަ ނަމަވެސް ވިޓްކޯފް ވަނީ އޭގެ ކުރިން ވެސް ބޯޑަރު ހުޅުވާލަން އިޒްރޭލަށް ގޮވާލާފައި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

ކުރިމަގުގައި ޣައްޒާ ހިންގުމުގެ ކަންކަމުގައި ތުރުކީގެ ދައުރެއް އޮންނާނެ ކަމުގެ އިޝާރާތެއް ވެސް ވިކްޓޮފްއާ ހަވާލާދީ އޮފިޝަލް ދީފައިވެ އެވެ. 

"އަހަރެމެންގެ އެންމެ ބޮޑު ވާދަވެރިޔާ ތުރުކީ، ބޯޑަރު ކައިރިއަށް ގެންނަން ވިޓްކޯފް މަސައްކަތްކުރި،" އޮފިޝަލާ ހަވާލާދީ ބުނެފައިވެ އެވެ. 

އޮފިޝަލް ބުނެފައިވަނީ އެއީ އިޒްރޭލަށް ނުރައްކަލަކަށް ވާނެ ކަމަށެވެ. އަދި ވިކްޓޮފް މަސައްކަތްކުރަނީ ގަތަރުގެ މަންދޫބެއްގެ ގޮތުގައި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. 

ޣައްޒާގައި ތުރުކީގެ ދައުރެއް ބޭއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދެއްވި ނަމަވެސް، ނަތަންޔާހޫ ވަނީ ޣައްޒާގައި ތުރުކީގެ އެއްވެސް ދައުރެއް ބޭއްވުމާ ދެކޮޅު ކަމަށް ބުނެފަ އެވެ.