އީރާން ސަރުކާރާ ދެކޮޅަށް އެންމެ ފަހުން ކުރި މުޒާހަރާއަކީ ބަޣާވާތުގެ އަމަލެއް ކަމަށާއި އެ މުޒާހަރާތައް ހުއްޓުވަން ކުރި މަސައްކަތާ ގުޅުވައި އީރާނަށް ހަމަލާދީފި ނަމަ ފެށޭނީ ސަރަހައްދީ ހަނގުރާމައެއްކަން އެމެރިކާއިން ދަންނަން ޖެހޭނެ ކަމަށް އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މިއަދު ވިދާޅުވެއްޖެ އެވެ.
އީރާންގައި މުޒާހަރާ ހުއްޓުވަން އެތައް ހާސް ބަޔަކު މެރި ކަމުގެ ތުހުމަތާއި އެ ގައުމުގެ ނިއުކްލިއާ މަޝްރޫއުއާ ގުޅުވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގެންދަވަނީ ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އަދި އީރާން ކައިރިއަށް ހަނގުރާމަމަތީ އުޅަނދުތައް ފޮނުވައި އަސްކަރީ ބާރުތައް ގެންދަނީ ޖަމާކުރަމުންނެވެ.
"މިފަހަރު އެމެރިކާއިން ހަނގުރާމައެއް ފަށައިފި ނަމަ އެ ވާނީ ސަރަހައްދީ ހަނގުރާމައަކަށް ކަން އެމެރިކާ ދަންނަން ޖެހޭނެ،" ޓްރަމްޕުގެ ވާހަކަތަކަށް ޖެހިލުންވެ ބިރުގަންނާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ ދެއްވި ބަޔާނުގައި ޚާމަނާއީ ވިދާޅުވި އެވެ.
ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި އިގްތިސާދީ އެކި މައްސަލަތަކާ ގުޅުވައި އީރާންގައި ކުރި މުޒާހަރާތައް މުޅި ގައުމަށް ފެތުރި ސަރުކާރާ ދެކޮޅު ހަރާކާތަކަށް ބަދަލުވުމުން މުޒާހަރާ ކޮންޓްރޯލްކުރުމަށް ބާރުގެ ބޭނުންކުރުމުން އެތައް ހާސް ބަޔަކު މަރުވެފައިވެ އެވެ. މުޒާހަރާގައި ހައެއްކަ ހާސް މީހުން މަރުވި ކަމަށް ބައެއް އަންދާޒާތަކުގައި ބުނާއިރު އީރާނުން ވަނީ 3،000 މީހުން މަރުވިކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އޭގެ ތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުގެ މީހުން ކަމަށް ވަނީ ބުނެފަ އެވެ.
"މުޒާހަރާކުރި މީހުން ވަނީ ފުލުހުންނާއި ސަރުކާރުގެ އިމާރާތްތަކާއި އިންގިލާބީ ލަޝްކަރުގެ މަރުކަޒުތަކާއި ބޭންކުތަކާއި މިސްކިތްތަކަށް ހަމަލާދީ ގުރުއާން ވެސް އަންދާފައި ... މިއީ ބަޣާވާތެއް ފަދަ އަމަލުތައް،" މިއީ އެމެރިކާއިން ރާވައިގެން ހިންގި މުޒާހަރާއެއް ކަމަށާއި އެ މުޒާހަރާ ހުއްޓުވިފައިވާކަން ފާހަގަކުރައްވަމުން ޚާމަނާއީ ވިދާޅުވި އެވެ.
އީރާނާއި އެމެރިކާގެ ވެރިން އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެމުން ދިޔަ ނަމަވެސް ވާހަކަ ދައްކައިގެން ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ އިޝާރާތްތައް ވެސް އަންނަނީ ދެމުންނެވެ.
އީރާންގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ އަލީ ލަރިޖާނީ ވިދާޅުވީ، މީޑިއާގައި ކޮންމެ ވާހަކައެއް ފެތުރުނަސް، މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ. އަނެއްކޮޅުން ޓްރަމްޕު ވެސް ވަނީ މަޝްވަރާގެ ކަންކަން ކުރިއަށްދާ ކަމަށާއި އީރާނުން "ޑީލެއް ބޭނުން" ވެގެން އުޅޭ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އިންޒާރުތައް އަނބުރާ ނުގެންދަވާނެ ކަމަށް ވިދާޅުވި އެވެ. -- އޭއެފްޕީ