ސައިކަލް ދުއްވުމުގެ ލައިސަންސް އީރާންގައި އަންހެނުންނަށް ދޭން ފަށައިފި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
އީރާންގައި އަންހެނުން ސައިކަލް ދުއްވުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައި ނެތް ނަމަވެސް ދެ ފުރޮޅުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އަންހެނުންނަކަށް ނުދެ އެވެ.
ދަތުރުފަތުރުގެ ގާނޫނު އޮންނަ ގޮތުން އީރާންގައި، އެކްސިޑެންޓުތަކުގައި ހިމެނޭ އަންހެނުން ވަރަށް ފަސޭހައިން ކުށްވެރިވެ އެވެ.
އީރާންގެ އިލްނާ ނިއުސް އެޖެންސީން ބުނި ގޮތުގައި ކެބިނެޓުން މިދިޔަ ޖެނުއަރީ މަހު ޓްރެފިކް ކޯޑު ސާފުކޮށްދިނުމަށް ފާސްކުރި ގަރާރުގައި ނައިބު ރައީސް މުހައްމަދު ރޭޒާ އާރިފް މިހާރު ވަނީ ސޮއިކުރައްވައިފަ އެވެ.
"ލައިސަންސް ހޯދަން ހުށަހަޅާ އަންހެނުންނަށް ޓްރެފިކް ފުލުހުން ޕްރެކްޓިކަލް ތަމްރީނު ދިނުމާއި، ސީދާ ފުލުހުންގެ ބެލުމުގެ ދަށުން އިމްތިހާނެއް ދިނުމާއި ސައިކަލް ދުއްވުމުގެ ލައިސަންސް އަންހެނުންނަށް ދޫކުރުން މި ގަރާރުން ލާޒިމްކުރާ" ކަމަށް އިލްނާ އިން ރިޕޯޓްކޮށްފައިވެ އެވެ.
އީރާންގައި އަންހެނުންނަށް އިޖުތިމާއީ އެކި ކަންކަމުގައި އޮންނަ ހުރަސްތައް ގިނަކަމުގެ ޝަކުވާއާ އެކު އެ ކަންކަމަށް ގޮންޖެހުމުގެ އަމަލުތައް ވަނީ ގިނަވާން ފަށައިފަ އެވެ. އަންހެނުން ސައިކަލް ދުއްވުން ވެސް މި ފަހުން ވަނީ އިތުރުވެފަ އެވެ.