އިންޑިއާގެ ކެރަލާގައި ހިނގި މަގުމަތީގެ އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވި ކުއްޖަކު ކޮޗީގެ އަމްރިތާ ހޮސްޕިޓަލްގައި މަރުވުމުން އެ ކުއްޖާގެ ގުނަވަންތަން ހަދިޔާކޮށް، ކެރެލާގެ އެންމެ ހަގު އޯގަން ޑޯނާއަށް ވެއްޖެ އެވެ. 

ކެރެލާގައި ގުނަވަންތައް ހަދިޔާކުރި އެންމެ ހަގު ކުއްޖަކަށްވީ މި މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު ފަހު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން ކުއްޖެއް ކަމަށްވާ އަލީން ޝެރީން އަބްރަހަމް އެވެ. އެ ކުއްޖާ އާއި ކުއްޖާގެ މަންމަގެ އިތުރުން މާމަ އާއި ކާފަ ވެސް ތިބި ވެހިކަލް އެކްސިޑެންޓުވީ ހަތަރުއަނގޮޅިއެއްގައި، ކުރިމަތިން އައި ކާރުން ޖެހިގެންނެވެ. އެ ހާދިސާގައި ކުއްޖާގެ އިތުރުން އެހެން މީހުންނަށް ވެސް ސީރިއަސް ޒަހަމްތައް ވެފައިވެ އެވެ. 

ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ޗަންގަނަރެސީ އާއި ތިރުވާލާގެ ހޮސްޕިޓަލްތަކެއްގަ އެވެ. އެކަމަކު މި މަހުގެ ހަތް ވަނަ ދުވަހު އަމްރިތާ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ގޮސް އިއްޔެ ވަނީ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައަޅައިފަ އެވެ. 

އިންޑިއާގެ ކެރަލާގައި ހިނގި އެކްސިޑެންޓެއްގައި މަރުވި 10 މަހުގެ އަލީން ޝެރީން އަބްރަހަމްގެ ގުނަވަންތައް ހަދިޔާކުރުމަށް ޓްރިވެންޑްރަމަށް ގެންދަނީ.
އިންޑިއާގެ ކެރަލާގައި ހިނގި އެކްސިޑެންޓެއްގައި މަރުވި 10 މަހުގެ އަލީން ޝެރީން އަބްރަހަމްގެ ގުނަވަންތައް ހަދިޔާކުރުމަށް ޓްރިވެންޑްރަމަށް ގެންދަނީ.

އެކަމަކު ހިތްދަތި ވަގުތުގައި ވެސް އަލީންގެ މަންމަ އާއި ބައްޕަ ވަނީ އެ ކުއްޖާގެ ގުނަވަންތައް އެހެން މީހުންނަށް ހަދިޔާކުރުމަށް ރުހުން ދީފަ އެވެ. 

ކުއްޖާގެ މައިންބަފައިންގެ ރުހުމާ އެކު ގުނަވަންތައް ނެގީ އަމްރިތާ ހޮސްޕިޓަލްގަ އެވެ. އޭގެ ތެރޭގައި ފުރަމެއާއި ދެ ކިޑްނީ އާއި ހިތުގެ ވޭލަކާއި ދެ ލޯ ހިމެނެ އެވެ. 

ފުރަމޭ ހަދިޔާކުރަން ނިންމާފައިވަނީ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ހަ މަހުގެ ކުއްޖަކަށެވެ. އެ ކުއްޖާ ވާނީ މަރުވެފައިވާ މީހެއްގެ ގުނަވަނެއް ކެރެލާ ސްޓޭޓްގައި ލިބުނު އެންމެ ހަގު ކުއްޖާއަށެވެ. 

ކުއްޖާގެ ދެ ކިޑްނީ ހަދިޔާކުރަނީ ޓްރިވެންޑްރަމްގެ މެޑިކަލް ކޮލެޖް ސެޓް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކުޑަކުއްޖަކަށެވެ. 

އިންޑިއާގެ ކެރަލާގައި ހިނގި އެކްސިޑެންޓެއްގައި މަރުވި 10 މަހުގެ އަލީން ޝެރީން އަބްރަހަމްގެ ގުނަވަންތައް ހަދިޔާކުރުމަށް ޓްރިވެންޑްރަމަށް ގެންދަން ހޮސްޕިޓަލުން ނެރެނީ
އިންޑިއާގެ ކެރަލާގައި ހިނގި އެކްސިޑެންޓެއްގައި މަރުވި 10 މަހުގެ އަލީން ޝެރީން އަބްރަހަމްގެ ގުނަވަންތައް ހަދިޔާކުރުމަށް ޓްރިވެންޑްރަމަށް ގެންދަން ހޮސްޕިޓަލުން ނެރެނީ

ހިތުގެ ވޭލްވް ޓްރާންސްޕްލާންޓް ކުރުމަށް ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގައި ހުންނަ ސްރީ ޗިތުރާ އިންސްޓިޓިއުޓްގައި ފަރުވާ ހޯދަމުން އަންނަ މީހެއްގެ އެވެ. އަދި ކުއްޖާގެ ލޯ ރައްކާކޮށްފައި ބާއްވަން ނިންމާފައި ވަނީ އަމްރިތާ ހޮސްޕިޓަލްގަ އެވެ. 

ގުނަވަންތައް ހޮސްޕިޓަލްތަކަށް ގެންދިޔައީ ވެސް އެތައް ބަޔަކު ގުޅިގެން ކުރި މަސައްކަތުންނެވެ. ގުނަވަންތައް ހިފައިގެން ދަތުރުކުރި އެމްބިއުލާންސް ކޮޗީން ޓްރިވެންޑްރަމަށް 3 ގަޑިއިރާއި 15 މިނެޓް ތެރޭގައި ވަނީ ގޮސްފަ އެވެ. މިއީ އާންމުކޮށް ހަ ގަޑިއިރު ހޭދަވާ ދަތުރެކެވެ. މިހާ އަވަހަށް ދެވުނީ ފުލުހުންނާއި އާންމުން ކުރި މަސައްކަތުން އެމްބިއުލާންސަށް މަގުތަކުން ޖާގަ ތަނަވަސްކޮށްދީގެންނެވެ.  

ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވަނީ މަރުވި ކުއްޖާގެ އާއިލާއިން ހިތާމައިގެ ދަނޑިވަޅުގައި ވެސް ނިންމި ނިންމުމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ އާއިލާގެ ހިތާމައިގައި ބައިވެރިވާކަން ހާމަކުރައްވައި އެމްބިއުލާންސް ޑްރައިވަރަށާއި ސިއްހީ ހިދުމަތްތެރިންނަށާއި ފުލުހުންނާއި އާންމުންނަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.