ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އިންޑިއާގެ ކެރެލާ ސްޓޭޓްގެ އިތުރުން ސްރީ ލަންކާއަށް ވެސް ބޮޑެތި ގެއްލުންތަކެއްވެ، އެތައް ބަޔަކު މަރުވެއްޖެ އެވެ.

މޫސުމީ ބާރުގަދަ ވިއްސާރައިގެ ސަބަބުން އިންޑިއާގެ ކެރެލާ ސްޓޭޓަށާއި ސްރީލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 27 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.  

އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ކެރެލާގެ 8 ޑިސްޓްރިކްޓަކަށް ރެޑް އެލާޓް ނެރެފައިވާއިރު، ވިއްސާރައިގެ ހާދިސާތަކުގައި 20 މީހުން މަރުވެ، 7 މީހަކު ގެއްލިފައިވާކަން ރަސްމީ އިދާރާތަކުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. 

ބޯކޮށް ވާރޭވެހުމުގެ ސަބަބުން 27 އަށްވުރެ ގިނަ ގެއެއް މުޅިން ހަލާކުވެ، 196 އަށްވުރެ ގިނަ ގެއަށް އެކިވަރުގެ ގެއްލުން ވެފައިވެ އެވެ. ފެންބޮޑުވެފައިވާ ސަރަހައްދުތަކުން 7,600 އަށްވުރެ ގިނަ މީހުން ވަނީ ސަރުކާރުން ގާއިމުކޮށްފައިވާ 300 އަށްވުރެ ގިނަ ރިލީފް ކޭމްޕުތަކަށް ބަދަލުކޮށްފަ އެވެ. ކެރެލާގެ ފަރުބަދަމަތީ ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާފައިވާއިރު، އެ ހިސާބުތަކުގެ ބޮޑެތި މަގުތައް ބަންދުވެ ދަތުރުފަތުރަށް ވަނީ ހުރަސް އެޅިފަ އެވެ. 

ސްރީލަންކާގެ ސެންޓްރަލް ޕްރޮވިންސްގެ ފަރުބަދަމަތީ ހިސާބުތަކަށް ކުރިމަތިވި އެކި ހާދިސާތަކުގައި މިހާތަނަށް 7 މީހުން މަރުވެ 3 މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ނުވަރައެލިޔާ، ކެންޑީ އަދި ސަބަރަގަމުވާ ޕްރޮވިންސަށެވެ. ހެޓަން ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ގޮސް ގެއެއްގެ މައްޗަށް ވެއްޓުނު ހާދިސާއެއްގައި 4 މީހުން ވަނީ މަރުވެފަ އެވެ. ނުވަރައެލިޔާ ޑިސްޓްރިކްޓުން އެކަނިވެސް 581 އަށްވުރެ ގިނަ އާއިލާގެ 2,331 އަށްވުރެ ގިނަ މީހުންނަށް އެކި ގޮތް ގޮތުން ގެއްލުން ވެފައި ވާއިރު، އޭގެ ތެރެއިން 1,734 މީހުން ވަނީ ރައްކާތެރި ސަލާމަތީ މަރުކަޒުތަކަށް ބަދަލުކޮށްފަ އެވެ. 

ފަރުބަދަމަތީ ސަރަހައްދުތަކުގެ ސްކޫލްތައް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ވަގުތީގޮތުން ބަންދުކޮށްފަ އެވެ.