ވިއްސާރާގައި އިންޑިއާ އިން އެންމެ ބޮޑު ގެއްލުމެއް ކެރެލާ އަށް

ޓްރިވެންޑްރަމް (އޮގަސްޓް 13) - އިންޑިއާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ކެރެލާ ސްޓޭޓަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބަޔަކު މަރުވެއްޖެ އެވެ.


ވޭތުވެދިޔަ ދުވަސްތަކުގައި އިންޑިއާ އިން ވަނީ މިލިއަނަކަށް ވުރެ ގިނަ މީހުން ރައްކާތެރި ކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. ވިއްސާރަކޮށް ފެންބޮޑުވުމުގައި ލިބުނު ގެއްލުންތަކުގައި އިންޑިއާ އިން މިހާތަނަށް ވަނީ 184 މީހުން މަރުވެފަ އެވެ. އޭގެ ތެރޭން ކެރާލާ ސްޓޭޓުން ވަނީ 76 މީހުން މަރުވެ 58 މީހުން ގެއްލިފަ އެވެ. ކެރާލާ އިން އެންމެ ބޮޑަށް ގެއްލުން ލިބެމުން ދަނީ ވަޔަނަދާ، މަލައްޕޫރަމް އަދި ކޮޒިކޯޑަށެވެ. މި އަވަށްތަކުން ވަނީ 288،000 މީހުން ވަގުތީ ކޭމްޕްތަކަށް ބަދަލުކޮށްފަ އެވެ. ވިއްސާރަވުމާ ގުޅިގެން ކޮޗިން އެއާޕޯޓް ވެސް ވަނީ ތިން ދުވަހަށް ބަންދުކޮށްފަ އެވެ.

ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި ކަރްނާޓަކާ ސްޓޭޓުން ވެސް ވަނީ 42 މީހުން މަރުވެފަ އެވެ. ކަރްނާޓަކާ އިން ވަނީ 580،000 މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ބައެއް ހައިވޭތަކާއި ބޮޑެތި މަގުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ ގޮތުން އިމަޖެންސީ ގްރޫޕްތަކާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ހުޅަނގުގެ މަހާރާޝްތުރާ އާއި ގުޖުރާތު ސްޓޭޓުން ވެސް ވަނީ 66 މީހުން މަރުވެފަ އެވެ.

ކެރެލާ އަށް މިދިޔަ އަހަރު ކުރި ވިއްސާރައިގައި 450 މީހުން މަރުވި އެވެ.