ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބޮޑެތި ބިންތަކެއް އިޒްރޭލުގެ މިލްކިއްޔާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް، ހަރުކަށި ޔަހޫދީން ވަޒީރުންތަކެއް ހުށަހެޅުމުން އިޒްރޭލު ސަރުކާރުން އެކަން ބަލައިގެންފި އެވެ.
މިއީ އިޒްރޭލުން 1967 ވަނަ އަހަރު ހުޅަނގު އައްސޭރީގެ ބިންތައް ހިފަން ފެށި ފަހުން އަލަށް ނިންމި ނިންމުމެކެވެ.
އިޒްރޭލުގެ ޕަބްލިކް ބްރޯޑްކާސްޓަރު 'ކާން' އިން ބުނީ މިގޮތަށް ހުށަހެޅީ ކަނާތު ފިޔައިގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އާއި ޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިން އަދި ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް ކަމަށެވެ.
"ކުރިއަށް މި ގެންދަނީ އަހަރެމެންގެ ހުރިހާ ބިމެއްގެ ކޮންޓްރޯލް ހޯދުމުގެ އިންގިލާބު،" ހުޅަނގު އައްސޭރިއަކީ އާއި ފަލަސްތީނުގެ ހުރިހާ ބިމަކީ ވެސް ޔަހޫދީންގެ މިލްކެއް ކަމަށް ދައުވާކުރާ ސްމޮޓްރިޗް ބުންޏެވެ.
ފަލަސްތީނުގެ ގިނަ ބިންތަކަކީ ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ ތަންތަނެއް ނޫނެވެ. އެގޮތަށް އެކަން ވެފައިވަނީ 1967 ވަނަ އަހަރު އިޒްރޭލުން އެ ބިންތަކަށް ރަޖިސްޓްރީ ހަދައިދިނުން ހުއްޓާލާފައި ވާތީ އެވެ. ބިމުގެ ރަޖިސްޓްރީއާ އެކު އެ ބިމެއްގެ ދާއިމީ މިލްކުވެރިކަން އެ މީހަކަށް ލިބެ އެވެ. ބައިނަލްއަގުވާމީ ގާނޫނުތައް ބުނާ ގޮތުން ހިފާފައިވާ ސަރަހައްދުތަކުން ބިންތައް އަތުލުމާއި އެ ބިންތަކުގައި މީހުން ވަޒަންވެރިކުރުމަކީ ވެސް މަނާ ކަމެކެވެ.
ފަލަސްތީނު ސަރުކާރާއި ހަމާސް އިން ވަނީ އިޒްރޭލުގެ މި ނިންމުމަކީ އިޒްރޭލުން ސޮއިކޮށްފައިވާ އެއްބަސްވުންތާއި އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ސީދާ ފުށުއަރާ ނިންމުމެއް ކަމަށް ބުނެ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
އިޒްރޭލުގެ ސަލާމަތީ ކެބިނެޓުން މިދިޔަ ހަފުތާގައި ވަނީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ބިންތައް ގާނޫނާ ހިލާފަށް ހިފުމަށް ސްމޮޓްރިޗް އާއި ކާޓްޒް ޕްރޮމޯޓް ކުރާ ފިޔަވަޅުތަކަށް ރުހުން ދީފަ އެވެ.
އިޒްރޭލުން 1967 އިން ފެށިގެން ހުޅަނގު އައްސޭރި ހިފައިގެން ތިބޭއިރު އެއީ ފަލަސްތީނުގެ ތިން މިލިއަނެއްހާ މީހުންގެ ވަޒަނެވެ. އެތަނުގައި އިޒްރޭލުގެ 500،000 މީހުން އުޅޭއިރު ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެއީ ޣައިރު ގާނޫނީ އާބާދީތަކެކެވެ. އެކަމަކު އިޒްރޭލުން ގެންދަނީ ހުޅަނގު އައްސޭރީގެ ބިންތަކުން ފަހަރަކު ބައެއް ހިފައި ޔަހޫދީން އާބާދުކުރަމުންނެވެ.