ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނަކީ ވަކި ގައުމިއްޔަތެއް އޮންނަ ބައެއްގެ ގޮތުގައި އޮންނަ އޮތުން ނައްތާލައި ފަލަސްތީނުގެ ނަސްލު ނައްތާލަން ނިޒާމީ ގޮތެއްގައި ރޭވިގެން އަމަލުތަކެއް ހިންގަމުންދާ ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިޒްރޭލުގެ ޖަމާއަތެއް ކަމަށްވާ ބެސެލެމްގެ ރިޕޯޓެއްގައި ބުނެފި އެވެ.

"ދަ އެލިމިނޭޝަން ޕްރޮޖެކްޓް" ގެ ނަމުގައި ނެރުނު މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އިޒްރޭލުން ދަނީ ފަލަސްތީނުގެ މުޖުތަމައު ރޫޅާލުމަށް ފަސް އުކުޅެއް ބޭނުންކުރަމުންނެވެ.

ބެސެލެމްގެ އެގްޒެކެޓިވް ޑިރެކްޓަރު ޔޫލީ ނޮވަކް ގުދުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އިޒްރޭލުގެ ސިޔާސަތުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ އަމިއްލަ ބިމުގައި ދިރިއުޅުމަށް ބޭނުންވާ އަސާސީ ޝަރުތުތައް ގެއްލެމުންދާ ކަމަށެވެ. މިއީ އެ ބިމާ ޔަހޫދީންގެ ތާރީހީ ގުޅުން ދޮގުކުރުން ނޫން ކަމަށާއި، ނަމަވެސް މިއީ ސާފު ސިޔާސީ މަޝްރޫއެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ އިސްރާއީލުގެ ފަސް މައިގަނޑު އުކުޅަކީ:

  • އިޒްރޭލު ސިފައިންނާއި ހަތިޔާރު އެޅި ޔަހޫދީ ވަޒަންވެރިން ގުޅިގެން ހިންގާ ހަމަލާތައް އިތުރުވުން.
  • ވަޒީފާއަށް ދިއުމާއި، ކިޔެވުމާއި، އަދި ސިއްހީ ފަރުވާ ހޯދުމަށް ހުރަސްތައް ކުރިމަތިކުރުވުން.
  • ފަލަސްތީނު މީހުންގެ އާމްދަނީ ލިބޭނެ މަގުތައް ބަންދުކޮށް، އިންފްރާސްޓްރަކްޗާ ހަލާކުކުރުން.
  • އާއިލާތަކާއި މުޖުތަމައުތައް ވަކިކޮށް، ސިޔާސީ ގޮތުން އެއްބައިވުމަށް ހުރަސްއެޅުން.
  • ފަލަސްތީނުގެ އަވަށްތަކުން މީހުން މަޖުބޫރުން ބޭރުކޮށް، ގެދޮރު ސުންނާފަތިކޮށް، އެ ބިންތަކަށް ޔަހޫދީން ވެރިވުން.

މި ރިޕޯޓަކީ އޮކްޓޯބަރު 2023 ގެ ފަހުން އެއްކުރި 2،000 އަށްވުރެ ގިނަ ހެކިބަހުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ބެސެލެމްއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުން މި ހާދިސާތަކަކީ ވަކިވަކި ކަންތައްތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، މިއީ ރޭވިގެން ހިންގާ ނިޒާމީ ސިޔާސަތެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.

މި ރިޕޯޓާ ގުޅޭގޮތުން އިސްރާއީލުގެ ރަސްމީ އިދާރާތަކުގެ ބަހެއް ހޯދުމަށް އޭއެފްޕީން ކުރި މަސައްކަތުން ޖަވާބެއް ނުލިބުނު ކަމަށް އެ ނޫސް އެޖެންސީން ބުންޏެވެ.