ހިފާފައިވާ ހުޅަނގު އައްސޭރީގެ ޗެކްޕޮއިންޓެއްގައި އިޒްރޭލުގެ ސިފައިން އެމްބިއުލަންސެއް ހުއްޓުވައި ލަސްކުރުމުގެ ސަބަބުން، އެމްބިއުލަންސް ތެރޭގައި އަންހެނަކު ވިހެއި އިރު ބަނޑުގައި އޮތް ދަރިފުޅު ނިޔާވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.
ބަނޑަށް ހަ މަސް ފުރިފައިވާ އުމުރުން 28 އަހަރުގެ މި އަންހެންމީހާ އެމްބިއުލަންސަށް އެރުވީ ނާބުލުސް ސިޓީގެ ދެކުނުން އޮންނަ ގަރްޔޫތު އަވަށުގައި ގޭތެރޭގައި ހޭނެތިފައި އޮއްވައި ކަމަށް މެޑިކް ބަޝާރު ގަރްޔޫތީ އޭއެފްޕީއަށް ބުންޏެވެ.
"އޭނާގެ ހަށިގަނޑުން ދިޔައީ ވަރަށް ބޮޑަށް ލޭ ފައިބަމުން، އަދި ހާލަތު އޮތީ ވަރަށް ނާޒުކުކޮށް،" ގަރްޔޫތީ ބުންޏެވެ.
އޭނާއަށް އޮކްސިޖަން ދިނުމަށް ފަހު، ނާބުލުސްގެ ރަފީދިއާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލަންސް ދަތުރުފެށި ނަމަވެސް، މަގުތައް ބަންދުކޮށްފައިވުމުގެ ސަބަބުން ދާނެ އެހެން މަގެއް ހޯދަން މަޖުބޫރުވި ކަމަށް ގަރްޔޫތީ ބުންޏެވެ. ކައިރީގައިވާ އަވަށެއްގެ ވަންނަ ދޮރު ބަންދުކޮށްފައި އޮތުމުން، ޒައިތޫނި ބަގީޗާތަކުގެ ތެރެއިން ދަތި މަގުތަކުން ދަތުރުކޮށް ޗެކްޕޮއިންޓަކަށް ދެވުނުއިރު، އެތަނުގެ ދޮރު ވަނީ ބަންދުކޮށްފައި ކަމަށް އޭނާ ބުންޏެވެ. އަދި ވެހިކަލްތަކުގެ ދިގު ކިއުއެއް އޮތެވެ.
ގަރްޔޫތީ ބުނީ އޭނާ އެމްބިއުލަންސް ދުއްވާފައި ކިއޫގެ ކުރިއަށް ގޮސް، ސައިރެން އަޅުވައި ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށެވެ.
އޭނާ ބުނި ގޮތުގައި، ގާތްގަނޑަކަށް 10 މިނެޓު ފަހުން ކައިރީގައި ހުރި ވޮޗްޓަވަރަކުން އިޒްރޭލު ސިފައިން ނުކުމެ، އެމްބިއުލަންސް ނިވާލުމަށް އަމުރުކުރި އެވެ. އެމްބިއުލަންސްގެ މެޑިކަލް ވަސީލަތްތައް ބޭނުންކުރަންޖެހޭ ކަމަށާއި އެއީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރަން ކަމަށް ބުނެ ގަރްޔޫތީ އެމީހުންނަށް ހާލަތު އޮޅުންފިލުވައިދިނެވެ.
"އެމީހުން ބަޑި ދިއްކޮށް ބިރުދައްކައިގެން، ވެހިކަލް ނިވާލަން މަޖުބޫރުކުރުވި،" މެޑިކަލް ޓީމުގެ އައިޑީ ކާޑުތައްވެސް ސިފައިން އަތުލިކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން އޭއެފްޕީން އިޒްރޭލުގެ އަސްކަރިއްޔާއާ ސުވާލުކުރުން އަދި ޖަވާބެއް ނުދެ އެވެ.
ގެންދިޔައީ އިމަޖެންސީ އޮޕަރޭޝަނަކަށް
އެމްބިއުލަންސް އެތަނުގައި ތާށިވެ، ދަތުރުނުކުރެވި ގިނައިރުވުމުން އަންހެންމީހާގެ ހާލަތު އިތުރަށް ގޯސްވި އެވެ. އެހެންވެ އެމްބިއުލަންސްގައި އިން ނަރުހަށް މަޖުބޫރުވީ ވެހިކަލް ތެރޭގައި ވިއްސާށެވެ.
"ދަރިފުޅު އުފަންވީއިރު ވެސް އޮތީ ނިޔާވެފައި،" ގަރްޔޫތީ ބުންޏެވެ.
ބައި ގަޑިއިރަށް ވުރެ ވެސް ގިނައިރު މަޑުކުރުވުމަށްފަހު، ސިފައިން ވަނީ މެޑިކަލް ޓީމުގެ އައިޑީ ކާޑުތައް އަނބުރާ ދީ، އެމްބިއުލަންސަށް ދަތުރުކުރުމުގެ ހުއްދަ ދީފަ އެވެ.
ހޮސްޕިޓަލަށް ދެވުމާ އެކު، "ލޭ މަނާކުރުމަށް މައިމީހާ ވަގުތުން އޮޕަރޭޝަން ރޫމަށް ވެއްދި" ކަމަށް ގަރްޔޫތީ ބުންޏެވެ.
ރަފީދިއާ ހޮސްޕިޓަލުގެ ޑިރެކްޓަރު ފުއާދު ނަފާއު ވިދާޅުވީ، އެ އަންހެންމީހާ ހޮސްޕިޓަލަށް ދިއުމަށް "އިޒްރޭލު ސިފައިން ހުރަސްއެޅި" ކަމަށާއި އެހެންވެ ދަރިފުޅު ސަލާމަތް ނުކުރެވުނު ކަމަށެވެ. ނަމަވެސް މިހާރު ލޭ މަނާވެ މައިމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އިޒްރޭލު ސިފައިން ގެންދަނީ ހުޅަނގު އައްސޭރީގައި ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެހެންވެ އެ ސަރަހައްދުގެ ގިނަ މަގުތަކެއް އޮންނަނީ ބަންދުކޮށްފަ އެވެ.
މި އޮޕަރޭޝަން ފަށާފައިވަނީ ހުކުރު ދުވަހު އިޒްރޭލުގެ ވަޒަންވެރިންނާއި ފަލަސްތީނު މީހުންނާ ދެމެދު ހިންގި ހަމަނުޖެހުމެއްގައި އިޒްރޭލުގެ ދެ މީހުންނާއި ފަލަސްތީނުގެ ހަތަރު މީހުން މަރުވުމާ ގުޅިގެންނެވެ.
އިޒްރޭލުން 1967 އިން ފެށިގެން ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮކްޓޫބަރު 7، 2023 އިން ފެށިގެން ހަމަނުޖެހުންތައް ވަނީ އިތުރުވެފަ އެވެ. -- އޭއެފްޕީ