ސްރީ ލަންކާގެ ޖަލުތަކުގައި މީހުން ގިނަވެ ތޮއްޖެހިފައިވާ މައްސަލަ ހައްލުކުރުމަށް، ކުށުގެ ތުހުމަތުކުރެވޭ މީހުން ޖަލުގައި ބަންދުކުރުމުގެ ބަދަލުގައި ގޭ ބަންދުގައި ގެންގުޅޭ ގޮތަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ގައުމުގެ ޖަސްޓިސް އެންޑް އިންޓަގްރޭޝަން މިނިސްޓަރު ހަރްޝަނާ ނަނަޔައްކަރަ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ލަންކާގެ ޖަލުތަކުގެ ޖާގަ އަކީ 10،500 ކަމަށާއި އެކަމަކު ޖަލުތަކުގައި މިހާރު 39،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށެވެ.
އޭނާ ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ތަަހުގީގަށް ބަންދުގައި ތިބި، ކުށް ސާބިތުނުވާ މީހުންގެ އަދަދު ގިނަވުން ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކުށް ސާބިތުނުވާ 28،000 އަށް ވުރެ ގިނަ މީހުން ޖަލުތަކުގައި އެބަތިބި ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 20،000 މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން ކަމަށެވެ.
ނަނަޔައްކަރަ ވިދާޅުވީ މި ގާނޫނުގެ ސަބަބުން، ކުށުގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކު ޖަލަށް ފޮނުވުމުގެ ބަދަލުގައި މައްސަލައިގެ ބާވަތަށް ބަލައި ގޭގައި ބަންދު ކުރުމުގެ ފުރުސަތު ކޯޓުތަކަށް ލިބޭނެ ކަމަށެވެ.
އަދި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރާ އަދި މަރުގެ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ އަދަބު މުރާޖައާކުރާނެ އަދި ލުއި ކުރެވޭނެ ރަސްމީ ނިޒާމެއް މިހާރު ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ، އަދަބު ލުއި ކުރެވޭނެ ގޮތްތައް ދެނެގަތުމަށް ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ލަންކާގެ ކޯޓުތަކުން 1.1 މިލިއަން މައްސަލަ ބަލަމުންދާ ކަމަށެވެ. މިހާރުގެ އުއްތަމަ ފަނޑިޔާރުގެ ބެއްލެވުމުގެ ދަށުން، މައްސަލަތައް ނިމޭ ރޭޓް އަވަސްވެފައިވާ ކަމަށާއި އީސްޓަ ސަންޑޭގެ ހަމަލާ އާއި ރިޝްވަތުގެ މައްސަލަތަކަށް ހާއްސަ ކޯޓެއްގެ އިތުރުން ވެސް ހަތް ކޯޓެއް ގާއިމް ކުރާނެ ކަމަށް ޖަސްޓިސް މިނިސްޓަރު ވިދާޅުވި އެވެ.