ބުޅަލުގެ ޒަރިއްޔާއިން، ފުރާނައަށް ނުރައްކާވާ ރޭބީޒް ފެތުރުން ލަންކާގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެހެންވެ އެކަމަށް ސަމާލުކަން ދިނުމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ. 

ހެލްތު މިނިސްޓްރީގެ ކޮންސަލްޓަންޓް ކޮމިއުނިޓީ ފިޒީޝަން އަދި އެޕިޑެމިއޮލޮޖީ ޔުނިޓްގެ ޑރ. އަތުލާ ލިޔަނަޕަތުރަނާ ވިދާޅުވީ ރޭބީޒް ޖެހޭ މީހުންގެ ތެރެއިން "100 ޕަސެންޓް މީހުން މަރުވާ" ކަމަށެވެ. މުޅި ދުނިޔެއަށް ބަލާއިރު ވެސް ރޭބީޒް ޖެހުނު މީހަކު މަދު ފަހަރެއްގައި ނޫނީ ސަލާމަތްވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ލިޔަނަޕަތުރަނާ ވިދާޅުވީ ޖަނަވާރުންގެ ސިކުނޑިން ސާމްޕަލް ނަގައިގެން ހެދި ލެބޯޓްރީ ޓެސްޓްތަކުން ދައްކާ ގޮތުގައި ބުޅަލުގެ ތެރޭގައި ރޭބީޒް ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބުޅާ ދަތް އެޅުމުގެ ހާދިސާތައް ކޮލަމްބޯ އާއި ގަމްޕާހާ ޑިސްޓްރިކްޓްގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަން ވެސް ވަނީ ފާހަގަވެފަ އެވެ. 

ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި މިދިޔަ އަހަރު ލަންކާގައި ރޭބީޒް ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައީ މަގުމަތީގައި އުޅޭ ކުއްތާ ދަތް އެޅުމުގެ ސަބަބުން ނޫންކަމާއި އެއީ  އެއީ ގޭގައި އޮޅުކޮށްގެން ގެންގުޅޭ ކުއްތާތަކުގެ ސަބަބުން ކަމަށް ވެސް އެނގިފައިވެ އެވެ.

ކުއްތާ، ބުޅާ، މުގޮށިމީދާ އަދި މޮންގޫސް ފަދަ ޖަނަވާރުން ދަތް އެޅުމުން ފެތުރޭ ރޭބީޒް އަކީ އާންމު ގޮތެއްގައި، ފުރާނައަށް ނުރައްކާވާ ހާލަތެކެވެ. 

ލަންކާގައި ކޮންމެ އަހަރަކު 250،000 އާއި 300،000 އާ ދެމެދުގެ އަދަދަކަށް، ކުއްތާ ދަތް އެޅުމުގެ ހާދިސާތައް ރިޕޯޓް ކުރެ އެވެ.