މ. އަތޮޅުގައި އޮންނަ ވަރަށް ކުޑަ ފަޅުރަށެއް ކަމަށްވާ ރާބަނދިހުރާ (ފެންބޯ ފިނޮޅު) އަށް ދޫކޮށްލާފައި އޮތް ބުޅަލެއް ދެ ދުވަހުގެ މަސައްކަތުން ހޯދައި ސަލާމަތްކޮށްފި އެވެ.

ބުޅާ ހޯދުމުގެ މަސައްކަތް "ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސް" އާއި "ޓޯފޫ ފައުންޑޭޝަން" ގުޅިގެން ފެށީ އެ ރަށުގައި ވަރަށް އޮޅު ބުޅަލެއް އޮތް ކަމަށް ބުނެ ފޮޓޯއާ އެކު އެމެރިކާ އަންހެނަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކަށް ފަހުގަ އެވެ. 

ސަފާރީއެއްގައި އެ ރަށަށް ދިޔަ ޓޫރިސްޓެއް ކަމަށް ބެލެވޭ، މެލީސާ މެކްޑެވިޓްގެ  ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އެއީ އެ ރަށަށް މީހަކު ދޫކޮށްލާފައި އޮތް އެއްޗެއް ކަމަށް ބެލެވެ އެވެ. ބުޅާ ވަރަށް އޮޅު ކަމަށާއި އެ މީހުންނާ އެ ރަށުން ބުޅަލާ ދިމާވި ފަހުން އެ މީހުންނާ ދުރަށް އެ ބުޅާ ނުދާ ކަމަށް ވެސް ބުނެފައިވެ އެވެ. 

ބުޅާ ދޫކޮށްލާފައި އޮތް ފެންބޯ ފިނޮޅު
ބުޅާ ދޫކޮށްލާފައި އޮތް ފެންބޯ ފިނޮޅު

އެކަމަކު ސަފާރީއަށް ބުޅާ އެރުވުމަށް ހުއްދަ ނެތުމުން އެރަށުން އެ ގެންދެވޭ ގޮތް ނުވީ ކަމަށް ބުންޏެވެ. އެހެންވެ އޭނާ އެ ރަށުން ދިޔައީ ބުޅަލަށް ބައެއް ކާއެއްޗެހި ވެސް ބަހައްޓައިފަ އެވެ.

"... މީހުން އުޅޭ  ރަށަކަށް މި ބުޅާ ގެންގޮސްދިން މީހަކަށް ފައިސާގެ އިނާމެއް ދޭނަން،" އެ މީހާގެ ޕޯސްޓް ނިންމާލަމުން ބުނެފައިވެ އެވެ.

މިދިޔަ ހުކުރު ދުވަހު ކުރި އެ ޕޯޓަށް ފަހު ޖެހިގެން އައި ދުވަހު "ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސް" އާއި "ޓޯފޫ ފައުންޑޭޝަން" އިން އެ ރަށަށް ގޮސް ބުޅާ ހޯދަން ފެށި އެވެ. އެކަމަކު އެ ދުވަހު ކުރި މަސައްކަތުން ވެސް ބުޅަލެއް ނުފެނުނެވެ. އެކަމަކު ބުޅާ ހިނގާފައި ހުރި ފިޔަވަޅުތައް ފެނުނެވެ. އެ މީހުން އެ ދުވަހު ދިޔައީ ރަށުގެ އެކި ހިސާބުގައި ކާއެއްޗެހި ބަހައްޓާފައި ކަމަށް ސޯޝަލް މީޑިއާގައި އެކަމާ ބެހޭ ގޮތުން ދީފައި ހުރި އަޕްޑޭޓްތަކުގައި ބުނެފައިވެ އެވެ. 

ހޮނިހިރު ދުވަހު ފަތިހު 5:30 އިން ހެނދުނު 10:00އާ ހަމައަށް ކުރި މަސައްކަތުން ބުޅާ ނުފެނުމުން އަލުން އެ ރަށަށް ދިޔައީ އިއްޔެ އެވެ. 

ފެންބޯ ފިނޮޅަށް ދޫކޮށްލާފައި އޮއްވައި ފެނުނު ބުޅަލުގެ ފޮޓޯ ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ އާންމުކުރި މީހާ ލާފައިވާ ފޮޓޯ.
ފެންބޯ ފިނޮޅަށް ދޫކޮށްލާފައި އޮއްވައި ފެނުނު ބުޅަލުގެ ފޮޓޯ ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ އާންމުކުރި މީހާ ލާފައިވާ ފޮޓޯ.

އިއްޔެ އަނެއްކާ އަނބުރާ އެ ރަށަށް ގޮސް ކުރި މަސައްކަތުން ރޭ އެ މީހުން ވަނީ ބުޅާ ހޯދައިފަ އެވެ. ބުޅާ ހިފައިގެން އެ މީހުން މ. މަޑުއްވަރިއަށް ދިޔައީ އިރު އޮއްސުމުން އެ ރަށުގައި މަސްބަތް ކައްކައި ރޯދަ ވީއްލައިގެންނެވެ. 

މ. މަޑުއްވަރީއަށް ގެންގޮސް އެ ބުޅާ މިހާރު ވަނީ މީހަކާ ހަވާލުކޮށްފައި ކަމަށާއި އެ ބުޅާ އެޑޮޕްޓްކުރަން ބޭނުންވާ މީހަކާ އެ ހަވާލުކުރާނެ ކަމަށް ވެސް ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނެފައިވެ އެވެ. އެކަމަކު އޭގެ ކުރިން ބުޅާ ނިއުޓާކުރާނެ ކަމަށް ބުންޏެވެ. 

އެ ޖަމިއްޔާއިން މިހާރު ވަނީ އެ ބުޅަލަށް ދޭނެ ނަމެއް ހުށަހެޅުމަށް ވެސް ހުޅުވާލައިފަ އެވެ.

ބުޅަލަށް އަނިޔާ ކުރުމާއި މީހުން ނޫޅޭ ފަޅު ހިސާބުތަކަށް އެސޮރުމެން ދޫކުރުމަކީ ދިވެހިން ވަރަށް ކުރިއްސުރެ ކޮށް އުޅޭ ކަމެކެވެ. މިހާރު އެފަދަ ކަންކަން ކުރާ މީހުން މަދު ނަމަވެސް ދޭތެރެއިން އޭގެ މައްސަލަތައް ފެންމަތިވެ އެވެ.