ހއ. ހޯރަފުށީގައި ބުޅަލެއް ދަންޖައްސައި، މަރާލި މައްސަލައެއް ފެންމަތިވެފައިވަނިކޮށް، އެފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަަވަޅު އަޅާނެކަމުގެ އިންޒާރު އެނިމަލް މިނިސްޓްރީން ދީފި އެވެ. 

ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ބުޅަލެއް ދަން ޖައްސާފައިވާ ވީޑިއޯއެއް އާންމު ކޮށްފަ އެވެ. އިންސްޓަގްރާމްގައި އެ ވީޑިއޯތައް ޕޯސްޓުކޮށްފައިވާ މީހާ ބުނެފައި ވަނީ އެއީ ބަނޑުބޮޑު ބުޅަލެއް ކަމަށާއި އެ އަށް އަނިޔާކޮށް ދަން ޖައްސާފައިވާ ވީޑިއޯތައް އޭނާ އަށް ފޮނުވީ ހޯރަފުށީގެ މީހެއް ކަމަށެވެ.

އެ ބުޅާ ދަންޖެއްސުމަށް ފަހު، މަރުވުމުން ދަމާފައި ގެންދާތަން ވެސް އެހެން ވީޑިއޯއަކުން ފެނެ އެވެ. އެ އަށް އަނިޔާކުރި މީހުން ފަހުން އެ ބުޅާ މޫދަށް ވަނީ އެއްލާލައިފަ އެވެ.

އެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު އެކަމާ ގުޅިގެން މިހާތަނަށް ވަނީ ތިން މީހަކާ ސުވާލުކޮށްފަ އެވެ. 

ބުޅާ ދަންޖެއްސި މައްސަލަ ފެންމަތިވުމުން އެނިމަލް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފަހަކަށް އައިސް ބައެއް މީހުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި އަނިޔާކުރުމާއި މަރާލުމުގެ އިތުރުން އެ ތަކެއްޗަށް އަޅާނުލާ ދޫކޮށްލާ ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބޭ ކަމަށެވެ. 

އެފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ. 

"މިކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަން މި މިނިސްޓްރީން ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ. 

މިނިސްޓްރީން ބުނީ ޖަނަވާރުންނަކީ ވޭނާއި ބިރާއި ތުރާ އިހުސާސްކުރެވޭނެ މަހްލޫގުން ކަމަށް ވާއިރު އެ ތަކެއްޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުން އަދި ގާނޫނީ ގޮތުން ވެސް އޮތް ވާޖިބެއް ކަމަށެވެ. 

މިނިސްޓްރީން ބުނި ގޮތުގައި މި ފަހުން ތަސްދީގު ކޮށްފައިވާ "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން ޖަނަވާރުންނަށް ލިބެންޖެހޭ އަސާސީ ހައްގުތައް ކަނޑައަޅާފައިވެ އެެވެ. އެއީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ހައްގުތަކެއް ކަމަށް ބުންޏެެވެ. 

އެ ހައްގުތަކުގެ ތެރޭގައި ހިމެނެނީ: 

  • ހައިހޫނުކަމާއި ކަރުހިއްކުމާއި ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން. 
  • ބިރުގަތުމާއި ހާސްވުމާއި ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން. 
  • ޖިސްމާނީ ގޮތުން އަރާމު ނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
  • ވޭނާއި ހާނިކަ އާއި ބަލިން މިންޖުވުމުގެ މިނިވަންކަން.
  • އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.

މިނިސްޓްރީން ބުނީ ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާކޮށް މަރާ ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާ މެދު އެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅުތައް އެޅޭނެ ކަމަށެވެ. 

އެ ގާނޫނުގައި ވަނީ ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި އާންމު ތަންތަނަށް ދޫކޮށްލާ ނަމަ ފިޔަވަޅުތަކެއް އެޅޭނެ ކަމަށް ވެސް ބަޔާންކޮށްފަ އެވެ. 

އޭގެ ތެރޭގައި ޖަނަވާރުންނަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ މަނާ ކަމެކެވެ. އަދި ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެ އެވެ. 

އެއާ ހިލާފަށް އަމަލުކުރާ ފަރާތްތަކަށް އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 5,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެ ގާނޫނުގައިވެ އެވެ. އަދި 5،000ރ. އާއި 10،000ރ. ގެ ޖޫރިމަނާއެއް ވެސް އެ ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. 

މިނިސްޓްރީން ބުނީ ޖަނަވާރުންނަށް ރަހުމުކޮށް، އޯގާތެރިކަމާއި އަޅާލުމާއި އިންސާނިއްޔަތުކަމާ އެކު އަމަލުކުރުމަކީ އިސްލާމް ދީނުގައި ވެސް ބާރު އަޅާފައި އޮތް ކަމެއް ކަމަށެވެ. އަދި ރަސޫލާގެ ސުންނަތުން އެނގޭ ގޮތުގައި ޖަނަވާރުންނަށް އޯގާތެރިވުމަކީ އިންސާނުންގެ މައްޗަށް އޮތް ދީނީ އަދި އަހްލާގީ ޒިންމާއެއް ކަމަށާއި އެއްވެސް ބޭނުމެއް ނެތި ޖަނަވާރުންނަށް ތުރާލެއް ދިނުމަކީ ދީނީ ގޮތުން މަނާކޮށްފައިވާ ކަންކަން ކަމަށް މިނިސްޓްރީން ބުންޏެވެ. 

އެހެންވެ، ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އެންމެން އެއްބާރުލުން ދިނުމަށް އެދި، މިނިސްޓްރީން ވަނީ އެފަދަ އަމަލެއްކުރާކަން ފާހަގަވާ ނަމަ، ރިޕޯޓުކުރަން އެދިފަ އެވެ.