ހއ. ހޯރަފުށީގައި ބުޅަލެއް ދަންޖައްސައި، މަރާލި މައްސަލައެއްގެ ތަހުގީގު ފުލުހުން ފަށައިފި އެވެ. 

ފުލުހުން މިއަދު ބުނީ ހޯރަފުށީގައި ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް، މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލާގައި ތިން މީހަކާ މިހާތަނަށް ސުވާލުކޮށް، ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

ސޯޝަލް މީޑިއާގައި ވަނީ އެ ބުޅާ ދަން ޖައްސާފައިވާ ވީޑިއޯއެއް އާންމު ކޮށްފަ އެވެ. އިންސްޓަގްރާމްގައި އެ ވީޑިއޯތައް ޕޯސްޓުކޮށްފައިވާ މީހާ ބުނެފައި ވަނީ އެއީ ބަނޑުބޮޑު ބުޅަލެއް ކަމަށާއި އެއަށް އަނިޔާކޮށް ދަން ޖައްސާފައިވާ ވީޑިއޯތައް އޭނާއަށް ފޮނުވީ އެ ރަށުގެ މީހެއް ކަމަށެވެ.

އެ ބުޅާ ދަންޖެއްސުމަށް ފަހު، މަރުވުމުން ދަމާފައި ގެންދާތަން ވެސް އެހެން ވީޑިއޯއަކުން ފެނެ އެވެ. އެ އަށް އަނިޔާކުރި މީހުން ފަހުން އެ ބުޅާ މޫދަށް ވަނީ އެއްލާލައިފަ އެވެ.

އެ ޕޯސްޓު ކުރި މީހާ ވަނީ އެކަމުގައި އުޅުނު ކަމަށް ތުހުމަތުކުރާ ތިން މީހުން ގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ.

އެ ވީޑިއޯ އަށް ގިނަބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ބުޅަލަށް އެ ވަރަށް ގޯނާ ކުރާއިރު ވެސް ކަމާބެހޭ ފަރާތްތަކުން އަޅާނުލައި ތިބޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ވެސް ބުޅަލެއް ދަން ޖެއްސި މައްސަލައެއް ފެންމަތިވި އެވެ.

ގާނޫނުގައިވާ ގޮތުން އަނިޔާވެރިކަމާ އެކު، ޖަނަވާރަކާ މެދު އަމަލުކުރުން ނުވަތަ އެ މީހެއްގެ ބެލެހެއްްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅާނުލައި ދޫކޮށްލުމަކީ ކުށެކެވެ. އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ.