މާލޭގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މީޑިއާ އިން ސުވާލު ކުރުމުން ފުލުހުން ބުނީ އެ އިންސިޑެންޓުގެ މައުލޫމާތު ލިބުމާ އެކު، ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ޒުވާން ފިރިހެނަކު އާޒިމަށް ހަމަލާދިނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގައި ހެންވޭރު ސަހަރާ ކައިރިން ވަޑައިގަންނަވަނިކޮށެވެ.
ޓީވީތަކުން ލައިވް ކުރަމުން ދިޔަ އެ އެއްވުން ކުރިއަށް ގެންދަނިކޮށް އެ ޒުވާނާ އާޒިމް ކޮއްޕާލުމާ އެކު، އެއްވުމުގެ ތެރެއިން ބަޔަކު އާޒިމްގެ ދިފާއުގައި ނުކުމެ ޒުވާނާއާ ކުރިމަތިލައި، ދުރަށް ޖެއްސި އެވެ.
އެ ހަމަލާގެ ތުހުމަތު އާޒިމް ސަރުކާރަށް އަމާޒު ކުރައްވާފައި ވަނިކޮށް، ރައީސް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ސަރުކާރުގެ ފަރާތުން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ބުނި ގޮތުގައި، މޭޔަރު އާޒިމަށް ހަމަލަދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބެއްލެވި އެވެ. އަދި މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން ރައީސް ކުށްވެރި ކުރައްވާ ކަމަށް ވެސް ބަަޔާނުގައިވެ އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން މޭޔަރު އާޒިމަށް ހަމަލަދިން މައްސަލަ އޭނާގެ ފަރާތުން އަދި އެމްޑީޕީންނާއި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވެސް ފުލުހުންނަށް ހުށަހަޅާފައެއް ނެތެވެ.
ނަމަވެސް އާޒިމަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން ފުލުހުން އަމިއްލަ އަށް އިސްނަގައިގެން މައްސަލަ ތަހުގީގު ކުރާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.