އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެ ޕާޓީގެ އެކްޓިވިސްޓު މުހައްމަދު ޝާމިން މިއަދު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝާމިން ހައްޔަރުކުރީ މި މަހުގެ އަށްވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އޭނާ ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން ޝާމިން، 41، ހައްޔަރުކުރީ އެމްޑީޕީން މިދިޔަ މަހުގެ 28 ގައި ބޭއްވި މުޒާހަރާގައި އެއްވުމުގައި ހަމަނުޖެހުން ހިންގައި، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި، ޗާންދަނީ މަގާއި ދީދީގޯޅި ގުޅޭ ކަންމަތީގައި މަގު ބަންދުކުރަން ފުލުހުން ޖަހާފައި ހުރި ބެރިކޭޑު ހުރަސްކޮށް، ބަންދު ކޮށްފައިވާ ސަރަހައްދުގެ ތެރެއަށް ވަދެފައިވާ މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލައިގެ ހެއްކަކަށް އޮތީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސީސީޓީވީ ފުޓޭޖު ސްނެޕްޝޮޓު އަދި ސީނަށް ދިޔަ ފުލުހުންގެ ބަޔާނެކެވެ.
ޓެކްސީ ޑްރައިވަރަކަށް މަސައްކަތްކުރާ ޝާމިން ބަންދުން ދޫކޮށްލުމުން މިއަދު އޭނާ ބުނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމަކީ އެންމެންނަށް ވެސް ލިބޭ ހައްގެއް ކަމަށާއި އެ މަސައްކަތުގައި އުޅެނިކޮށް ހައްޔަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމާއި ބޭންކަށް ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ އަދަދު 40 ޕަސެންޓަށް އިތުރުކުރުމާ ދެކޮޅަށް އެމްޑީޕީން މިހާރު ވަނީ ސިލްސިލާ މުޒާހަރާއެއް ފަށައިފަ އެވެ.
އެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުުރުކުރި އެވެ. އެ މުއްދަތު ހަމަވުމުން، ޝަރުތުތަކާއެކު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.