އެމްޑީޕީގެ އެއްވުން ރޭ ކުރިއަށް ގެންދަނިކޮށް މާލޭގެ މޭޔަރު އާދަމް އާޒިމަށް ދިން ހަމަލައާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ހެންވޭރު ސަހަރާ ކައިރިން އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ރޭ ހިނގާފައި ދަނިކޮށް، ކުރިމައްޗަށް އެރި ޒުވާނަކު ކުއްލި ގޮތަކަށް އާޒިމް މޭގައި ޖަހައި ކޮއްޕާލަ އެވެ.
ޓީވީތަކުން ލައިވް ކުރަމުން ދިޔަ އެ އެއްވުން ކުރިއަށް ގެންދަނިކޮށް އެ ޒުވާނާ އާޒިމް ކޮއްޕާލުމާ އެކު، އެއްވުމުގެ ތެރެއިން ބަޔަކު އާޒިމްގެ ދިފާއުގައި ނުކުމެ ޒުވާނާއާ ކުރިމަތިލައި، ދުރަށް ޖެއްސި އެވެ.
އެ ހަމަލާގެ ތުހުމަތު އާޒިމް ސަރުކާރަށް އަމާޒު ކުރައްވާފައި ވަނިކޮށް، ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ސަރުކާރުގެ އިސް ތަރުޖަމާން މުންދު ވިދާޅުވީ، ސަރުކާރުގެ ފަރާތުން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"ތަރުޖަމާނު ވިދާޅުވީ މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާކަމީ ހައިރާންވާ ކަމެއް ކަމަށާއި އެއީ ކޮން ކަމެއްގެ މައްޗަށް ނުވަތަ ކޮން ހެއްކަކާއި ގަރީނާއެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކަފުޅެއް ކަމެއް ހަމަ އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫން ކަމަށާއި ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެންމެހައި ފަރާތްތަކަށް އަރުވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ބަޔާނުގައި ވެ އެވެ.
ސަރުކާރުގެ އިސް ތަރުޖަމާނާ ހަވާލާދީ، ރައީސް އޮފީހުގެ ބަޔާނުގައި ބުނީ، މޭޔަރު އާޒިމް ދައްކަވަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި މިފަދަ ދޮގު ތުހުމަތު ކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
މޭޔަރަށް ދިން ހަމަލާ ރައީސް ކުށްވެރި ކުރެއްވި
ރައީސް އޮފީހުގެ ބަޔާނުގައި ބުނި ގޮތުގައި މޭޔަރު އާޒިމަށް ހަމަލަދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯ ރައީސް ޑރ. މުހައްމަދު މުއިއްޒު ބެއްލެވި އެވެ.
އަދި މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން ރައީސް ކުށްވެރި ކުރައްވާ ކަމަށް ވެސް ބަަޔާނުގައި ވެ އެވެ.
މާލޭގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވާއިރު، އޭނާ ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެ ބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައި ވިޔަސް، ހަމަލާދީ، އެ ބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަަމަށް ރައީސް މުއިއްޒާ ހަވާލާދީ، ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.
"މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރި ކަމެއް ނެތް، އަމާން މާހައުލެއް ގާއިމު ކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އަރުއްވަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުން ބުނީ ފުލުހުން މައްސަލަ ތަހުގީގުކުރާ ކަމަށް
ރައީސް އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން މޭޔަރު އާޒިމަށް ހަމަލަދިން މައްސަލަ އޭނާގެ ފަރާތުން އަދި އެމްޑީޕީންނާއި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވެސް ފުލުހުންނަށް ހުށަހަޅާފައެއް ނެތެވެ.
ނަމަވެސް އާޒިމަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން ފުލުހުން އަމިއްލަ އަށް އިސްނަގައިގެން މައްސަލަ ތަހުގީގު ކުރާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެކަމަކު، އެ މައްސަލާގައި މިހާތަަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.
ސަރުކާރުގެ އިސް ތަރުޖަމާން މުންދު ވިދާޅުވީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ މުއައްސަސާއަކީ ފުލުހުން ކަމަށް ވާއިރު، މިފަދަ ހާދިސާތައް ފުލުހުންނަށް ރިޕޯޓު ނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ. އަދި އެ ކަމާ ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާލެ ސިޓީގެ މޭޔަރަކީ ދައުލަތުގައި އެ މަނިކުފާނުގެ ހައިސިއްޔަތުގެ ތެރެއިން، އެދިވަޑައިގެންފި ނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއްކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ. އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ނުރައްކާ އޮތް މިންވަރު ބެލުމަށް ފުލުހުން އަބަދުވެސް ތްރެޓް އެސެސްމަންޓް ހައްދަވަމުން ގެންދަވާ ކަމަށާއި މިފަދައިން ހަދާ އެސެސްމަންޓަކުން އެއްވެސް ފަރާތަކަށް ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިއްޖެ ނަމަ ފުލުހުން އިސްވެ އެ ބޭފުޅުންނަށް ސެކިއުރިޓީގެ ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.
މޭޔަރު އާޒިމަށް ރޭ ހަމަލަދިނުމާ އެކު، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ އެ މައްސަލަ ވަގުތުން ތަހުގީގުކޮށް، މޭޔަރު އާޒިމަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންނަށް ގޮވާލައްވއިފަ އެވެ.