އެމްޑީޕީގެ އެއްވުން ރޭ ކުރިއަށް ގެންދަނިކޮށް މާލޭގެ މޭޔަރު އާދަމް އާޒިމަށް ހަމަލަދީފި އެވެ. 

ސަރުކާރާ ދެކޮޅަށް އެމްޑީޕީން ސިލްސިލާކޮށް ފަށާފައިވާ އިހުތިޖާޖުގެ ރޭގެ ހަރަކާތް ކުރިއަށް ގެންދިޔައީ އާޒިމް އިސްވެ ހުންނަވައިގެންނެވެ.

ހެންވޭރު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް، ކުރިމައްޗަށް އެރި ޒުވާނަކު ކުއްލި ގޮތަކަށް އާޒިމް މޭގައި ޖަހައި ކޮއްޕާލާ މަންޒަރު ފެނެ އެވެ.

ޓީވީތަކުން ލައިވް ކުރަމުން ދިޔަ އެ އެއްވުން ކުރިއަށް ގެންދަނިކޮށް އެ ޒުވާނާ އާޒިމް ކޮއްޕާލުމާ އެކު، އެއްވުމުގެ ތެރެއިން ބަޔަކު އާޒިމްގެ ދިފާއުގައި ނުކުމެ ޒުވާނާއާ ކުރިމަތިލައި، ދުރަށް ޖެއްސި އެވެ. އަދި އާޒިމްގެ ދިފާއުގައި ހަރަކާތްތެރިވި އެމްޑީޕީގެ އެކްޓިވިސްޓުންގެ ރުޅިގަނޑު ކޮންޓްރޯލް ކުރަން އިސްވެރިން މަސައްކަތް ކުރި މަންޒަރު ވެސް ފެނުނެވެ. 

މިކަމާ ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ އާދަމް އާޒިމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފަ އެވެ.

"މި ހަމަލާ މިހާރުން މިހާރަށް ތަހުގީގުކޮށް، މޭޔަރު އާޒިމަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންނަށް ގޮވާލަން،" ގަޕޯ އެކްސްގައި ވިދާޅުވި އެވެ.