ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރައްވާ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނިންމަވައި، އެ މަނިކުފާނުގެ ވެރިކަމުގެ ނައިބު ރައީސް ފައިސަލް ނަސީމަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
އެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް މިއަދު ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން އިބޫ ނިންމަވާފައިވާ ކަމަށެވެ. އަދި ފައިސަލް އެ އިންތިހާބަށް ނެރުއްވުމަށް އިބޫ ފުރިހަމައަށް ތާއީދު ކުރައްވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އިބޫގެ ބެކިންއާ އެކު ފައިސަލް ޕްރައިމަރީ އަށް ނުކުމެވަޑައިގަންނަވަނީ. އެ ޔަގީންކަން ވަނީ ލިބިފައި،" އޭނާ ވިދާޅުވި އެވެ.
ނައިބު ރައީސްކަމުގެ ފަސް އަހަރުގެ ދައުރު މިހާތަނަށް ފުރިހަމަ ކުރެއްވި ހަމައެކަނި ބޭފުޅާގެ ޝަރަފު ލިބިވަޑައިގެންފައިވާ ފައިސަލްގެ ރަނިން މޭޓެއްގެ ގޮތުގައި ނިކުންނަވާނީ މާލޭގެ މޭޔަރު އާދަމް އާޒިމް ކަމަށް އެނގިފައި ވެ އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ފައިސަލް އިއުލާން ކުރައްވައި ކެމްޕެއިން ފައްޓަވާނެ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮަވަން ބާއްވާ ޕްރައިމަރީގައި ފައިސަލް ވާދަކުރެއްވުމާ ގުޅޭ ގޮތުން މިދިޔަ އާދިއްތަ ދުވަހު ވެސް އިބޫއާ މަޝްވަރާ ކުރެއްވި އެވެ.
އެކަމަކު އޭގެ ތަފުސީލެއް ފައިސަލްގެ ފަރާތްޕުޅުން އަދި ނުދެއްވަ އެވެ. އަދި 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ފައިސަލް ކުރައްވާ މަސައްކަތްޕުޅާ ގުޅޭ ގޮތުން ވެސް އެ މަނިކުފާނު މިހާތަނަށް ހުންނެވީ ހިމޭނުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ނުކުންނަވާ ފައިސަލަށް ތާއީދު ކުރައްވަން އިބޫ ނިންމެވި ނަމަވެސް 2023 ގެ ރިޔާސީ އިންތިހާބުގައި އިބޫގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ ފައިސަލްގެ ބަދަލުގައި ހިތަދޫ އުތުރު ދާއިރާގެ އޭރުގެ މެމްބަރު މުހައްމަދު އަސްލަމެވެ.
ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ އެމްޑީޕީ އަށް 2023 ގެ ރިޔާސީ އިންތިހާބު ގެއްލުނު ފަހުން ފެބްރުއަރީ 22، 2024 ގަ އެވެ. އެއީ ޖުމްހޫރީ ޕާޓީގައި 16 އަހަރު ހޭދަކުރެއްވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުންނެވެ. ފައިސަލް ޖުމްހޫރީ ޕާޓީ ދޫކުރެއްވީ ޖެނުއަރީ 2024 ގަ އެވެ.
ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން މިހާރު ފާޅުގައި ކެމްޕެއިން ކުރައްވަނީ އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ވިދާޅުވަމުން ގެންދަވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ފައްޔާޒަށް ތާއީދު ކުރައްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބަށް މިހާރުއްސުރެ ތައްޔާރުވަމުން އަންނައިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓް މިދިޔަ ހުކުރު ދުވަހު ވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފަ އެވެ.