އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގެންގުޅުއްވާއިރު، އެ މަނިކުފާނު އެމްޑީޕީގައި ހޭދަވީ ވަރަށް ކުރު މުއްދަތެއް ކަމަށް ބުނެ އެ ޕާޓީގެ އާއްމު މެމްބަރުންތަކެއް ފާޑުކިޔަން ފެށުމުން ދިފާއުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ކޮއްކޮ އަލީ ނިޔާޒް ނުކުންނަވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ގާތް ބޭފުޅުންނާ އެކު ފައިސަލް މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި ނަމަވެސް ރަސްމީކޮށް އެކަން އަދި އިއުލާނެއް ނުކުރައްވަ އެވެ. އެކަމަކު އިންތިހާބާ ގުޅޭ ގޮތުން އިބޫއާ އެކު ފައިސަލް އިއްޔެ ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
އެމްޑީޕީ ހަރަކާތްތެރިއެއް ކަމަށްވާ އަޝްޖައު ވަހީދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފައިސަލް އެމްޑީޕީގެ މެންބަރަކަށްވީތާ އަދި ތިން އަހަރު ނުވާ އިރު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުކަން "ހަޔާތުގައި ވެސް ނުކުރާ" ކަމަށެވެ. އެކަން އެެހެން އޮތް އިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އުޅުއްވަނީ ކޮން ވިސްނުމެއްގައިތޯ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ނުކުންނަވާފައިވާ ފައްޔާޒަށް ތާއީދުކުރާ އަޝްޖައުގެ ޕޯސްޓުގައި ސުވާލު އުފައްދާފައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރުކަމާއި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމު ވެސް ފުރުއްވާފައިވާ އަލީ ނިޔާޒު އެ ވާހަކައަށް ރައްދު ދެއްވީ 2005 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ފުރަތަމަ ކޮންގްރެސްގައި ފައިސަލް ބައިވެރިވެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯއަކުންނެވެ.
އެ ފޮޓޯ ޕޯސްޓްކުރެއްވި އިރު ހަމައެކަނި ލިޔުއްވީ އެއީ އެމްޑީޕީގެ ފުރަތަމަ ކޮންގްރެސްކަން އެނގޭ ކެޕްޝަނެއް އެކަންޏެވެ.
ނިޔާޒުގެ ޕޯސްޓަށް ގިނަ ބަޔަކު ފާޑުކިޔައި ރައްދު ދިން އިރު އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރުދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ހިމެނެ އެވެ. ނިޔާޒުގެ ޕޯސްޓަށް ކުރި ކޮމެންޓްގައި އާޒިމް ސުވާލު ކުރެއްވީ "ނިޔާ ލަދުވެސް ނުގަނޭތޯ" އެވެ.
އެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ތުހުމަތުކުރި ގޮތުގައި އެމްޑީޕީގެ ފުރަަތަމަ ކޮންގްރެސްގައި ފައިސަލް ބައިވެރިވެވަޑައިގަތީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އޮބްޒާވަރެއްގެ ހައިސިއްޔަތުން ކަމަށް ވާއިރު ނިޔާޒް އެ ފޮޓޯ ޕޯސްޓް ކުރެއްވީ އޮޅުވާލަން ކަމަށެވެ.
ފައިސަލްގެ ދިފާއުގައި ނިޔާޒް އެފަދަ ޕޯސްޓެއް ކުރެއްވިއިރު އިބޫގެ ރަސްމީ އޮފީހަށް ވަޑައިގެން ކުރެއްވި މަޝްވަރާގެ ތަފުސީލެއް ފައިސަލްގެ ފަރާތްޕުޅުން އަދި ނުދެއްވަ އެވެ. އަދި 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ފައިސަލް ކުރައްވާ މަސައްކަތްޕުޅާ ގުޅޭ ގޮތުން ވެސް އެ މަނިކުފާނު މިހާތަނަށް ހުންނެވީ ހިމޭނުންނެވެ.
ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސް ފައިސަލަށް އިބޫގެ ތާއީދު އޮތް ކަަމަށް އަޑުފެތުރިފައި ވެ އެވެ. އެކަމަކު، ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު އެ މަނިކުފާނު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ އެމްޑީޕީ އަށް 2023 ގެ ރިޔާސީ އިންތިހާބު ގެއްލުނު ފަހުން ފެބްރުއަރީ 22، 2024 ގަ އެވެ. އެއީ ޖުމްހޫރީ ޕާޓީގައި 16 އަހަރު ހޭދަކުރެއްވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުންނެވެ. ފައިސަލް ޖުމްހޫރީ ޕާޓީ ދޫކުރެއްވީ ޖެނުއަރީ 2024 ގަ އެވެ.