ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދަވަން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިއުލާން ކުރައްވައިފި އެވެ. 

އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ކުރެއްވި ކަމަކީ މަސްރަހު ދިރާސާ ކުރެއްވުން ކަމަށެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް އިބޫއާ ވަރަށް ބޮޑަށް މަޝްވަރާ ކުރައްވައި އެ މަނިކުފާނުގެ "ވަރަށް ބޮޑު އެއްބާރުލުމެއް އޮވެގެން" ނެވެ.  

"އެއީ އަޅުގަނޑު ގަބޫލުކުރީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެ ގޮތަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭ ކަމަށް ވަންޏާ. އެނގިވަޑައިގަންނަވާނެ ރައީސް ސޯލިހަކީ ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ގިނަ ހިދުމަތްތަކެއް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ގަބޫލު ކުރައްވާ،" އިބޫއަށް ތައުރީފު ކުރައްވަމުން ފައިސަލް ވިދާޅުވި އެވެ. 

ކުރީގެ ރައީސް އިބޫ އާއި މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އަދި ކުރީގެ ޗެއާޕާސަން ފައްޔާޒު.
ކުރީގެ ރައީސް އިބޫ އާއި މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އަދި ކުރީގެ ޗެއާޕާސަން ފައްޔާޒު.

އެ މަނިކުފާނު ވިދާޅުވީ، މިއީ އުނދަގޫ ކަމެއް ކަމަށާއި ބޭނުންވަނީ ރެއާއި ދުވާލު ހުއްޓުމެއް ނެތި ވަރުގަދަކޮށް މަސައްކަތް ކުރެވޭނެ ޓީމެއް ކަމަށެވެ.

ފައިސަލްގެ ރަނިންމޭޓަކަށް ހަމަޖައްސަވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އެވެ. 

ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ފައިސަލްއާ އެކު ބައިވެރިވެވަޑައިގެން އާޒިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި އެ ޕާޓީގެ ރައީސާއި ނައިބު ރައީސަކު ހުންނެވުން ވަރަށް މުހިންމު ކަމަށެވެ. 

"އެގޮތުގެ މަތިން ވީޕީ ފައިސަލްގެ ދައުވަތު އަޅުގަނޑު ގަބޫލުކޮށް، ފައިސަލްގެ ނައިބު ރައީސެއްގެ ގޮތުގައި ކުރިއަށް ދާން އަޅުގަނޑު މި ހުރީ ތައްޔާރުވެގެން. އެއީ އަޅުގަނޑުމެން ދެ މީހުން އެއްކޮށް ކުރާ މަސައްކަތަކީ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައިސަލާއި ދެ ބޭފުޅުން ވެސް ކުރީގެ ރައީސް އިބޫގެ ސަރުކާރުގައި އެއްކޮށް ވަނީ މަސައްކަތް ކުރައްވައިފަ އެވެ. ހާއްސަކޮށް ޕްރޮފެޝަނަލްކޮށް ދެ ބޭފުޅުން ވެސް މަސައްކަތް ކުރެއްވިކަން އާޒިމް ފާހަގަކުރެއްވި އެވެ.

އާޒިމް ވެސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން އޭނާ އާއި ފައިސަލް ނުކުންނެވީ ކުރީގެ ރައީސް އިބޫގެ ވަރަށް ފުރިހަމަ އެއްބާރުލުަމާ އެކުގަ އެވެ. 

"ދިވެހިރާއްޖެ އެންމެ ދަތިހާލުގައި އޮތް ގަޑީގައި ވެސް ހިކުމަތްތެރިކަމާ އެކު، މަސައްކަތް ކޮށްދެއްވައި، ދިވެހިރާއްޖޭގެ މިކަަހަލަ ބޮޑު ކަމަކުން [ކޮވިޑް ހާލަތު] ސަލާމަތް ކޮށްދިނުމަށް ވިސްނުންތެރިކަމާއެކު މަސައްކަތް ކޮށްދެއްވި ބޭފުޅެއް. އަދި ދިވެހިރާއްޖޭގެ ހުރިހާ ރަށެއް، ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ހުރިހާ ކަހަލަ ތަރައްގީއެއް ގެނެސްދިނުމަށް މަސައްކަތް ކޮށްދެއްވި،" އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ފައިސަލްގެ އިތުރުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދެވެ.