ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
އިބޫގެ ރަސްމީ އޮފީހަށް ވަޑައިގެން މަޝްވަރާ ކުރެއްވި ނަމަވެސް އޭގެ ތަފުސީލެއް ފައިސަލްގެ ފަރާތްޕުޅުން އަދި ނުދެއްވަ އެވެ. އަދި 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ފައިސަލް ކުރައްވާ މަސައްކަތްޕުޅާ ގުޅޭ ގޮތުން ވެސް އެ މަނިކުފާނު މިހާތަނަށް ހުންނެވީ ހިމޭނުންނެވެ.
ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސް ފައިސަލަށް އިބޫގެ ތާއީދު އޮތް ކަަމަށް އަޑުފެތުރިފައި ވެ އެވެ. އެކަމަކު، ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު އެ މަނިކުފާނު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ އެމްޑީޕީ އަށް 2023 ގެ ރިޔާސީ އިންތިހާބު ގެއްލުނު ފަހުން ފެބްރުއަރީ 22، 2024 ގަ އެވެ. އެއީ ޖުމްހޫރީ ޕާޓީގައި 16 އަހަރު ހޭދަކުރެއްވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުންނެވެ. ފައިސަލް ޖުމްހޫރީ ޕާޓީ ދޫކުރެއްވީ ޖެނުއަރީ 2024 ގަ އެވެ.
ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން މިހާރު ފާޅުގައި ކެމްޕެއިން ކުރައްވަނީ އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު އެވެ.
ރިޔާސީ އިންތިހާބަށް މިހާރުއްސުރެ ތައްޔާރުވަމުން އަންނައިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓް މިދިޔަ ހުކުރު ދުވަހު ވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފަ އެވެ.