މާލޭގެ މޭޔަރު އާދަމް އާޒިމަށް އެމްޑީޕީގެ އެއްވުމުގެ ތެރެއިން ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ބަންދުގެ ރެކޯޑްތައް އޮންނަ ގ. އީރީ، އަބްދުﷲ މުއާޒް، 35، އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުގައި، ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލޭގެ މޭޔަރު އާޒިމްގެ ގައިގައި އަތްލައި މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
މުއާޒް ބަންދުގެ މަޖިލީހުގައި ބުނެފައި ވަނީ އޭނާ މޭޔަރު ކައިރިއަށް ދިޔައީ ވާހަކަ ދައްކަން ކަމަށެވެ. އޭނާއާ މާރާމާރީ ހިންގީ މުޒާހަރައިގެ ބައިވެރިން ކަމަށް އޭނާ ބުންޏެވެ.
އާޒިމަށް ހަމަލާދިނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގައި ހެންވޭރު ސަހަރާ ކައިރިން ވަޑައިގަންނަވަނިކޮށެވެ.
ޓީވީތަކުން ލައިވް ކުރަމުން ދިޔަ އެ އެއްވުން ކުރިއަށް ގެންދަނިކޮށް އެ ޒުވާނާ އާޒިމް ކޮއްޕާލުމާ އެކު، އެއްވުމުގެ ތެރެއިން ބަޔަކު އާޒިމްގެ ދިފާއުގައި ނުކުމެ ޒުވާނާއާ ކުރިމަތިލައި، ދުރަށް ޖެއްސި އެވެ.
އެ ހަމަލާގެ ތުހުމަތު އާޒިމް ސަރުކާރަށް އަމާޒު ކުރައްވާފައި ވަނިކޮށް، ރައީސް އޮފީހުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ސަރުކާރުގެ ފަރާތުން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ބުނި ގޮތުގައި، މޭޔަރު އާޒިމަށް ހަމަލަދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބެއްލެވި އެވެ. އަދި މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން ރައީސް ކުށްވެރި ކުރައްވާ ކަމަށް ވެސް ބަަޔާނުގައިވެ އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން މޭޔަރު އާޒިމަށް ހަމަލަދިން މައްސަލަ އޭނާގެ ފަރާތުން އަދި އެމްޑީޕީންނާއި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވެސް ފުލުހުންނަށް ހުށަހަޅާފައެއް ނެތެވެ.
ނަމަވެސް އާޒިމަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން ފުލުހުން އަމިއްލަ އަށް އިސްނަގައިގެން މައްސަލަ ތަހުގީގު ކުރާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.