މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަހުމަދު މައިމޫން މުހައްމަދު ޝަރުތުތަކަކާ އެކު ބަންދުން އިއްޔެ ދޫކޮށްލައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 28 ގެ ރޭގައި އެމްޑީޕީން ބޭއްވި މުޒާހަރާ އަށް ފަހު އެވެ.
އޭނާ ހައްޔަރުކުރީ މުޒާހަރާގައި އާންމު މަސްލަހަތު ނަގާލައި މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކޮށް، އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ތުހުމަތުގަ އެވެ.
މައިމޫންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކުރި އެވެ.
އޭނާ ބަންދު މުއްދަތު ހަމަވެ، އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
ކޯޓު އަމުރުގައި ބުނީ، މައިމޫން ބަންދުން ދޫކޮށްލީ 30 ދުވަހަށް ޝަރުތުތަކެއް ކޮށްފަ އެވެ. އެއީ:
- ތަހުގީގަށް އެއްބާރުލުން ދިނުން.
- މާލެ ސަރަހައްދުން ބޭރަށްދާ ނަމަ ފުލުހުންނަށް އެންގުން.
- އުޅޭ އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރު ބަދަލުވެއްޖެ ނަމަ ފުލުހުންނަށް އެންގުން.
އެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އަލުން ބަންދު ކުރާނެ ކަމަށް ވެސް އަމުރުގައިވެ އެވެ.
މާލެ ސިޓީ ކައުންސިލްގެ ވަޒީފާގައި އުޅޭ މައިމޫނަކީ، އެމްޑީޕީގެ އެކްޓިވިސްޓެއްގެ އިތުރަށް އެ ޕާޓީގެ ޒުވާނުންގެ ހިތްވަރު ގޮފީގެ ނައިބު ރައީސެވެ.