މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ މީހުންގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
އިދިކޮޅު އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ދައުލަތުން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ފާތިމަތު ޒަހިއްޔާ އާއި އިތުރު ހަ މީހެއްގެ މައްޗަށެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ މައުރޫފް ފިޔަވައި ދެން ތިބި މީހުންގެ ބައެވެ. އޭގެ ތެރެއިން ތިން މީހަކު ދައުލަތާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން އެދިފައިވާއިރު، ދެން ތިބި ހަތަރު މީހުންގެ ފަރާތުން އެދުނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށެވެ.
ކޯޓުން ވަނީ ވަކީލުން އައްޔަންކުރަން 10 ދުވަހުގެ މުއްދަތެއް އެ މީހުންނަށް ދީފަ އެވެ.
އެ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރާއިރު، އެދުވަހުގެ މުޒާހަރާއާ ގުޅިގެން އިތުރު ބަޔަކު ވެސް ހައްޔަރުކުރި އެވެ. ނަމަވެސް އެ މީހުން ފަހުން ވަނީ ދޫކޮށްލައިފަ އެވެ.