އެމްޑީޕީން ރޭ ބޭއްވި އެއްވުމުގެ ތެރެއިން: ޑިމާންޑްތަކަށް އިޖާބަނުދީފި ނަމަ، ނޮވެމްބަރު 17 ގައި އެމްޑީޕީން ބޮޑު މުޒާހަރާއެއް ބާއްވަން ދަނީ މަޝްވަރާ ކުރަމުން - ފޮޓޯ: ނިޝާން އަލީ / މިހާރު
04 އޮކްޓޯބަރ 2025 - 22:11
އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި ސަރުކާރަށް ކުރި ޑިމާންޑުތަކަށް އިޖާބަ ނުދީފި ނަމަ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އަނެއްކާވެސް ބޮޑު މުޒާހަރާއެއް ކުރަން އެ ޕާޓީން މިރޭ ނިމްމައިފި އެވެ.
"ލޫޓުވާލައިފި" ނަމުގައި ރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި ސަރުކާރަށް ޑިމާންޑްތަކެއް ކޮށްފައިވާއިރު، އެ އެއްވުމަކީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް ދިން "އިންޒާރެއް" ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އާޓިފިޝަލް ބީޗުގައި ރޭގެ ނުވައެއް ޖެހިއިރު ފެށި ބޮޑު އެއްވުމުގެ ބައިވެރިން ފުލުހުންނާ އެކު އެމްޑީޕީން ވި އެއްބަސްވުމާ ހިލާފަށް މަޖީދީ މަގުން ދާން އުޅުމުން ފުލުހުން އެ މީހުންނަށް ހުރަސް އެޅި މައްސަލަ ކުށްވެރިކޮށް މިރޭ ބޭއްވި ގައުމީ މަޖިލީހަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ގަރާރެއް ހުށަހެޅުއްވި އެވެ. އެ ގަރާރުގައި ގޮވައިލީ ރޭގެ އެއްވުމުން ހައްޔަރުކުރި 8 މީހުންގެ ތެރެއިން ބަންދުކުރި ހަ މީހުން ދޫކޮށްލުމަށެވެ.
މީގެ އިތުރުން، ރައްޔިތުންގެ އަސާސީ ހައްގުތައް ދިފާއުކުރަން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލުމަށާއި ރޭގެ މުޒާހަރާގައި ކުރި ޑިމާންޑުތަކަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބޮޑު މުޒާހަރާއެއް ކުރަން އިގުރާރުވުމަށް ވެސް ގަރާރުގައި ވަނީ ބަޔާންކޮށްފަ އެވެ. ގައުމީ މަޖިލިހަށް ވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުން އެ ގަރާރު ފާސްކުރި އެވެ.
ނޮވެމްބަރު 17 އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ ދެ އަހަރު ފުރޭ ދުވަހެވެ.
އެމްޑީޕީގެ ގަރާރަށް ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ތާއީދު ކުރައްވައި ވާހަކަ ދެއްކެވި އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ހިމެނެ އެވެ.
ޝާހިދު ވިދާޅުވީ ރޭ އެމްޑީޕީން ވާނީ ޑިމާންޑްތަކެއް ކޮށްފައި ކަމަށާއި އޭގެ ތެރޭގައި ގާނޫނުއަސާސީ އަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލު އުވާލުން ހިމެނޭ ކަމަށެވެ. އަދި މީޑިއާ ކޮންޓްރޯލް ކުރަން ހަދާފައިވާ ގާނޫނު އުވާލުމަށާއި ޕްރައިވެޓް ސެކްޓާއަށް ޖެއްސުން ކުރުން ހުއްޓާލުމަށް ވެސް ޑިމާންޑްކޮށްފައިވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ސަރުކާރުން ކުރަންވީ ކަމަކީ އަޅުގަނޑުމެން ކޮށްފައިވާ ޑިމާންޑްތައް ދިރާސާކޮށް މާދަމާ ވިޔަސް އެއަށް ފިޔަވަޅު އަޅަންވީ. ރައްޔިތުންނާ ހަމައަށް ފައިބާވަޑައިގަންނަވަންވީ. ރައްޔިތުންގެ ޝުއޫރުތައް އަޑުއައްސަވަންވީ،" ޝާހިދު ވިދާޅުވި އެވެ.
"މިކަންކަން މި މަގަށް ނުދާ ކަމަށްވާ ނަމަ އަޅުގަނޑުމެން 17 ނޮވެމްބަރާ ހަމައިގައި އަނެއްކާވެސް އަޅުގަނޑުމެން ތިބޭނީ މަގުމަތީގައި."
އެމްޑީޕީގެ މުޒާހަރާ ފަށަމުން އިއްވި ފަސް ޑިމާންޑަކީ؛
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭ ގޮތް ބަދަލުކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އަނބުރާ ގެންދިއުން،
- އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭ ދޭން ފެށުން،
- ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އުވާލުން،
- މީޑިއާ ރެގިއުލޭޝަން ގާނޫނު އުވާލުން،
- އާސަންދަ އާއި ބޭސްފަރުވާ އަދި ބޭސް ހަމައަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެމްޑީޕީގެ އެއްވުމަށް ގިނަ އަދަދެއްގެ މީހުން ޖަމާވިއިރު، އެ އެއްވުމުގެ ބައިވެރިން މަޖީދީމަގަށް ނުކުތުމާ އެކު، ފުލުހުން ހުރަސް އަޅައި އެ މުޒާހަރާ ހުއްޓުވި އެވެ. ފުލުހުން ބުނީ، އެމްޑީޕީއާ އެކު އޭގެ ކުރިން ބޭއްވި ބައްދަލުވުމުގައި އެއްބަސްވީ އެ އެއްވުން އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައި ބާއްވާށެވެ. މަޖީދީ މަގުން އެއްވުމުގެ ބައިވެރިން ދާން އުޅެ، ފުލުހުންގެ ސަފުތައް ފޫއަޅުވައިލަން އުޅުމުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވީ އެވެ.
ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާ ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ތުހުމަތު ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އެންމެ ބޮޑަށް ފާޑުކިޔުުން އަމާޒުވެފައިވަނީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެއް ބޭނުންކުރި މައްސަލައިގަ އެވެ.
އާދަޔާ ހިލާފް ގަދަ އަޑެއް ފޮނުވާ މި އާލާތް ބޭނުން ކުރުމުގެ ސަބަބުން ބައެއް އާންމުންނަށް ސިއްހީ ގޮތުން އެކި މައްސަލަތަައް ދިމާވެފައިވާ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އެ އާލާތް ބޭނުންކުރުމާ ބެހޭ އުސޫލެއް ވެސް ނެތް ކަމަށާއި އެހެންވެ މިއީ ފުލުހުންނަށް ހުއްދަ އޮތް އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.
ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލިއ
06 October 2025
އެއުޅެނީ އެމީހުން ހިންގި ޖަރީމާތައް ފޮރުވަން، ކަމެއް ނުކުރާކަން ޕާޓީ ކުދިންކޮޅު ގަބޫލުކުރަންދެން، ކުދިންނޭ ހޭލާ، ކަނޑު ވިއްކާލި ޝާހިދު ޕްރޮމޯޓްކުރަން ދައުލަތް ހުސްކުރި، ކޮވިޑަށް ޤައުމުތަކުން ދިން އެހީއަށް ވީގޮތެއްނޭނގޭ، ބައިތުލްމާލު ބަދަލުގެ ގޮތުގައި ބަހާލީ ހުޅުމާލޭ ބިން އޮޅުވާލައިގެން ޕާޓީކުދިންނަށް ދީފަ އެހެންމީހުންނަށް ކަނޑުން ގޯތިދިނީ އަދިވެސް އެތައްކަމެއް ކުންފުނިތައް ދަރުވާލީ ހުރިޢިމާރާތެއްވިއްޔާ ރަހުނުކޮށް ލޯނުނަގައިފި.
ސދަސދޤާޑ
05 October 2025
ރަށް ރަށުން މުޒާހަރާއަށް މީހުން އެއްކުރަނީ، އެކަމަކު ނިމެނީ ތަޅާފޮޅުމަކުން. މިހުންނަނީ ތިޔަ ސިޔާސީ މީހުންގެ ބަހަށް ހެއްލިގެން ނުދެވޭ ސަބަބަކީ.
ހުސައިން
05 October 2025
ވަރަށް ކައިރިން ފެންނަ މަންޒަރެއް. ފޭސް 2 ގެ އުތުރުފަރާތު ބީޗަށް ނިކުތީމަ ފެންނާނެ ކުރީގެ ސަރުކާރުން ބަހާލާފައިވާ ގޯތިތައް މަތިމައްޗަށް ހަދާތަން. ގޯތިތައް ފުދޭވަރަކަށް ބޮޑެތި. މިއީ ހަމަ ހެޔޮގޮތުގައި ބަހާފައި ހުރި ގޯތިތޯ؟ އެހެންނޫން ނަމަ، މިކަންތައްވެސް ވާނީ ބޮޑު ކޮރަޕްޝަން އަކަށް ނޫންތޯ؟
ނައިނާ
05 October 2025
ސަރުކާރުގެ މޭގަނޑުވުރިގެން ފައިބަންފަށައިފިއެވެ. މުޅި ސަރުކާރު ހޮޅިވެ އެތެރެކޯލުގައި ރެނދުލައިފިއެވެ. މިނިސްޓަރުންނާއި ނައިބުން މަގުތަކަށް ނުކުމެ ހިނގާބިގާ އުޅުންވެސް ޓެރަރިޒަމޭ ގޮވާ މޮޔަވެއްޖެއެވެ. ނޫސްވެރިންނާއި ދިމާކޮށް ނޫސްތަކަށް ތުރާކޮށްގެން ސަރުކާރު ދޯހަޅިކަން ފޮރުވިދާނެކަމަށް ބުނާ ބަޔަކުވެސް ތިބެދާނެއެވެ. ނަމަވެސް މިކަހަލަ ކުށް ހީތަކާއި ބިލާހުގައި ސަރުކާރު އެެއްކޮށް ތާށިވެއްޖެެއެވެ. މުޒާހަރާގެ އަސްލަކީ ސަރުކާރުގެ ދޯހަޅި ސިޔާސަތެވެ.
ސޮލާހު މޫސާ
05 October 2025
އަނިޔާ ނުކުރުމައް ގޮވާލީ ކުރީގެ ރައީސްކަން ކޮއްފާހުރި (ޔާމީން) ދައުރު ނިމެންދެން ޖަލުގަ ބާއްަވާގެން އަނިޔާކުރިމީހުން
ހިޔަޅު
05 October 2025
ފެނަކަ ސައީދު އާ އަދީބު އައް ތިމުޒާހަރާގެ ދިދަދޭންވީ
ހިލަމު
05 October 2025
5 އަހަރު ސުޕަމެޖޯރިޓީ ދިނިން އެކަމަކު އެއްކަމެއް ނުކޮެއް ގައުމު ދޮވެލާގެން ދިޔައީ ދެން ނުދޭނަަން ވެރިކަން ކުރަާކައް ގައުމު ތަަރައްގީ ގެންނާކަށް ނޭނގޭ
ސިފާ
05 October 2025
ނޮވެމުބަރ 3 އެއީ ބާޣީން އެރިދުވަސް ތިތާ އެބަތިބި އެކަމާ ގުޅުންހުރި މީހުން
ނުސުރާ
05 October 2025
ބޭނުަމަކީ ގައުމުަ ތަރައްގީ ވިޔަނުދިނުން
ރާވެރިބެ
05 October 2025
ރަގަޅު. އަޑު އިވެންދެން ވާންކޮށްފަ ބަހައްޓާ! އަޑުއިވުމަކީ ގާނޫނު އަސާސީގެ ހުދޫދުގެ ތެރެއަށް ރުޖޫއަ ވުން. ޗާޓުން ބޭރުން ދުއްވުން ހުއްޓާލާފަ ޑޮމޮކްރަސީގެ އޮނިގަޑަށް ތަބާވުން. މިކަން އަމަލުން ދައްކަން ޖެހޭ. އަދި ނޫސްވެރިން ކޮންޓްރޯލް ކުރާ ގާނޫނު އުވާލަން ޖެހޭ.
ޖަމަލޭން
06 October 2025
ތިޔަބުނާ ކަންކަމާ ކުފޫހަމަނުވީމަ ދޯ ކުރިން ދެފަހަރުވެސް އެމްޑީޕީ މީހުން އަތުން ވެރިކަން ނަަގައި މިވެރިންނަށް ވެރިކަން ރައްޔަތުން ހަވާލުކުރީ. ދެން ކޮން މުޖާހިރާއެއް ކުރާކައްތަ؟