އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހަން ގޮވާލި މައްސަލާގެ ތުހުމަތުގައި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހއ. ބާރަށު ކުއްޅަވައްގޭ އަލީ ޖުމާން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ. 

އޭނާއަކީ އިދިކޮޅު އެމްޑީޕީން މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކުރި މީހެކެވެ. ނަމަވެސް، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ފަހުން ނިންމި އެވެ. 

އެ މީހާ މިދިޔަ ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސަރުކާރުން ޔަހުދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ވެސް ކުރަންޖެހޭ ކަމަށެވެ. އަދި ރެޑްވޭވް ފިހާރަ ލޫޓުވާލަން ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ. 

އެ މައްސަލާގައި އޭނާ ހައްޔަރު ކުރިއިރު، ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ވެސް ހައްޔަރުކޮށް، އޭނާގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް ޖަހައިފަ އެވެ. 

ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ސޯޝަލް މީޑިއާގައި ޕޯސްޓް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.