ގެއްލިގެން ހޯދަމުން އަންނަ "ބިސްބުރި" ބުޅާ.
29 ސެޕްޓެމްބަރ 2025 - 13:59
ގޭގައި ގެންގުޅޭތާ ހަތް ވަރަކަށް އަހަރު ވެފައިވާ ބުޅަލެއް މަރާލި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދެބެއިންގެ މެދުގައި މައްސަލަ ޖެހި ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
ޅ. ނައިފަރުގެ ގެއެއްގައި ގެންގުޅޭ "ބިސްބުރި" ނަމަކަށް ކިޔާ އެ ބުޅާ ގެއްލިގެން އޭގެ ވެރިފަރާތުން މި މަހުގެ 24 ވަނަ ދުވަހު ފޭސްބުކްގައި ޕޯސްޓެއް ޖަހާފައިވެ އެވެ.
ފުލުހުން ބުނީ ގަސްދުގައި ބުޅާ މަރާލި ކަމަށް ތުހުމަތުކޮށް އޭގެ އެއް ދުވަސް ފަހުން އެ މައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނަށް އޭގެ ވެރިފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ބުޅާ ގެންގުޅޭ އަންހެން މީހާ ތުހުމަތުކުރާ ގޮތުގައި ބުޅާ މަރާލީ އޭނާގެ ދައްތަ އެވެ. އެ ދެ މީހުންގެ މެދުގައި ފޯނުން ކޮށްފައިވާ މެސެޖުތަކެއްގެ ސްކްރީންޝޮޓެއް ވެސް އާންމުކޮށްފައި ވާއިރު އޭގައި އޭނާގެ ދައްތަ ވަނީ ގޮނޑަށް ބުޅާ ދޫކޮށްލީ ކަމަށް ބުނެފަ އެވެ. އެކަމަކު "ތުންބަނދެފައި ދޫކޮށްލުމުން އެ މަރުވާނެ" ކަމަށް ވެރިފަރާތުން ބުނުމުން އެކަމަށް އޭނާ ދެކޮޅު ހަދާފައިވެ އެވެ.
އެ މެސެޖަށް ފަހު އޮންނަނީ "ދެން ބުޅާ އަތުޖެހިއްޖެ ނަމަ މަރާލާނެ" ކަމުގެ އިންޒާރު ދީފަ އެވެ.
ބުޅާ ގެއްލުނު ދުވަހުގެ އަނެއް ދުވަހު އޭނާ ފޭސްބުކްގައި ކުރި ޕޯސްޓުގައި، ބުޅާ ގެއްލުނު ހާދިސާގައި ޝައްކު ކުރެވޭ ކަންކަން ކިޔައިދީފައި ވެ އެވެ. އަދި ބުޅަލަށް ދިމާވެދާނެ ގޮތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އަސަރާ އެކު ބުނެފައި ވެ އެވެ.
"އަހަރެންގެ ބުޅާ ވަނީ ޝައްކުކުރެވޭ އަދި ކަންބޮޑުވާ ކަންތައްތަކަށް ފަހު ގެއްލިފައި. އޭގެ ރައްކާތެރިކަމާ މެދު ވަރަށް ކަންބޮޑުވޭ. އެއީ ބޭރަށް ނުކުމެގެން ދާނެ އަދި ފިލައިގެންދާނެ ބުޅަލެއް ނޫން. އަހަރެންގެ ދައްތަ އެ ބުޅާ ނައްތާލީ ނުވަތަ މަރާލީ ކަމަށް ގަބޫލުކުރެވޭ ސީރިއަސް ސަބަބުތައް އެބަހުރި،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ބުޅާ ގެއްލިގެން ހޯދުމަށް ހަދާފައިވާ ޕޯސްޓަރެއް.
ބުޅާ ގެއްލުވާލި މައްސަލައިގައި ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި އެއީ އޭނާ ވަރަށް ލޯބިން އާއިލީ މެމްބަރެއްގެ ގޮތުގައި ބަލަމުން އައި ބުޅަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"އެ އަމިއްލައަކަށް ނުދާނެ. އެއީ ސިއްހަތު ރަނގަޅު، ލޯބި ލިބޭ އަދި އާއިލާގެ މެންބަރެއް. އަހަރެން ބޭނުންވަނީ އެޔަށް ވީ ގޮތެއް އެނގެން. އަދި އެޔަށްވުރެ ބޮޑަށް، އެ ބުޅާ ދިރިހުރުމުގެ އެއްވެސް ފުރުސަތެއް އޮތް ނަމަ އެ ހޯދަން."
މި މައްސަލަ ހާމަކުރީ އާއިލާގެ މެމްބަރަކަށް ޒާތީ ގޮތުން ހަމަލާއެއްދީ ބަދަލުހިފަން ނޫން ކަމަށާއި އެކަމަކު އޭނާ އެހާ ލޯބިން ގެންގުޅު އެއްޗެއް އާއިލާގެ މީހަކު އިސްވެ އެހާ އިހާނާތްތެރިކޮށް ހިތުމުން ކުރިމަތިވި ހިތާމާގައި ކަމަށް ވަނީ ބުނެފަ އެވެ.
އޭނާ ބުނެފައި ވަނީ އެއީ މެލޭޝިއާގައި ކިޔަވަން ހުރިއިރު އެޑޮޕްޓްކުރި ބުޅަލެއް ކަމަށެވެ. ކިޔަވައި ނިމުމުން ރާއްޖެ އައި އިރު އެ ބުޅާ 2019 ހިސާބުގައި ރާއްޖެއަށް ގެނައުމަށް ވެސް ކުރީ "ހަނގުރާމަ" އެއް ކަމަށާއި ބުޅާ ގެނައުމަށް ގާތްގަނޑަކަށް 2،000 ޑޮލަރު ހޭދަ ކުރަންޖެހުނު ކަމަށް އޭނާ ފޭސްބުކްގައި ބުނެފައިވެ އެވެ. އޭނާ ބުނީ އެ ހުރިހާ ހަރަދެއް ކުރީ ވެސް އެ ބުޅަލާ މެދު ހިތުގައި އޮތް ލޯބިން ކަމަށެވެ.
"އަހަރެން ހަމައެކަނި އެ ބުޅާ އެޑޮޕްޓްކުރީއެއް ނޫނޭ... އެ ބުޅާ ދޫކޮށްލާފައި އަންނާނެ ހިތްވަރެއް އަހަރެންގެ ނެތް. އެެހެންވެ ހުރިހާ ދަތިތަކެއް ހުރަސްކޮށް، އަދި ދެހާހެއްހާ ޑޮލަރު ހޭދަކޮށްގެން މެލޭޝިއާއިން ބުޅާ ގެނައީ 2019 ގައި. މިއަދާ ހަމައަށް ވެސް ބުޅަލުގެ ހުރިހާ ޒިންމާއެއް ނަގައިގެން، އެ އަށް ކާންދީ، މަގުމައްޗަށް އޭތި ދޫވިޔަކަ ނުދެން،" ފޭސްބުކް ޕޯސްޓެއްގައި އޭނާ ބުނެފައިވެ އެވެ.
އެ ބުޅަލާ މެދު އޭނާގެ ހިތުގައި އޮތް ލޯބި ބަންޑުންކޮށްލަމުން އޭނާ ބުނީ ކޮންމެ ދުވަހަކު ހޭލާނެ ސަބަބެއް ދިނީ އެ ބުޅާ ކަމަށާއި އެނދުން ތެދުވާނެ ހިތްވަރަކަށް ވެސް ވީ އެ ބުޅާ ކަމަށެވެ. އެއީ އެކަނިވެރިކަން ފިލުވައިދިން އަދި ސްޓްރެސްތަކާ ދުރުކޮށްދިން "ދަރިއެއް" ފަދައިން އޭނާ ވަނީ ސިފަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޑަބަޮއް ސައީދު
02 October 2025
ބުޅަލާ ހެދި ވެސް އުނދަގޫވެ އަދި ބަލި ފެރުތޭނަމަ މަރާލުމުގެ ހުއްދަ ވަނީ އިސްލާމް ދީނުގައި ދެއްވާފައި.
ޑޭޑް
02 October 2025
ކިހިނެތް އިނގެނީ އެއީ އުނދޫކުރާ ބަލި ފަތުރާ އެއްޗެއްކަން؟ 7 އަހަރު ގޭގަ ގެންގުޅޭ ބަލި ފަތުރާ ބުޅަލެއްގެ ވާހަކަ އަލަށް އަޑު މިއިވުނީ
އިސްމާލި
01 October 2025
ޓޮކްސޯޕްލަސްމޯސިސް ގޮންޑައި އަކީ ބުޅަލުގެ ނަޖިހުގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ޕެރެސައިޓެއް. މި ޕެރެސައިޓް މައި މީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިއަށް ވާސިލުވުމުގެ ފުރުސަތު އޮވޭ. މި ޕެރެސައިޓު ސަބަބުން ބިހޭވިއަރަލް، ސައިކޭޓްރިކް އަދި ޕަރަސަނަލިޓީ އަށް ބަދަލު އަންނަ ކަމަށް ބައެއް ދިރާސާ ދައްކާ. މީގެ ތެރޭގައި ބުޅަލުގެ މޫތު ދެކެ ފަކުރު ނުގަތުން، ސުއިސަޑަލް ވިސްނުން އަދި ސްކިޒޮފްރޭނިއާ ހިމެނޭ. މީގެ އިތުރުން ލޯ އަނދިރިވުން ކައިރި.
ހޭނުލާކަން
30 September 2025
ހިތާމައެއް ވާނީ ހިތާމައަކަށް. އެކަމަކު މިބާވަތުގެ ކުލުނަށް މީހުން ތައުރީފު ކުރިއަސް މިއީ އިންސާނާގެ ހަޔާތުން ވެވޭ ބޭކާރެއް. ބުޅަލަކަށް ކާންނުދީ ބަނދެގެން މެރިމީހާއަށް އަޒާބުދެއްވުމާ ކުއްތާއަކަށް ފެންދީ ސަލާމަތް ކޮށްދިންމީހާއަށް ރުއްސެވުން މީ އެދެޖަނަވާރު ޚާއްޞަވެފައި އެކަމާ އޯވަރ ވާންޖެހޭ ކަމެއް ނޫން. ޕެޓް ގެންގުޅުމަކީ ވެސް ދުނިޔެވީ ހުއްދަ ކަމެއް. ކީރިތިނަބިއްޔާ ޞަޙާބީއަކަށް ޔާއަބާ ހުރައިރާއޭ ވިދާޅުވުމުން ކޮންމެ ޞަހާބީއަކު ބުޅަލެއް ނުހޯއްދަވާ!
އިހްތިޔާރީކަމެއް
30 September 2025
އަހުންނަށް މާ ބޭކާރު އެތައް ދުވަހެއް ވަންދެން ލޯބިވެގެން އެކުގަ އުޅެފަ ދުވަހަކުވެސް ދެރަގޮތެއް ނުހަދާނެ ކަމުގެ ދޮގުވައުދާއި އަހުދުތަކެއް ވެފަ، އިނދެގެން އުޅެފަ ފޫހިވީމަ ވަރިކޮށްލާ ނުވަތަ ވަރިވާން މަޖުބޫރު ހާލަތަކަށް ދިރިއުޅުމުގެ ކަންކަން ދުއްވާލާ އިންސާނާ..ލޯބިން ގެންގުޅޭ ދޫނި ނުވަތަ ބުޅާފަދަތަކެތި މިޔާ އިދިކޮޅު. މާތެދުވެރިވެފަ ވަފާތެރި.
ފަރީސާދައިތަ
30 September 2025
ބުޅަލަށް އަނިޔާއެއް ދިނުމަކީ ދީނުގަ ވެސް ހުއްދަކަމެއްނޫން. ސަހާބީން ޥެސް ބުޅާގެންގުޅެފަ އެބަހުރި ޕެޓްއެއްގެ ގޮތުގަ. މީ ދެން އާދައިގެ މީހަކަށް ވެސް އެނގޭވަރު ކަންކަން. ވ ލޯބިވާކަން މި އާޓިކަލް ކިޔާލުމުން އެނގިހާމަ ވޭ.
އިސްމާލި
01 October 2025
ބުޅާ ގެންގުޅެންވީ އޭގެ މާހައުލުގައި. ގޭގެ ސިޓިންރޫމާއި އެނދުމަތީ އެއް ނޫން. އެނީ ގުއި ނުދޮންނަ އެއްޗެއް. އެ ނަޖިސް މާހައުލާއި ހެދުމުގައި ހޭކުމުން ނަމާދާ އެއްޗެހި ކަމުދާނެ ތަ؟
ހައްޔަރުކުރޭ
30 September 2025
"ބިސްބުރި"... އެ ބުޅަލަށް އެޒާތު ނަން ކީ މީހާޔަށް އެބަޖެހޭ ދައުވާކުރަން، އެނިމަލް ކުރުއަލްޓީގެ ދަށުން. އެސޮރު ހިތްދަތިވެގެން ނުފިލާ އެހާ ދުވަހު ކެތްކޮއްލީތީވެސް ދެން ރަނގަޅު. ހިތްވަރުގަދަ ބުޅަލެއް.
ށސ11
30 September 2025
ބުޅަލައް އަނިޔާކުރުންގޯސް. އެކަމަކު އެޔަށްޓަކާ ދިރިއުަޅުމުގެ އަސްލުބޭނުން ބޭނުން ހަނދާންނެތި، އެއްބަނޑުއެއްބަފާފަކުމެ ގުޅުންކެނޑި، ޢިންސާނުންނަށްވުރެ އޭތި އިސްކުރުމަކީ ބަލައިގަނެވޭނެކަމެއްނޫން.
އަސަފަފ
30 September 2025
އަހަރެން ބުޅާދެކެ އިންތިހާއަށް ފޫހިވޭ. އެކަމަކު ބުޅަަލަށްވެސް މިގޮތަށް އަނިޔާވެރި ވާކަށް ނުވާނެ. އެވެސް ފުރާނައެއް
ޑރ. ރާމީ ޙަސަން
30 September 2025
ހެނދުނު ހޭލާނެ ސަބަބަކަށް ވާންވާނީ ފަތިސް ނަމާދު ކުރަން! ހެނދުނު ހޭލާނެ ސަބަބަކަށް ވާންވާނީ މާތް ﷲ !
އާދަނު33
30 September 2025
ރާއްޖޭގައި ބުޅާދެކެ ރުޅިއަންނަމީހުން ހިތާމައާއިއެކު ވަރަށްގިނަކަން ފާހަގަވޭ.
އޮނަރަބްލް ބުޅާ ދޮމްބެ
30 September 2025
ބުަލަލަކީ ބައެއް އިންސާނުން އާދަޔާ ހިލާފު ކުލުނެއްޖެހޭ މަހުލޫގެއް ، ކުލުނުޖެހިފައިވާ ބުޅަލެއް މަރުވެއްޖެ ނަމަ ބައެއް އިންސާނުންނަށް ދަރިއަކު މަރުވުމުން ލިބޭވަރުގެ ހިތާމަ ލިބޭނެ . ތަޖުރިބާ ކުރެވިފައިވާ ކަމެއް