ސްރީ ލަންކާގައި 2019 ވަނަ އަހަރުގެ އީސްޓަ ސަންޑޭގައި 279 މީހުން މަރާލި ބޮމުގެ ހަމަލާތަކުގެ ތަހުގީގަށް އެ ގައުމުގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ރިޓަޔާޑް މޭޖާ ޖެނެރަލް ސުރޭޝް ސަލޭ ހައްޔަރުކޮށްފި އެވެ.
"އޭނާ ހައްޔަރުކުރީ އީސްޓާ ސަންޑޭ ހަމަލާއަށް އެހީތެރިވުމުގެ ތުހުމަތުގައި،" ތަހުގީގީ އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.
ގޯޓަބަޔާ ރާޖަޕަކްސަ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު 2019 ވަނަ އަހަރު ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް) ގެ ވެރިޔާގެ މަގާމަށް ޕްރޮމޯޓްވި ސަލޭގެ މައްޗަށް ވަނީ އަމިއްލައަށް މަރުވެގެން ދިން ހަމަލާތައް ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުކޮށްފަ އެވެ. އެކަމަކު އޭނާ އެ ތުހުމަތުތަކަށް އިންކާރުކުރެ އެވެ.
އިނގިރޭސި ވިލާތުގެ ބްރޯޑްކާސްޓަރު ޗެނަލް 4 އިން 2023 ވަނަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލޭ އަކީ ހަމަލާ ދިން ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ މީހެކެވެ. އަދި ހަމަލާ ދިނުމުގެ ކުރިން އެ މީހުންނާ ބައްދަލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ވިސްލްބްލޯވާއެއް އެ ނެޓްވޯކަށް ކިޔައިދީފައިވާ ގޮތުގައި ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބުމުން ހަމަލާއަށް ފުރުސަތު ދީގެން ތިބެން ދޫކޮށްލަން ސަލޭ ނިންމީ އެ އަހަރު އޮތް ރިޔާސީ އިންތިހާބު ރާޖަޕަކްސައަށް ކާމިޔާބުކޮށްދިނުމަށް އެހީއަކަށް އެކަން ވާނެ ކަމަށް ބަލައި އެ ނިޔަތުގަ އެވެ.
ރާޖަޕަކްސަ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވީ ހަމަލާއަށް ދެ ދުވަސް ފަހުންނެވެ. އެ އަހަރުގެ ނޮވެމްބަރު މަހު އޮތް އިންތިހާބު ތަފާތު ބޮޑުކޮށް ރާޖަޕަކްސަ ކާމިޔާބުކުރެއްވީ "އިސްލާމީ ހަރުކަށި ފިކުރު ނައްތާލާނެ" ކަމުގެ ވައުދާ އެކުގަ އެވެ.
ރާޖަޕަކްސަ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ސްރީ ލަންކާގެ މައި އިންޓެލިޖެންސް އޭޖެންސީ ކަމަށްވާ އެސްއައިއެސްގެ ވެރިޔާގެ މަގާމަށް ސަލޭ ޕްރޮމޯޓް ކުރި އެވެ. އެކަމަކު 2024 ވަނަ އަހަރު އަނޫރާ ކުމާރާ ޑިސެނަޔަކަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުމަށް ފަހު އޭނާ މަގާމުން ވަކިކުރީ ހަމަލާ ދިން މީހުންގެ މައްޗަށް ދައުވާކުރާނެ ކަމުގެ ވައުދާ އެކުގަ އެވެ.
ލަންކާގެ ކްރިސްޓިއަން ތިން ފައްޅިއަކާއި ތިން ހޮޓަލަކަށް ދިން ހަމަލާތަކަށް ފަހު އެއީ މުސްލިމުންގެ ހަރުކަށި ފިކުރުގެ ބަޔަކު ހިންގި އަމަލެއް ކަމަށް އޮފިޝަލުން ބުނަން ފެށި އެވެ. އެކަމަކު ހަމަ އެއާ އެކު ސަލޭގެ މައްޗަށް ވެސް މިކަމަށް އެހީވުމުގެ ތުހުމަތު ކުރަން ފެށި އެވެ.
ކުރިން ހިންގާފައިވާ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި ހަމަލާ ރާވަމުންދާ ކަމުގެ މައުލޫމާތު އިންޑިއާގެ އިންޓެލިޖެންސުން ވެސް ލަންކާއާ އޮތީ ހިއްސާކޮށްފަ އެވެ. ނަމަވެސް އެކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
ގިނަ ބަޔަކު މަރުވި ހަމަލާތަކުގައި 500 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. މަރުވި މީހުންގެ ތެރޭގައި އެހެން ގައުމުތަކުގެ 45 މީހަކު ވެސް ހިމެނޭއިރު ހަމަލާއަށް ފަހު ގައުމުގެ ޓޫރިޒަމް ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ.
ލަންކާގެ ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ހަމަލާ ހުއްޓުވުމުގައި ފެއިލްވެފައި ވުމުން، އޭރުގެ ރައީސް މައިތިރްޕަލާ ސިރިސޭނާ އާއި އިތުރު ހަތަރު އޮފިޝަލަކު 1 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރަން، މަދަނީ ދައުވާއަކާ ގުޅިގެން ހުކުމްކޮށްފަ އެވެ.
އީސްޓަ ބޮމުގެ ހަމަލާގެ ތަހުގީގު އާންމުންނަށް ސިއްރުކޮށްފައި ވާއިރު އދ. އިން ވެސް ވަނީ އޭގެ މުހިންމު ބައިތައް ހާމަކުރުމަށް ގޮވާލައިފަ އެވެ. -- އޭއެފްޕީ