ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުން ދާއިރު އެ ބައްޔާ ދެކޮޅަށް އެންމެ ޑޯޒަކުން ރައްކާތެރިކަން ހޯދޭ އެއް ވެކްސިންގެ ތަހުލީލުތަކުގައި އެންމެ ފަރު މަރުހަލާ ފަށާފައިވާ ކަމަށް އިންޑިއާގައި އެ ވެކްސިން އުފައްދާ ކުންފުނިން ބުނެފި އެވެ. 

ފްލޫގެ އަލާމާތްތަކާ އެކު ގައިގައި ރިއްސުން ފަދަ ވޭންތައް އުފުލަންޖެހޭ އަދި ފުރާނައަށް ވެސް ނުރައްކާވާ ޑެންގީ ޖެހޭ މީހުންގެ އަދަދު އެކި ގައުމުތަކުގައި މިހާރު އިތުރުވަމުން ދަނީ ފިނިހޫނުމިން މަތިވުމާއި އާބާދީ ތޮއްޖެހުމުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް މިހާރު ވަނީ މި ހުމުގެ ނުރައްކާ ކުރިމަތިވެފަ އެވެ. އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި މިހާރު އަހަރަކު 100-400 މިލިއަން މީހުންނަށް މުޅި ދުނިޔޭގައި މި ހުން ޖެހެ އެވެ. 

އިންޑިއާގައި އެކަނި ވެސް 2021 ވަނަ އަހަރުން ފެށިގެން މިލިއަނަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 1،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މި ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމުގެ އުންމީދާ ގުޅިފައިވާ ވެކްސިން އުފައްދާ ޕެނޭޝިއާ ބަޔޯޓެކް އިން އޭއެފްޕީއަށް ބުނި ގޮތުގައި 15 އަހަރުގެ މަސައްކަތަށް ފަހު މިހާރު ވަނީ "ޑެންގިއޯލް" ވެކްސިންގެ ތިން ވަނަ އަދި ފަހު ފިޔަވަހީގެ ޓްރަޔަލްތައް ފަށައިފަ އެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި ދިރާސާގައި އިންޑިއާގެ އެކި ކަންކޮޅުތަކުން 10،000 އަށް ވުރެ ގިނަ ވޮލަންޓިއަރުން އަންނަނީ ބައިވެރިވަމުންނެވެ.  ޓްރަޔަލްގެ ނަތީޖާ ރަނގަޅު ނަމަ އަންނަ އަހަރުގެ ކުރީކޮޅު ވެކްސިން ލިބޭނެ ކަމަށް ބެލެވެ އެވެ.

"ވީ އެންމެ އަވަހަކަށް މި ވެކްސިން ލިބޭނެ ގޮތް ހެދުމަށް މި އަންނަނީ މަސައްކަތްކުރަމުން،" ޕެނޭޝިއާގެ ޗީފް ސައިންޓިފިކް އޮފިސަރު ސައްޔިދު ޚާލިދު އަލީ އޭއެފްޕީއަށް ވިދާޅުވި އެވެ. 

ނިއު ދިއްލީގެ އިންސްޓިޓިއުޓް އޮފް ލިވަ އެންޑް ބިލިއަރީ ސައިންސަސްގެ ކްލިނިކަލް ވައިރޮލޮޖީގެ ޕްރޮފެސަރު ޑރ. އެކްތާ ގުޕްތާ ވިދާޅުވި ގޮތުގައި ޑެންގީ އަކީ މިހާރު އިންޑިއާގައި "ހައިޕައެންޑެމިކް" ބައްޔެކެވެ. އެ ބަލީގެ ހަތަރު ވައިރަސް ސީރޯޓައިޕް ވެސް އެއްފަހަރާ ފެތުރޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިއީ މިފަދަ ކޭސްތައް ކޮންޓްރޯލް ކުރުމަށް ނުވަތަ އޭގެ ސީރިއަސްކަން ކުޑަކުރުމަށް ވަރަށް ބޭނުންތެރި ވެކްސިނެއް،" އޭނާ ވިދާޅުވި އެވެ. 

ތަހުލީލުގެ ތިން ވަނަ މަރުހަލާގައި، 2024 ވަނަ އަހަރު ބައިވެރިވި މީހުންނަށް ދިން ވެކްސިން ނުވަތަ ޕްލެސީބޯގެ ނަތީޖާ މި އަހަރުގެ ފަހުކޮޅު ލިބޭނެ ކަމަށް ބެލެވެ އެވެ.

ޑެންގީގެ ހަތަރު ސީރޯޓައިޕް އަށް ވެކްސިން ދިނުމަކީ ޒަމާނުއްސުރެ ސައިންޓިފިކް ގޮންޖެހުމެކެވެ. އެއް ސްޓްރެއިން ޖެހުމަކީ އަނެއް ސްޓްރެއިން އިން ރައްކާތެރިކޮށްދޭ ކަމެއް ނޫނެވެ. އަދި އެއް ސްޓްރެއިން ޖެހުމަށް ފަހު އަނެއް ސްޓްރެއިން ޖެހުމުން ބަލީގެ ނުރައްކާ ބޮޑު ވެސް ވެ އެވެ. 

މިހާރު ޑެންގީއާ ދެކޮޅަށް ބޭނުންކުރާ ގިނަ ވެކްސިންތަކުގައި ރައްކާތެރިކަން ލިބެނީ އެތައް ޑޯޒެއް ދީގެންނެވެ. 

"ޑެންގީއޯލް" އަށް ހުއްދަ ދީފި ނަމަ، އެ ވެކްސިން ވެގެންދާނީ ޑެންގީއާ ދެކޮޅަށް ދުނިޔޭގެ ފުރަތަމަ ސިންގަލް ޑޯޒް ވެކްސިނަށެވެ. އަދި މިއީ ޑެންގީ ގިނަ އެކަމަކު އަދި އެ ބައްޔާ ދެކޮޅު ވެކްސިނަކަށް ލައިންސަންސް ނެތް އިންޑިއާގައި މިކަމަށް ބޭނުންކުރަން ފަށާ ފުރަތަމަ ވެކްސިނަށް ވެސް ވާނެ އެވެ. 

"އަޅުގަނޑުމެންނަކީ ސިންގަލް ޑޯޒްގެ ވެކްސިނެއް ނެރޭ ދެވަނަ ބަޔަކަށް ވާނެ. އެކަމަކު އިންޑިއާ އާއި މެދު ފަންތީގެ ބައެއް ގައުމުތަކުގައި ޑެންގީ ވެކްސިން އެންމެ ފުރަތަމަ ތައާރަފް ކުރާނީ މި ކުންފުނިން،" އަލީ ވިދާޅުވި އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިންޑިއާއިން އުފައްދާ ކާމިޔާބު ވެކްސިނަކީ އަގުހެޔޮކޮށް އަދި މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ގިނަ އަދަދަކަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މުހިންމު އެއްޗަކަށް ވާނެ އެވެ. 

ވައިރޮލޮޖިސްޓް އަދި އޮކްސްފޯޑް ޔުނިވަސިޓީގެ ފެލޯއެއް ކަމަށްވާ ޝާހިދު ޖަމީލް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ދެމި އޮތް ނަމަ 2050 ވަނަ އަހަރު އަންނައިރު، ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު 50-75 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އިތުރުވާނެ ކަމަށެވެ. -- އޭއެފްޕީ