އިރާނުން ދިން ހަމަލައެއްގައި، ދުބާއީގައި ހުރި ފެއަމޮންޓް ހޮޓަލުގައި ރޭ އަލިފާން ރޯވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން އިން ދުބާއީގައި ހިންގާ އެ ހޮޓަލުގެ ސަރަހައްދަށް ވަނީ އީރާނުން އެޅި ބޮމެއްގެ ބައެއް ވެއްޓިފަ އެވެ.

ދުބާއީގެ ޕްރިސްޓީޖް ޕާމް ޖުމެއިރާ ސަރަހައްދުގައި ހިނގި އެ ހާދިސާގައި ހަތަރު މީހަކު ޒަހަމްވި އެވެ.

އެމެރިކާ އާއި އިޒްރޭލާ ގުޅިގެން އީރާނަށް ދިން ހަމަލާއާ ގުޅިގެން އީރާނުން ދަނީ މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އެގޮތުން ބަހްރެއިނާއި ޔޫއޭއީ އާއި ޖޯޑަން އާއި ގަތަރަށް ވެސް ހަމަލާތައް ދީފައި ވެ އެވެ.

އިރާންގެ ސްޓޭޓް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުން އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން 53 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި އީރާންގެ ވެރިރަށް ތެހްރާންގެ އަންހެން ކުދިންނަށް ހާއްސަ ސްކޫލެއްގެ ގިނަ އަދަދެއްގެ ދަރިވަރުން ވެސް ހިމެނެ އެވެ.

އީރާނުން މެދުއިރުމަތީގެ އެކި ގައުމުތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އަބޫދާބީން ވެސް އެކަމަކު މަރުވެފައިވެ އެވެ. 

މިހާރު އެ ސަރަހައްދުގައި ދެމުންދާ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ބޮޑު ސަރަހައްދެއްގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. އެއާ އެކު، އެ ސަރަހައްދުން ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރަމުން ދިޔަ ގިނަ ބަޔަކު އެއާޕޯޓުތަކުގައި ވަނީ ތާށިވެފަ އެވެ.