ވައިގެ ތެރޭގައި އެއާކްރާފްޓްތަކަށް ތެޔޮ އަޅަން އެމެރިކާ ސިފައިން ބޭނުންކުރާ [ރިފިލިން އެއާކްރާފްޓް] ކޭސީ-135 އިރާގުގެ ހުޅަނގު ސަރަހައްދަކަށް ވެއްޓި އިތުރު މަތިންދާބޯޓެއް އިމަޖެންސީގައި ޖައްސައިފި އެވެ.
"އެއް އެއާކްރާފްޓް ވަނީ އިރާގުގެ ހުޅަނގު ސަރަހައްދަކަށް ވެއްޓިފައި. ދެ ވަނަ ބޯޓު ވަނީ ސަލާމަތުން ލޭންޑުކޮށްފައި. މިއީ ދުޝްމަނުންގެ ހަމަލާއަކުން ނުވަތަ 'ފްރެންޑްލީ ފަޔަ' އަކުން ހިނގި ކަމެއް ނޫން،" މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ޒިންމާ އޮންނަ ސެންޓަރްލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މިއީ މިހާރު އީރާނާ ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމައިގެ ތެރޭގައި ވެއްޓުނު އެމެރިކާގެ ހަތަރު ވަނީ އެއާކްރާފްޓެވެ. މީގެ ކުރިން ކުވައިތުގެ ވައިގެ ދިފާއުން އޮޅިގެން ދެވުނު ކަމަށް ބުނާ ހަމަލާތަކެއްގައި އެމެރިކާގެ އެފް-15 މަރުކާގެ ތިން ޖެޓް ވެއްޓިފައިވެ އެވެ. އެ ހާދިސާގައި ތިން ޖެޓްގެ ހަ ކްރޫ ވެސް ވަނީ ސަލާމަތްވެފަ އެވެ.
މީގެ 60 އަހަރަށް ވުރެ ވެސް ކުރިން ބޭނުންކުރަމުން އަންނަ ކޭސީ-135 މަރުކާގެ މަތިންދާބޯޓުތަކުގައި އާއްމުކޮށް ތިން ކްރޫއިން ތިބެ އެވެ. އެއީ ޕައިލެޓާއި ކޯޕައިލެޓް އަދި ތެޔޮ އަޅަން ބޭނުންކުރާ ބޫމް އޮޕަރޭޓްކުރާ ތިން ވަނަ ކްރޫއެކެވެ.
ނަމަވެސް ކޭސީ-135 ގެ ބައެއް މިޝަންތަކުގައި ނެވިގޭޓަރެއް ބޭނުންވާއިރު، އެ މަތިންދާބޯޓުގައި 37 ފަސިންޖަރުން އުފުލޭނެ ކަމަށް އެއާފޯސްގެ ފެކްޓްޝީޓުގައި ބުނެ އެވެ.