އެއާބަސް ކުންފުންޏާ އެކު މަލްޓި މިލިއަން ޑޮލަރުގެ ޑީލެއް ހެދުމުގައި އެ ކުންފުނިން ހުށަހެޅި ރިޝްވަތު ގަބޫލުކޮށް ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ކަޕިލަ ޗަންދްރަސޭނާ ހައްޔަރުކޮށްފި އެވެ.
ސްރީ ލަންކާގެ އެންޓި ކޮރަޕްޝަން އޮފިޝަލުން ޗަންދްރަސޭނާ ހައްޔަރުކުރީ 2013 ވަނަ އަހަރު، 2.3 ބިލިއަން ޑޮލަރުގެ އަގު ހުރި 10 މަތިންދާބޯޓު ގަތުމަށް ހެދި އެއްބަސްވުމެއްގެ މައްސަލާގައި ބުރާސްފަތި ދުވަހު އެވެ. އަދި މިހާރު ވަނީ ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.
"އޭނާ ވަނީ 16 މިލިއަން ޑޮލަރުގެ ރިޝްވަތު ނަގަން އެއްބަސްވެފައި. އަދި ސިންގަޕޫރުގައި އޮންނަ ބޭންކް އެކައުންޓަކަށް 1.45 މިލިއަން ޔޫރޯ ޖަމާކޮށްފައިވޭ،" ކޮމިޝަން ޓު އިންވެސްޓިގޭޓް އެލެގޭޝަން އޮފް ބްރައިބަރީ އޯ ކޮރަޕްޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ޗަންދުރަސޭނާ ވަނީ އޭނާގެ އަނބިމީހާގެ ނަމުގައި ބްރޫނާއީގައި ޝެލް ކުންފުންޏެއް އުފައްދައި ރިޝްވަރުގެ ފައިސާ ސިންގަޕޫރުގައި އޮންނަ އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފަ އެވެ.
ލަންކާގެ ގައުމީ އެއާލައިނަށް ވަމުންދާ މާލީ ގެއްލުން މިދިޔަ އަހަރުގެ މާޗު މަސް ނިމުނު އިރު ވަނީ 596 ބިލިއަން ރުޕީސް (1.9 ބިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. އަދި އެ އެއާލައިން ވިއްކާލަން ކުރި މަސައްކަތް ވެސް މިހާތަނަށް ވަނީ ނާކާމިޔާބުވެފަ އެވެ.
އެހެން މައްސަލައެއްގައި ޗަންދުރަސޭނާ 2020 ވަނަ އަހަރު ހައްޔަރުކޮށް ކަފާލާތުގެ ދަށުން ހުރީ ދޫކޮށްލައިފަ އެވެ. އޭރު އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް ގުޅިގެން އެއާބަސްގެ ވިޔަފާރި ޑީލްތަކާ ގުޅޭ ގޮތުން ހިންގި ތަހުގީގެއްގައި އޭނާގެ ނަން ހިމެނެ އެވެ.
މި ތަހުގީގުތަކަށް ފަހު 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ފްރާންސްގެ ކޯޓަކުން ވަނީ ޔޫރަޕްގެ މަތިންދާބޯޓު ކުންފުނި އެއާބަސް އިން ފްރާންސް، އިނގިރޭސިވިލާތް އަދި އެމެރިކާ އަށް 3.6 ބިލިއަން ޔޫރޯގެ ޖޫރިމަނާ ދައްކަން އަންގައިފަ އެވެ.
އިނގިރޭސިވިލާތުގެ ތަހުގީގު ޓީމުން ތުހުމަތުކުރާ ގޮތުގައި އެއާބަސް އިން ސްރީލަންކަން އެއާލައިންސްގެ ޑިރެކްޓަރުންނާއި މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅި، ކުންފުންޏާ ގުޅުން ހުރި ފަރާތްތައް ހުއްޓުވުމުގައި ވަ ކުންފުނީގެ ވިޔަފާރި ނުވަތަ ފައިދާ ހޯދުމަށް ނުވަތަ ހިފެހެއްޓުމަށް ހުރަސް އެޅުމުގައި ފެއިލްވެފައިވާ ކަމަށެވެ.
ސްރީލަންކަން އެއާލައިންސުން 2013 ވަނަ އަހަރު 10 މަތިންދާބޯޓު ގަތުމުގެ އެއްބަސްވުން ހެދި އިރު އެއާލައިންސްގެ ޗެއާމަންގެ މަގާމުގައި ހުންނެވި ނިޝާންތާ ވިކްރަމަސިންހަ ވެސް ވަނީ އެހެން މައްސަލައެއްގައި މިދިޔަ އަހަރުގެ ޖޫން މަހު ހައްޔަރުކޮށްފަ އެވެ. ވިކްރަމަސިންހަގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ ޅިޔަނު ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ނާކާމިޔާބުވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ފައިސާ ދިން ކަމުގެ ތުހުމަތެވެ. އެ މައްސަލަ އަދިވެސް ނުނިމެ އެވެ. -- އޭއެފްޕީ