ފަލަސްތީނުގެ ގުދުސްގައި ހުންނަ އަގްސާ ހަރަމްފުޅަށް މިއަދު ފިތުރު އީދު ނަމާދަށް ޖަމާވި މީހުންނަށް އިޒްރޭލު ސިފައިން ހުރަސްއަޅައި ކަރުނަގޭސް ޖަހައިފި އެވެ. 

މިއީ 1967 ވަނަ އަހަރުގެ ފަހުން އަގްސާގައި އީދު ނަމާދުކުރިޔަ ނުދިން ފުރަތަމަ ފަހަރެވެ. 

އިޒްރޭލާއި އެމެރިކާ އިން މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާނަށް ހަމަލާދޭން ފެށުމާ އެކު ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އަގްސާ މިސްކިތް ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ ރޯދަ މަހު ވެސް ފަލަސްތީނުގެ މުސްލިމުންނަށް އެތަނުގައި އަޅުކަން ކުރުމުގެ ފުރުސަތެއް ނުލިބެ އެވެ. އެކަމަކު ބައެއް މީހުން އެ ސަރަހައްދުގެ އެކި ހިސާބުތަކަށް ޖަމާވެ ނަމާދުކޮށްފައިވެ އެވެ. 

މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ އަގްސާ ހަރަމްފުޅު ބަންދުކޮށްފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުންޏަސް މިއީ މުސްލިމުންނަށް ޖެއްސުންކޮށް އަގްސާއަށް ވެރިވެގަތުމަށް އިޒްރޭލުން ދުރާލައި ރާވައިގެ ހިންގާ އަމަލުތަކުގެ ބައެއް ކަމަށް ވަނީ ބެލެވިފަ އެވެ. 

އަގްސާ ހަރަމްފުޅުގެ ބޭރުގައި ފަލަސްތީނުގެ މުސްލިމުން މިއަދު އީދު ނަމާދުކުރާއިރު އިޒްރޭލު ފުލުހުން ހުރަސްއަޅައިގެން. -- ފޮޓޯ: ކުވައިތު ނިއުސް އެޖެންސީ
އަގްސާ ހަރަމްފުޅުގެ ބޭރުގައި ފަލަސްތީނުގެ މުސްލިމުން މިއަދު އީދު ނަމާދުކުރާއިރު އިޒްރޭލު ފުލުހުން ހުރަސްއަޅައިގެން. -- ފޮޓޯ: ކުވައިތު ނިއުސް އެޖެންސީ

އީދު ނަމާދަށް ވެސް އަގްސާ ނުހުޅުވާނެ ކަމަށް އިޒްރޭލުން އަންގާފައި އޮތުމުން އަގްސާ ހަރަމްފުޅުގެ ޚަތީބު އަދި ގުދުސްގެ ކުރީގެ އިސް މުފްތީ، ޝައިޚް އިކްރިމާ ޞަބްރީ ވަނީ، އެ މިސްކިތާ އެންމެ ކައިރީގައި ނަމާދު ކުރެވޭ ހިސާބެއްގައި އީދު ނަމާދު ކުރުމަށް މުސްލިމުންނަށް އިލްތިމާސްކުރައްވައި ފަތުވާއެއް ނެރުއްވައިފަ އެވެ. އެހެންވެ ބައެއް މީހުން ވަނީ އެ ބަޔަކަށް ދެވުނު އެންމެ ކައިރިއަކަށް ގޮސް އީދު ނަމާދުކޮށްފަ އެވެ.

އީދު ދުވަހަށް އިރު އެރި އިރު އިޒްރޭލު ސިފައިން ދިޔައީ އަގްސާ މިސްކިތަށް ދެވެން އޮންނަ ހުރިހާ މަގުތަކެއްގައި ބެރިކޭޑް ޖަހައި މީހުން ފާސްކޮށް ހުއްޓުވަމުންނެވެ. އަދި މިސްކިތް ކައިރިއަށް ދާން މަސައްކަތްކުރި މީހުންނަށް ހަމަލާދީ ކަރުނަގޭސް ވެސް ޖަހާފައިވެ އެވެ.  

އަގްސާ ހަރަމްފުޅުގެ ބޭރުގައި ފަލަސްތީނުގެ މުސްލިމުން މިއަދު އީދު ނަމާދުކުރަނީ. -- ފޮޓޯ: ކުވައިތު ނިއުސް އެޖެންސީ
އަގްސާ ހަރަމްފުޅުގެ ބޭރުގައި ފަލަސްތީނުގެ މުސްލިމުން މިއަދު އީދު ނަމާދުކުރަނީ. -- ފޮޓޯ: ކުވައިތު ނިއުސް އެޖެންސީ

އަގްސާ ބަންދުކުރުމާ ގުޅިގެން އަރަބި ލީގުން ބުނެފައިވަނީ، މިއީ "ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަޅުކަން ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅި، މުޅި ސަރަހައްދުގައި ނުތަނަވަސްކަން އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް އެ ޖަމާއަތުން ވަނީ ދީފަ އެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި، އަރަބި ލީގުގެ އިތުރުން އެފްރިކަން ޔޫނިއަން ކޮމިޝަނުން ވަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި މުސްލިމުންނަށް އަގްސާ މިސްކިތް ބަންދުކުރުން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.