އިންޑިއާއިން ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރުގެ ދިފާއީ ސާމާނު ގަތުމަށް ހުއްދަ ދީފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ. މީގެ ތެރޭގައި ރަޝިޔާގައި އުފައްދާ އެސް-400 މަރުކާގެ ދުރު ރާސްތާ މިސައިލް ސިސްޓަމްތައް ހިމެނެ އެވެ.

ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހުއްދަތައް ދީފައިވަނީ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ރިޔާސަތު ބަލަހައްޓަވާ 'ޑިފެންސް އެކިއުޒިޝަން ކައުންސިލް' އިންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި 2025-26 ގެ މާލީ އަހަރުގައި މިހާތަނަށް 6.73 ޓްރިލިއަން ރުޕީސް (71 ބިލިއަން ޑޮލަރު) ގެ 55 ހުށަހެޅުމެއް ވަނީ ފާސްކޮށްފަ އެވެ.

މިހާތަނަށް 2.28 ޓްރިލިއަން ރުޕީސް (25 ބިލިއަން ޑޮލަރު) ގެ 'ކެޕިޓަލް ޕްރޮކިއުމަންޓް' ގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި މިއީ މާލީ އަހަރެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ އެއްބަސްވުންތަކުގައި ސޮއިކުރި ފުރަތަމަ ފަހަރު ކަމަށް ވެސް ބުންޏެވެ.

ވައިގެ ސިފައިންނަށް ހުއްދަ ދީފައިވާ ތަކެތީގެ ތެރޭގައި، ބޭނުންކުރާތާ ދުވަސްވީ އޭއެން-32  އަދި އައިއެލް-76 މަތިންދާބޯޓުތަކުގެ ބަދަލުގައި ބޭނުންކުރާނެ މީޑިއަމް ޓްރާންސްޕޯޓް އެއާކްރާފްޓްތަކާއި، އިތުރު އެސް-400 އެއާ ޑިފެންސް ސިސްޓަމްތަކާއި، ޑްރޯންތަކުގެ އިތުރުން އެސްޔޫ-30  ފައިޓަ ޖެޓްތަކުގެ އިންޖީނު އަޕްގްރޭޑް ކުރުން ހިމެނެ އެވެ.

ފަހަކަށް އައިސް އިންޑިއާއިން އެމެރިކާ، ފްރާންސް އަދި އިޒްރޭލުން ގަންނަ ދިފާއީ ސާމާނު އިތުރުކޮށްފައި ވިޔަސް، އަލަށް މި އޯޑަރުކުރި އެސް-400 ސިސްޓަމްތަކާއި އެސްޔޫ-30 އަޕްގްރޭޑްތަކުން، ރަޝިޔާއަކީ އަދިވެސް އިންޑިއާއަށް ދިފާއީ ސާމާނު ފޯރުކޮށްދޭ މުހިންމު ގައުމެއްގެ ގޮތުގައި އޮތްކަން ފާހަގަވެފަ އެވެ.

އެސް-400 ސިސްޓަމް ބޭނުންކުރާނީ "ދުޝްމަނުންގެ ދުރު ރާސްތާގެ ވައިގެ" ނުރައްކާތަކާ ދެކޮޅަށް ކަމަށާއި، "ރިމޯޓްލީ ޕައިލެޓަޑް ސްޓްރައިކް އެއާކްރާފްޓް" ނުވަތަ ހަތިޔާރު އެޅި ޑްރޯންތަކަކީ ހަމަލާދިނުމަށާއި ފާރަވެރިވުމަށް މި ބޭނުންކުރެވޭނެ ކަމަށް ބަޔާނުގައިވެ އެވެ.

އެއްގަމު ސިފައިންނަށް އެ ކައުންސިލުން ވަނީ ވައިގެ ދިފާއީ ކަންކަން ބަލަހައްޓާ ޓްރެކިން ސިސްޓަމަކާއި، ޓޭންކްތަކަށް ހަމަލާދޭ ވަޒަނާއި، ރޭޑިއޯ އާއި، އާޓިލަރީ އަދި ހަނގުރާމައިގެ މައިދާން މޮނިޓަރުކުރާނެ ވައިގެ ފާރަވެރި ނިޒާމެއް ގަތުމަށް ހުއްދަ ދީފަ އެވެ. -- އޭއެފްޕީ