ޔޫރަޕްގައި ނެސްލޭގެ ކިޓްކެޓް ޗޮކްލެޓްގެ ބޮޑު ޝިޕްމަންޓެއް ވަގަށް ނަގާފައިވާ ކަމަށް އެ ބްރޭންޑުން ބުނެފި އެވެ.
ސްވިޓްޒަލޭންޑްގެ މަޝްހޫރު ކުންފުނި ނެސްލޭގެ ދަށުން ހިންގާ ކިޓްކެޓުން ހޮނިހިރު ދުވަހު އޭއެފްޕީއަށް ފޮނުވި ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، "އާ ރޭންޖުގެ 413,793 ޗޮކްލެޓް ބަރުކޮށްގެން ޔޫރަޕްގެ ތެރޭގައި ދަތުރުކުރި ލޮރީއެއް ވަނީ ވަގަށްނަގައިފަ" އެވެ.
ގާތްގަނޑަކަށް 12 ޓަނުގެ ބަރުދަން ހުރި މި ޝިޕްމަންޓް ގެއްލިފައިވަނީ، ޕްރޮޑަކްޝަން ފެސިލިޓީން ނެރެގެން، މުދާ ޑިސްޓްރިބިއުޓްކުރާ މަރުކަޒަށް ސެންޓަރަށް ގެންދިޔަ މަގުމަތީގައި މިދިޔަ ހަފުތާގަ އެވެ.
"އަހަރެެމެން އަބަދުވެސް މީހުންނަށް ބާރުއަޅަނީ ކިޓްކެޓާ އެކު ބްރޭކެއް ނަގަން،" ކިޓްކެޓްގެ މަޝްހޫރު ސްލޯގަން ކަމަށްވާ 'ހޭވް އޭ ބްރޭކް' އަށް އިޝާރާތް ކުރައްވައި އެ ބްރޭންޑްގެ ތަރުޖަމާނަކު ބުންޏެވެ.
"އެކަމަކު، ހީވަނީ ވަގުން މި މެސެޖު މާ ސީރިއަސްކޮށް ނަގައި، 12 ޓަނަށްވުރެ ގިނަ ޗޮކްލެޓާ އެކު ފިލީހެން،" އޭނާ ވިދާޅުވި އެވެ.
މި ވައްކަމުގެ ސަބަބުން، ކުރިއަށް އޮތް އީސްޓަ ހޮލިޑޭގައި ފިހާރަތަކުން ކިޓްކެޓް މަދުވެދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދިނެވެ.
ވަގަށް ނެގި ލޮރީ ފުރާފައިވަނީ މެދުތެރޭ އިޓަލީންނެވެ. އެ ލޮރީ ދަތުރުކުރަމުން ދިޔައީ ޕޮލެންޑަށެވެ. ރާވާފައި އޮތީ ދާ މަގުމަތީގައި އެކި ގައުމުތަކަށް ޗޮކްލެޓް ފޯރުކޮށްދެމުންދާ ގޮތަށެވެ.
މި ތަކެތި ގެއްލުނީ ސީދާ ކޮން ސަރަހައްދަކުން ކަމެއް ކިޓްކެޓުން ހާމައެއް ނުކުރެ އެވެ. ނަމަވެސް، ޗޮކްލެޓް ހުރި ވެހިކަލާއި ޗޮކްލެޓްތައް ވެސް ނުފެންނަކަން ކަށަވަރުކޮށްދިނެވެ.
"ކަމާބެހޭ އިދާރާތަކާއި ސަޕްލައި ޗެއިންގެ ބައިވެރިންނާ ގުޅިގެން މި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށް،" ބަޔާނުގައިވެ އެވެ.
ގެއްލިފައިވާ ޗޮކްލެޓް ބާތައް ޔޫރަޕްގެ މާކެޓްތަކުގައި ނުރަސްމީ ގޮތެއްގައި ވިއްކުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކިޓްކެޓުން އިންޒާރު ދިނެވެ. އެކަމަކު ކޮންމެ ޗޮކްލެޓް ބާއެއްގައިވާ "ޔުނީކް ބެޗް ކޯޑް" އެއް އިންނާނެ ކަމަށާއި އެހެންވެ އެ ކޯޑު ސްކޭން ކޮށްގެން، އެއީ ވަގަށް ނަގާފައިވާ ބެޗްގެ އެއްޗެއްތޯ ދެނެގަނެވޭނެ ކަމަށް ބުންޏެވެ.
"މިފަދަ ކޯޑެއް ފެނިއްޖެ ނަމަ، ކިޓްކެޓަށް އެކަން އަންގާނެ ގޮތުގެ އިރުޝާދު ސްކޭނަރުން ލިބޭނެ. އަދި އެއަށްފަހު އެ ހެކިތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރެވޭނެ،" ކުންފުނިން ބުންޏެވެ. -- އޭއެފްޕީ