މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ އަނބިމީހާގެ ނާޖާއިޒު ފައިދާ ނަގައި، ފައިސާއަށް އެހެން ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިންގުވި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް، ރޭޕާއި، އަނިޔާކުރުމާއި، ހަށިވިއްކުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ ސްވިޑަންގެ ޕްރޮސެކިއުޓަރުން އުފުލައިފި އެވެ.
ޕްރޮސިކިއުޓަރުން ބުނި ގޮތުގައި މުޅި ގައުމަށް ސިހުން ލިބިފައިވާ މި މައްސަލައިގެ ތަހުގީގުން ވަނީ 120 މީހަކަށް އަނބިމީހާ ޖިންސީ ބޭނުމަށް ވިއްކިކަން އެނގިފަ އެވެ.
ގިނަ ބަޔަކު މި ހާދިސާ އަޅާކިޔަނީ ފްރާންސުގެ ޖިސޭލް ޕެލިކޯގެ މައްސަލައާ އެވެ. ޖިސޭލްގެ ފިރިމީހާ ޑޮމިނިކް ޕެލިކޯ ވަނީ، އަނބިމީހާއަށް މަސްތުވާތަކެތި ދީ ހޭވެރިކަން ނުވާ ހާލަތަށް ގެންގޮސް، އެތައް ބަޔަކު ލައްވައި އޭނާ ރޭޕްކުރުވި ކަމަށް އިއުތިރާފުވުމުން 2024 ވަނަ އަހަރު 20 އަހަރަށް ޖަލަށް ލައިފަ އެވެ.
ސްވިޑަންގައި، އުމުރުން 62 އަހަރުގެ މީހާ މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކުރީ އޭނާގެ އަނބިމީހާ ފުލުހުންނަށް މައްސަލަ ރިޕޯޓުކުރުމާ ގުޅިގެންނެވެ. އެ ދުވަހުން ފެށިގެން އޭނާ ހުރީ ބަންދުގަ އެވެ.
ދައުވާގައިވާ ގޮތުން، މި މީހާ ވަނީ އެތައް އަހަރެއް ވަންދެން އޭނާގެ އަނބިމީހާއަށް މަޖުބޫރުކޮށްގެން ޖިންސީ އަމަލުތައް ހިންގުވައިގެން ފައިސާ ހޯދައިފަ އެވެ.
މި މީހާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، ޖިންސީ ވިޔަފާރި އޮންލައިންކޮށް އިޝްތިހާރުކުރުމާއި، އެފަދަ ބައްދަލުވުންތައް އިންތިޒާމުކުރުމާއި އެ އަމަލުތައް ހިންގާ ތަންތަނުގައި ފާރައަށް ހުރުމާއި އަނބިމީހާއަށް މަޖުބޫރުކުރުވައިގެން މީހުން ޝައުގުވެރިކުރުވަން އިޝްތިހާރު ހެދުން ހިމެނެ އެވެ.
މީގެ އިތުރުން، އޭނާ ވަނީ އަނބިމީހާއަށް އަނިޔާކޮށް އިންޒާރުދީ، އޭނާގެ މަސްތުވާތަކެއްޗަށް ދެވި ހިފާފައި ހުރުމުގެ ނާޖާއިޒު ފައިދާ ނަގައި، އޭނާއަށް މަސްތުވާތަކެތި ހޯދައިވެސް ދީފަ އެވެ.
ސްވިޑަންގެ ގާނޫނު ބުނާ ގޮތުން ހަށި ވިއްކުމަކީ ކުށެއް ނޫނެވެ. އެކަމަކު އެ ފަދަ މީހެއްގެ ކައިރިއަށް ގޮސް އެ ކަން ލިބިގަތުމަކީ ކުށެކެވެ. އަދި އޭގެ އިތުރުން ހަށިވިއްކުމަށް މަގުފަހިކޮށްދިނުމަކީ ވެސް ގާނޫނާ ހިލާފު ކަމެކެވެ.
ރޭޕްގެ އަށް ދައުވާގެ އިތުރުން، މި މީހާގެ މައްޗަށް ވަނީ ރޭޕްކުރަން އުޅުމުގެ ހަތަރު ދައުވާއަކާއި މާރާމާރީގެ ހަތަރު ދައުވާއެއް ވެސް އުފުލައިފަ އެވެ.
މި ހުރިހާ ތުހުމަތަކަށް އޭނާ އިންކާރުކުރެއެވެ.
މި މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު 13 ވަނަ ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.
މިހާތަނަށް ވަނީ "ޖިންސީ ހިދުމަތް ހޯދި" ކަމަށް ތުހުމަތުކުރެވޭ 120 މީހުން ދެނެގަނެ، އޭގެ ތެރެއިން 26 މީހެއްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.