އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށް އިންޑޮނީޝިއާގައި ހެދި ގާނޫނަށް ގޫގުލް އަދި މެޓަ ކުންފުނިން އަމަލު ނުކުރުމުން މައްސަލަ ބަލަން ފަށައި އެ ކުންފުނިތަން ހާޒިރުކުރަން ސަރުކާރުން ނިންމައިފި އެވެ.  

ހޯމަ ދުވަހުގެ ރޭ އިންސްޓަގްރާމްގައި އާންމުކުރެއްވި ވީޑިއޯއެއްގައި އިންޑޮނީޝިއާގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މޫތިޔާ ހަފީދް ވިދާޅުވީ، ފޭސްބުކް، އިންސްޓަގްރާމް އަދި ތްރެޑްސްގެ މައި ކުންފުނި މެޓާގެ އިތުރުން ޔޫޓިއުބް ހިންގާ ގޫގުލް އިން "އިންޑޮނީޝިއާގެ ގާނޫނާ ޚިލާފުވެފައިވާތީ" އެ ކުންފުނިތައް ޖަވާބުދާރީވާން ހާޒިރުވުމަށް ސަރުކާރުން އަމުރު ފޮނުވަމުން އަންނަ ކަމަށެވެ.

މިއީ "ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިދާރީ އަދަބުތައް ދިނުމުގެ ގޮތުން" ނެރޭ އަމުރުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެޕްތަކަށް ދެވިހިފާފައިވާ އިންޑޮނީޝިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި ފިޔަވަޅު އެޅީ ފާހިޝް މަންޒަރުތަކާއި، ސައިބަ ބުލީ އަދި އިންޓަނެޓަށް ދެވިހިފުމުގެ ސަބަބުން ކުދިންގެ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު މުޅި ދުނިޔޭގައި އޮތް ކަންބޮޑުވުމަށް ރިއާޔަތްކޮށެވެ. 

އިންޑޮނީޝިއާގައި ކުދިންތަކެއް މަގުމަތީގައި އިށީނދެ ތިބެގެން ސޯޝަލް މީޑިއާ ބޭނުންކުރަނީ. -- ފޮޓޯ: އޭއެފްޕީ
އިންޑޮނީޝިއާގައި ކުދިންތަކެއް މަގުމަތީގައި އިށީނދެ ތިބެގެން ސޯޝަލް މީޑިއާ ބޭނުންކުރަނީ. -- ފޮޓޯ: އޭއެފްޕީ

އޮންލައިން ނުރައްކާތަކުން ކުދިން ރައްކާތެރިކުރުމަށް މިދިޔަ ޑިސެމްބަރު މަހު ފިޔަވަޅުތައް ތައާރަފްކުރި ފުރަތަމަ ގައުމު ކަމަށްވާ އޮސްޓްރޭލިއާ އިން ވެސް ދަނީ ފޭސްބުކް، ޓިކްޓޮކް އަދި ޔޫޓިއުބުން ގާނޫނާ ހިލާފުވެފައިވޭތޯ ބަލަމުންނެވެ.

މިނިސްޓަރު މޫތިޔާ ވިދާޅުވީ، މި ގާނޫނު ތަންފީޒުކުރުމުގައި އެއްވެސް "ދޫދިނުމެއް ނޯންނާނެ" ކަމަށެވެ.

އޭނާގެ ވީޑިއޯގައި ވަނީ ގާނޫނަށް ގޫގުލް އަދި މެޓާ އިން އެންމެ ކުރިން ވެސް ދެކޮޅު ހަދަމުން ދިޔަ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓިކްޓޮކް އަދި ރޮބްލޮކްސް އިން އަދި ފުރިހަމައަށް ގާނޫނަށް އަމަލުނުކުރި ނަމަވެސް، އެ ކުންފުނިތަކުން އަންނަނީ "މަސައްކަތްތަކެއް ކުރަމުން" ކަމަށެވެ. އެހެންވެ އެ ކުންފުނިތަކަށް ފޮނުވާނީ އިންޒާރުގެ ސިޓީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑޮނީޝިއާގެ ކެފޭއެއްގައި ބަޔަކު މަޑުކޮށްލައިގެން ތިބި އިރު ފޯނުން ސޯޝަލް މީޑިއާ ބޭނުންކުރަނީ. -- ފޮޓޯ: އޭއެފްޕީ
އިންޑޮނީޝިއާގެ ކެފޭއެއްގައި ބަޔަކު މަޑުކޮށްލައިގެން ތިބި އިރު ފޯނުން ސޯޝަލް މީޑިއާ ބޭނުންކުރަނީ. -- ފޮޓޯ: އޭއެފްޕީ

"އަހަރެމެން އިސްކަންދޭނީ އިންޑޮނީޝިއާއަކީ ހަމައެކަނި ޑިޖިޓަލް މާކެޓެއްގެ ގޮތުގައި ނުބަލައި، އިންޑޮނީޝިއާގެ ގާނޫނުތަކަށާއި ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމަށް އިހުތިރާމްކުރާ ކުންފުނިތަކާ އެކު މަސައްކަތްކުރަން،" އޭނާ ވިދާޅުވި އެވެ.

އިންޑޮނީޝިއާގެ އާބާދީ 284 މިލިއަނަށްވުރެ ބޮޑެވެ. އަދި އެއީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ސޯޝަލް މީޑިއާ ބޭނުންކުރާ އެއް ގައުމެވެ. މީގެ ތެރޭގައި 16 އަހަރުން ދަށުގެ 70 މިލިއަނެއްހާ ކުދިން ހިމެނެ އެވެ.

"މިއީ ފަސޭހަ ކަމެއް ނޫންކަން އަހަރެމެންނަށް އެނގޭ. އިންޑޮނީޝިއާ އަކީ ޑިޖިޓަލް މައިދާނުގައި އެންމެ ހަރަކާތްތެރި އެއް ގައުމު، މީހުން އެވްރެޖްކޮށް ދުވާލަކު 7 ނުވަތަ 8 ގަޑިއިރު ފޯނު ބޭނުންކުރޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވަނީ ގާނޫނާ ހިލާފުވާ ކުންފުނިތަކުގެ މައުލޫމާތު ރިޕޯޓްކުރުމަށާއި، މިކަން މޮނިޓަކުރުމުގައި ސަރުކާރަށް އެހީތެރިވުމަށް ބެލެނިވެރިންނަށާއި ކުދިންނަށް ގޮވާލައްވައިފަ އެވެ. -- އޭއެފްޕީ