މައްކާގެ ދަތުރުފަތުރާއި އިންފްރާސްޓްރަކްޗާގެ ފެންވަރު މަތިކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ ދަށުން، އެ ސިޓީގައި އެއާޕޯޓަކާއި މެޓްރޯ ނިޒާމެއް ގާއިމުކުރުމުގެ ޕްލޭންތައް ކުރިއަށްދާ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
މައްކާ ސިޓީ އަދި މުގައްދަސް ބިނާތަކާ ބެހޭ ކޮމިޝަންގެ ސީއީއޯ، ސާލިހް އަލް ރަޝީދު "ހާވަޑް ބިޒްނަސް ރިވިއު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިލިއަނުން މީހުން ޒިޔާރަތްކުރާ މައްކާގައި ހިދުމަތް ދިނުމަށްޓަކައި، ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް އެ ސިޓީގައި ތަރައްގީކުރުމަށް ބޭނުންވާ އިގްތިސާދީ އަދި އިންވެސްޓްމަންޓް ހުއްދަތައް މިހާރު ލިބިފައިވާ ކަމަށެވެ.
މައްކާގައި މިހާރު ކޮމާޝަލް އެއާޕޯޓެއް ނޯވެ އެވެ. ހަރަމްފުޅަށް ޒިޔާރަތްކުރާ މީހުން ދަނީ ކައިރި ސިޓީތަކުގެ އެއާޕޯޓްތަކަށެވެ. އެންމެ ގިނައިން ބޭނުންކުރަނީ ޖިއްދާގައި އޮންނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓެވެ. އެއީ މައްކާއާ ގާތްގަނޑަކަށް 75 ކިލޯމީޓަރު ދުރެވެ.
ރަޝީދު ވިދާޅުވީ، ކައިރީގައިވާ އެހެން ސިޓީތަކުގެ އެއާޕޯޓްތަކަށް ގެއްލުން ނުވާނެ ފަދަ އިންވެސްޓްމަންޓް މޮޑެލްތަކެއް ތައާރަފުކުރުމަށް ޕްރައިވެޓް ސެކްޓަރާ ގުޅިގެން ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ އިތުރުން، "މައްކާ މެޓްރޯ" ގާއިމުކުރުމަށް ބޭނުންވާ ފީޒިބިލިޓީ ސްޓަޑީތަކާއި ކުރެހުންތަކުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.
ދަތުރުފަތުރުގެ އިތުރުން، މައްކާގައި ދިރިއުޅޭ ރައްޔިތުންނާއި ޒިޔާރަތްކުރާ މީހުންނަށް ބޯހިޔާވަހިކަމާއި، އިންފްރާސްޓްރަކްޗާ އަދި އާންމު ހިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ކަންކަމާ އެކު "ސްމާޓް މައްކާ" ޕްރޮގްރާމް ވެސް ވަނީ ފަށައިފަ އެވެ. މިއީ މަސްޖިދުލް ހަރާމް އާއި އެ ސަރަހައްދުގައި މީހުން ތޮއްޖެހޭ މިންވަރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ބަލައި، މޮނިޓާކޮށް މެނޭޖްކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި މަޝްރޫއުގެ ދަށުން، ހަރަމްފުޅު ސަރަހައްދުގައި މީހުން ގިނަވެ ތޮއްޖެހޭ ހިސާބުތައް ދުރާލައި ދެނެގަނެވޭނެ (ޕްރިޑިކްޓިވް ސިސްޓަމް) އެއް ގާއިމުކުރުން ހިމެނެ އެވެ.
މީގެ އިތުރުން، ރަޝީދު ވަނީ ބަހާއި، ޓެކްސީ އަދި ގައިޑެޑް ޓްރާންސްޕޯޓް ނިޒާމުތަކަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރައްވައިފަ އެވެ. މީގެ ތެރޭގައި "މައްކާ ޓެކްސީ" ފެށުން ހިމެނެ އެވެ. މި ޓެކްސީތަކަކީ ޓްރެކިންގް ސިސްޓަމް ހަރުކޮށް އަދި އިލެކްޓްރޯނިކްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ، ޒަމާނީ އުޅަނދުތަކެކެވެ. މީގެ ތެރޭގައި އިލެކްޓްރިކް އަދި ހައިބްރިޑް މޮޑެލްތައް ވެސް ހިމެނެ އެވެ.
މައްކާގެ ބަހުގެ ވިއުގަ މިހާރު އޮޕަރޭޓް ކުރަނީ 12 ރޫޓެއްގައި 400 ބަސް ބޭނުންކޮށްގެންނެވެ. މިއީ މައްކާގެ ގިނަ އަވަށްތަކެއް ގުޅުވާލަދޭ، 430 ބަސް ސްޓޮޕް ހިމެނޭ ވިއުގައެކެވެ. މީގެ އިތުރުން މަރުކަޒީ ސަރަހައްދުގައި މައިގަނޑު ހަތަރު ބަސް ސްޓޭޝަނެއް ހުރެ އެވެ.
"ފެބްރުއަރީ 2022 ގައި މި ހިދުމަތް ފެށި ފަހުން، މިހާތަނަށް 185 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން ބަހުގެ ހިދުމަތް ހޯދާފައިވާއިރު، 3.8 މިލިއަނަށް ވުރެ ގިނަ ދަތުރު ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
މަސްޖިދުލް ހަރާމްގެ ވަށައިގެންވާ ސަރަހައްދަށް ގެންދަ ތަރައްގީގައި 60 މެއިންޓެނަންސް ބިލްޑިންގާއި 32 އިލެކްޓްރިކް އެސްކަލޭޓަރު ގާއިމުކުރުން ހިމެނެ އެވެ. މިއީ އޮޕަރޭޝަންތައް ހަލުވިކޮށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމުގައި ފަސޭހަކޮށްދިނުމަށް ހަދާ ތަންތަނެވެ.
ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި އަރަފާތުގެ އަށް ސަރަހައްދެއް ތަރައްގީކުރުން ހިމެނެ އެވެ. މީގެ ތެރޭގައި 190,000 އަކަމީޓަރުގެ ސަރަހައްދެއް ހިމެނޭއިރު، 33,000 އަކަމީޓަރުގެ ސަރަހައްދެއްގައި ދެ ބުރީގެ ފޭލިގެތައް ޖެހުމާއި، ހައްޖުވެރިންނަށް 27,000 މީހުންގެ ޖާގައިގެ 10 ރެސިޑެންޝަލް ޓަވަރު ބިނާކުރުން ހިމެނެ އެވެ. އަދި މިނާގައި 200 އެނދުގެ އިމަޖެންސީ ހޮސްޕިޓަލެއް ވެސް ބިނާކުރާނެ އެވެ. -- ސައޫދީ ގެޒެޓް