އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ކުރިއަށްގެންދާ ހަނގުރާމައިގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރަން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުން ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.
މި ސަރަހައްދާއި އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގެ ސަރުކާރުތަކުން ވަނީ ހަކަތަ އިގްތިސާދު ކުރުމަށާއި، ތެލުގެ ދަތިކަމުން އަރައިގަތުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ.
ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ސިވިލް ސާވިސްގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ބައެއް ގައުމުތަކުން ވަނީ އަންގައިފަ އެވެ. ބައެއް ގައުމުތަކުގައި މަސައްކަތު ހަފުތާ ކުރުކުރުމުގެ އިތުރުން، ޔުނިވަރސިޓީތައް އަވަހަށް ބަންދުކުރުން ފަދަ ފިޔަވަފިޔަވަޅުތައް ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ.
ސްރީ ލަންކާއަކީ މި ބަދަލުތައް އެންމެ ފުޅާދާއިރާއެއްގައި ގެނައި އެއް ގައުމެވެ. އެ ގައުމުގެ ސަރުކާރުން ނިންމާފައިވަނީ ހަފުތާއަކު ހަތަރު ދުވަހު މަސައްކަތް ކުރާ ގޮތަށް ބަދަލު ކުރުމަށެވެ. އަދި ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.
ލަންކާ ސަރުކާރުގެ ރަސްމީ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ އިދާރާތަކުން ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން މުވައްޒަފުން ދަތުރުފަތުރު ކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމަށްޓަކައި ބުދަ ދުވަސް ބަންދުކޮށް، މަސައްކަތު ހަފުތާ ހަތަރު ދުވަހަށް ކުރުކުރުމަށް ނިންމާފައިވާ ކަމަށެވެ
އިރުމަތީ އޭޝިއާ އަށް ނިސްބަތްވާ ތައިލެންޑުގެ ސަރުކާރުން ވެސް ވަނީ ހަކަތަ އިގްތިސާދު ކުރުމަށްޓަކައި ހާއްސަ އަމުރެއް ނެރެފަ އެވެ އެ ގައުމުގެ ސަރުކާރުން އަންގާފައި ވަނީ އާންމު އަސާސީ ހިދުމަތްތަކާ ސީދާ ގުޅުން ނެތް ހުރިހާ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށެވެ.
"މިއީ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށާއި ދައުލަތުގެ ވަސީލަތްތައް މެނޭޖުކޮށް ހިންގުންތެރިކަން އިތުރުކުރުމަށްޓަކައި އެޅި ފިޔަވަޅެއް،" ތައިލެންޑުގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުންޏެވެ.
ކޮންމެހެން ހުޅުވައިގެން ހިދުމަތް ދޭން ޖެހޭ އޮފީސްތަކުގައި ވެސް ފިނިހޫނުމިން ވަކި ވަރެއްގައި ހިފެހެއްޓުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ.
ވިއެޓްނާމާއި މެލޭޝިއާ ފަދަ ގައުމުތަކުން ވެސް ދަނީ މިފަދަ ފިޔަވަޅުތަކެއް އަޅަން ތައްޔާރު ވަމުންނެވެ.
މެލޭޝިއާގެ ސަރުކާރުން ވަނީ އޭޕްރީލް 15 އިން ފެށިގެން ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފަ އެވެ
ވިއެޓްނާމްގެ އިންޑަސްޓްރީ މިނިސްޓްރީން ބުނެފައިވަނީ، ދަތުރުފަތުރުގެ ބޭނުންތައް ކުޑަކުރުމަށްޓަކައި ވީވަރަކުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ވިޔަފާރިތަކަށް އިލްތިމާސްކުރާ ކަމަށެވެ
މި ހުރިހާ ފިޔަވަޅުތަކެއްގެ މައިގަނޑު ބޭނުމަކީ ތެލާއި ހަކަތައިން ކުރަން ޖެހޭ ބޭނުން މަދުކޮށް، ގައުމުގެ ރިޒާވް ހިފެހެއްޓުން ކަމަށް އެ ގައުމުގެ ސަރުކާރުތަކުން ވަނީ ބުނެފަ އެވެ.