އިޒްރޭލާއި އެމެރިކާއިން އިސްވެ އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ގޯސްވުމުން، "ފައިނަލިސިމާ" މެޗު ކެންސަލްކޮށްފައިވާ ކަމަށް ޔޫއެފާއިން ބުނެފި އެވެ.
ންމެ ފަހުގެ ޔޫރޯ ކާމިޔާބުކުރި ސްޕެއިނާއި ކޮޕާ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ ބައްދަލުކުރަން އޮތް މި މެޗަކީ، ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް ލިއޮނަލް މެސީ އާއި ބާސެލޯނާގެ އުންމީދީ ތަރި ލަމީން ޔަމާލް އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް ތާރީހީ ކުރިމަތިލުމެކެވެ.
މި މަހުގެ ފަހުކޮޅު ގަތަރުގައި ކުޅެން ހަމަޖައްސާފައި އޮތް މެޗު ކެންސަލް ކުރީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ސަލާމަތީ ކަންކަމަށް ރިޢާޔަތް ކުރުމަށް ފަހު އެވެ. ގަތަރަކީ މިފަދަ ބޮޑު މެޗެއް ބޭއްވުމަށް މިވަގުތު އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ޔޫއެފާ އިން ވަނީ ނިންމާފަ އެވެ.
މެޗު ބާއްވާނެ އެހެން ތަނަކާއި ތާރީހަކާ މެދު އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު އެއްބަސްވުމަކަށް ނާދެވުނެވެ. ޔޫއެފާ އިން ވަނީ މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި މި މަހުގެ 27 ގައި މެޗު ކުޅެން ހުށަހަޅާފަ އެވެ. އަނެއް ހުށަހެޅުމަކީ "ހޯމް އެންޑް އަވޭ" އުސޫލުން ދެ ލެގްގެ މެޗެއް މެޑްރިޑާއި ބުއެނޮސް އައިރެސްގައި ކުޅުމެވެ. ނަމަވެސް އާޖެންޓީނާ އިން މި ހުރިހާ ހުށަހެޅުމަކަށް އިންކާރު ކުރުމުން އެކަން ވަނީ ނާކާމިޔާބު ވެފަ އެވެ.
އާޖެންޓީނާ އިން މެޗު ކުޅެން ބޭނުންވީ ސްޕެއިނަށް ކުޅެވެން ނެތް ތާރީހެއް ކަމަށްވާ މި މަހުގެ 31 ގައެވެ. އަދި ޖޫން ނުވަތަ ޖުލައި މަހު ބާއްވާ ވޯލްޑް ކަޕަށް ފަހު ކުޅެން އާޖެންޓީނާ އިން ހުށަހެޅި ނަމަވެސް، ސްޕެއިންގެ އެހެން މެޗުތަކުގެ ތާވަލު ހުރި ގޮތުން އެ ފުރުސަތު ވެސް ވަނީ ގެއްލިފަ އެވެ.
މިއީ ޔޫރަޕްގެ ޗެމްޕިއަނުންނާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާގެ ހަތަރުވަނަ އެޑިޝަނެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ 2022 ވަނަ އަހަރު އިޓަލީ ބަލިކުރި އާޖެންޓީނާ އެވެ.
މިފަހަރުގެ މެޗު ކެންސަލްވުމަކީ 38 އަހަރުގެ މެސީ އާއި 18 އަހަރުގެ ޔަމާލްގެ ކުރިމަތިލުން ބަލާލަން ތިބި ސަޕޯޓަރުންނަށް ކުރިމަތިވާނެ ބޮޑު މާޔޫސް ކަމެކެވެ. މެސީގެ ކުޅުމާ ދާދި އެއްގޮތް ކަމަށް ބުނެ ތަޖުރިބާކާރުން އަންނަނީ ޔަމާލްގެ ކުޅުން މެސީއާ އަޅާކިޔަމުންނެވެ.